މަނީ ލޯންޑަރިންގެ ފުރަތަމަ ދައުވާއިން ރައީސަކު ޖަލަށް!

އޮގަސްޓް 4، 2019: ކުރީގެ ރަައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ ކުރި ދައުވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފެބްރުއަރީ 13، 2019ގައި އުފުލި އެވެ. އެ ދައުވާގެ ޝަރީއަތް ގާތްގަނޑަކަށް އަށް މަސް ދުވަހަށް ދިގު ދެމިގެން ދިޔައިރު، އެ ޝަރީއަތްވެގެން ދިޔައީ އަހަރުގެ އެންމެ ބޮޑު ޝަރީއަތަށެވެ. އެންމެންގެ ލޯތައް އެ ޝަރީއަތަށް ހުއްޓުނެވެ. މުޅި ގައުމު އޮތީ އެ މައްސަލަ ނިމޭނެ ގޮތެއްގެ އިންތިޒާރުގަ އެވެ.

ކުރެވުނު ތުހުމަތާއި ދައުވާ

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކުރީ އެމަނިކުފާނު ރައީސްކަމުގައި ހުންނެވި އިރު، އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ނަމަކަށް ކިޔާ ފަޅުރަށެއް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާވުމުން އެ ފައިސާގެ އަސްލު އޮޅުވާލި ކަމުގެ ތުހުމަތުގަ އެވެ.

އެ އެއް މިލިއަން ޑޮލަރުގެ މައްސަލަ ތަހުގީގުކޮށް ނިމެންދެން އެ ފައިސާ އޭސީސީއާ އެމަނިކުފާނާ ދެމެދު ހެދި އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވި ނަމަވެސް، އެސްކްރޯ އެކައުންޓަށް ޖަމާ ކުރީ ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ހޯއްދެވި އެއް މިލިއަން ޑޮލަރެކެވެ. އޭރު "އަސްލު" އެއް މިލިއަން ޑޮލަރު ހުރީ އިސްލާމިކް ބޭންކުގައި ހުޅުވާފައި ހުރި އެމަނިކުފާނުގެ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓެއްގައި މަންފާ ލިބޭ ގޮތަށް ރައްކާކޮށްފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކްރިމިނަލް ކޯޓަށް ވަޑައިގަންނަވަން ކާރުކޮޅަށް އަރުވައްނީ--- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

އެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ ކުރީ ފެބްރުއަރީ 13، 2019ގައެވެ. 13 އަކީ ރައީސް ޔާމީންގެ "ލަކީ ނަމްބަރު" ކަމަށް ގިނަ ބަޔަކު ގަބޫލު ކުރިއަސް އެ ދުވަހު ކަން ވެގެން ދިޔައީ އެއާ ހިލާފަށެވެ.

އެ ދުވަހު ގިނަ އަކުރުތަކަކާއި ނަމްބަރުތަކަކާ ހަވާލާދީ ޕީޖީއިން ކުރީ މަނީ ލޯންޑަރިންގެ ދައުވާ އެވެ. އެއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އެ ދައުވާ ކުރި ފަހަރެވެ. ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކުރީ މަނީލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުުރުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދަށުންނެވެ.

ލައިވްކޮށް ދުރަށް ދެއްކި ފުރަތަމަ ޝަރީއަތް

ޔާމީންގެ މަނީ ލޯންޑަރިން މައްސަލައިގައި ކްރިމިނަލް ކޯޓުގައި ފުރަތަމަ އަޑުއެހުމެއް ބޭއްވީ އޭޕްރިލް 25، 2019ގައެވެ. އެ ދުވަހު އޮތީ ދައުވާ އިއްވުމާއި ހެކި ހުށަހެޅުމެވެ. އެ އަޑުއެހުން ލައިވެއް ނުކުރެ އެވެ.

ދެވަނަ އަޑުއެހުން ބޭއްވީ ޖުލައި 21، 2019ގައެވެ. އޭގެ ކުރީ ދުވަހު ޕީޖީގެ އެދުމުގެ މަތިން ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތްތައް ލައިވް ކުރާ އުސޫލެއް އެކުލަވާލައި، ޔާމީންގެ ޝަރީއަތް ލައިވްކޮށް ކުރިއަށްގެންދަން ނިންމާފަ އެވެ.

ޖުލައި 21ގައި ބޭއްވި އަޑުއެހުން ވެގެން ދިޔައީ ރާއްޖޭގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ޓީވީއިން ލައިވްކޮށްގެން ދެއްކި އަޑުއެހުމަށެވެ. އެ ފަހުން ބޭއްވި ހުރިހާ އަޑުއެހުމެއްވެސް ވަނީ ޓީވީއިން ލައިވްކޮށް ދުރަށް ދައްކައިފަ އެވެ.

ރައީސް ޔާމީންގެ މަނީ ލޯންޑަރިން މައްސަލައަށް ވަޑައިގެންނެވި ދައުލަތުގެ ވަކީލުން ---

އެ އަޑުއެހުންތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެން ދިޔައީ، ރައީސް ޔާމީނާ ދެކޮޅަށް ކުރީގެ ނައިބު ރައީސް އަދި ޔައީސް ޔާމީންގެ ކުރީގެ ގާތް އެކުވެރިޔާ، އަހުމަދު އަދީބު ހެކިބަސް ދިން އަޑުއެހުމަށާއި، އެމަނިކުފާނަށް ހުކުމް އިއްވި އަޑުއެހުމަށެވެ.

ދައުލަތުގެ ވަކީލުންގެ ޓީމު ލީޑު ކުރެއްވި އައިޝަތު މުހައްމަަދުގެ ދޫފަރިތަކަމާއި ހުށިހާރުކަން ގިނަ ބައެއްގެ ސަމާލުކަމަށް އައެވެ. އޭގެ އިތުރުން ހުލާސާ ބަޔާން އިއްވި ދުވަހު، ޔާމީންގެ ވަކީލު އާދަމް އާސިފް ހުލާސާ ބަޔާން އިއްވި "ހުތުބާ"ގެ ރާގު ގާޒީ އަހުމަދު ހައިލަމްއަށް ކަމު ނުގޮސްގެން އެކަން ހުއްޓުވުމުންވެސް ގިނަ ބައެއްގެ ސަމާލުކަމަށް އެކަން އައެވެ.

އެންމެ މައްސަލައެއް، ހަ ފަނޑިޔާރުން

ރައީސް ޔާމީންގެ މައްސަލަ ފުރަތަމަ ދުވަހުން ފެށިގެން ހުލާސާ ބަޔާނާ ހިސާބަށް ބައްލަވަމުން ގެންދެވީ ގާޒީ އަހުމަދު ހައިލަމް އެވެ. ޝަރީއަތް ލައިވްކޮށް ދެއްކުމުގެ ސަބަބުން ހައިލަމްވެސް މުޅި ގައުމަށް މަަޝްހޫރުވެގެން ދިޔަ އެވެ. އެކި ހޮޅުއަށިތަކުގައި އޭނާއަށް ފާޑުކިޔުމާއި ތަައުރީފު ކުރުން ކުރިއަށް ދިޔަ އެވެ.

މައްސަލަ ހަލުވިކޮށް ކުރިއަށް ގެންގޮސް، ހުލާސާ ބަޔާން އިއްވުމާ ހަމައަށް ވާސިލުވީ އޮކްޓޯބަރު 9، 2019ގައެވެ. ނޮވެމްބަރު ފަހެއްގައި ހުކުމް އިއްވަން އެ ދުވަހު ތާވަލު ކުރިއެވެ.

އޮކްޓޯބަރ 31، 2018: ކުރީގެ ގާޒީ އަހުމަދު ހައިލަމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނޮވެމްބަރު ފަހެއް ޖެހުމުގެ ކުރިން ހައިލަމްއަށް ހެދުނު "ގޯހަކުން" މަންޒަރު ވަރަށް ބޮޑަށް ބަދަލުވި އެވެ. ނޮވެމްބަރު ތިން ވަނަ ދުވަހު ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ހައިލަމް ވައިބާ ގްރޫޕަކަށް ލީ ފޮޓޯއެއްގެ މައްސަލަ ފެންމަތިވި އެވެ. އެކަމާ ގުޅިގެން ޖޭއެސްސީއިން އޭނާގެ ސުލޫކީ މައްސަލައެއް ބަލަން ފެށި އެވެ. އަދި ފަސް ވަނަ ދުވަހު ހުކުމް އިއްވަން ހަތަރު ގަޑިއިރަށް ވެފައި ވަނިކޮށް، ޖޭއެސްސީއިން އޭނާ ސަސްޕެންޑު ކުރި އެވެ.

ނަތީޖާއެއްގެ ގޮތުން ރައީސް ޔާމީންމެ މައްސަލަ ދެން ދިޔައީ، ކްރިމިނަލް ކޯޓުގެ ހިންގުން އެ ދުވަހު ހަވާލު ކުރި ގާޒީ އަލީ ރަޝީދު އަތްޕުޅަށެވެ. ގާޒީ އަލީ ރަޝީދާ މެދު ރައީސް ޔާމީންގެ ފަރާތުން ހިތްހަމަ ނުޖެހުންތައް އޮތުމުން އެމަނިކުފާނުގެ ފަރާތުން އެދުނީ، މައްސަލަ ބަލަން ބެންޗެއް އެކުލަވާލާށެވެ.

ޔާމީންގެ އެދުމާ އެއްގޮތަށް ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލަން ކްރިމިނަލް ކޯޓުން ނިންމި އެވެ. އެ ބެންޗުގައި ހިމެނުނީ، ގާޒީ އަލީ ރަޝީދާއި ގާޒީ އަހުމަދު ޝަކީލާއި ގާޒީ މުހައްމަދު ސަމީރާއި ގާޒީ އަލީ އާދަމްގެ އިތުރުން ގާޒީ ހުސައިން ފާއިޒް ރަޝާދެވެ.

ބެންޗު އެކުލަވާލި ފަހުން ބޭއްވި ރައީސް ޔާމީންގެ މަނީ ލޯންޑަރިން މައްސަލައިގެ އަޑުއެހުމެއް --

ގާޒީ އަލީ ރަޝީދު މީޑިއާއަކަށް މައުލޫމާތު ދެއްވާފައިވާތީ އޭނާ ފަނޑިޔާރުންގެ ގާނޫނާ ހިލާފުވެފައިވާ ކަމަށް ޔާމީންގެ ފަރާތުން ބުންޏެވެ. އަދި އޭނާ މައްސަލައިން ތަނާޒުލުވާންވެސް އެދުނެވެ. އެކަމަކު، ބެންޗުން ނިންމީ އޭނާ ތަނާޒުލުވާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ފަސް އަހަރުގެ ޖަލު ހުކުމެއް

ނޮވެމްބަރު 28، 2019 އަކީ ރައީސް ޔާމީނަށް ހުކުމް ކުރި ދުވަހެވެ. އެދުވަހުގެ އަޑުއެހުމެއް ޔާމީން ވަޑައިގަތީ އެހެން ދުވަސްތަކާ ހިލާފަށް ބެގީ ނުކުރައްވައި އަތް ކުރު ގަމީހެއް ތުރުކުރައްވައިގެންނެވެ. ފަސޭހަފުޅު ގޮތަކަށެވެ. ހީވީ އެ ދުވަހު ޖަލަށް ދާން ޖެހިއްޖެ ނަމަ އެކަމަށްވެސް ތައްުޔާރުވެ ވަޑައިގެން ހުންނެވީ ކަމަށެވެ.

މުޅި ގައުމުގެ ކަޅި އެ ކަމަށް ހުއްޓިފައި ހުއްޓާ ކުރި ހުކުމުގައި ބުނީ ޔާމީންގެ މައްޗަށް ކުށުގެ ދެ އުންސުރުވެސް ސާބިތުވާ ކަމަށެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތު ކުރަން ބޭނުންވާ ދެ އުންސުރު ގާނޫނުގައި ބަޔާންކޮށްފައި އޮވެ އެވެ. އެއީ ވަކި މުދަލަކީ ކުށްކޮށްގެން ހޯދާ މުދަލެއްކަމަށް އެނގި ހުރެ ނުވަތަ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ޝައްކު ކުރެވޭ ހާލަތެއް އޮތުން އަދި އެ ހާލަތު އޮއްވައި އެ މުދަލެއް އަތުގައި ބެހެއްޓުން، ބޭނުން ކުރުން، ފޮރުުވުން، ނުވަތަ އަސްލު އޮޅުވާލުމެވެ.

އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާއި، އަދި އޭސީސީގެ ކުރީގެ ރައީސް މުއައްވިޒު ރަޝީދުގެ ހެކިބަހުންނާއި، ޝައްކު ކުރެވޭ ފައިސާއެއް ޔާމީންގެ އެކައުންޓްގައި ހުރި ކަމަށް އެމަނިކުފާނަށް އޭސީސީއިން އަންގާފައިވުމާއި، ޔާމީންގެ މާލީ ބަޔާނުގައި އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ "އެމްއެމްޕީއާރްސީގެ ފައިސާއިން އަދީބު ދިން" ކަމަށް ބެލެވޭ ފައިސާ ކަމަށް ޖަހާފައި އޮތުމުން ކުށުގެ ފުރަތަމަ އުންސުރު ސާބިތުވާ ކަމަށް ހުކުމުގައި ބުންޏެެވެ. އަދި އެސްކްރޯ އެކައުންޓަށް މުޅިން އެހެން ފައިސާއެއް ޖަމާ ކުރިކަން މޫސާ ޒަމީރުގެ ހެކިބަހުންނާއި ޓްރާންސެކްޝަން ތަކަށް ބެލުމުން އެނގެން އޮންނާތީ ކުށުގެ ދެވަނަ އުންސުރުވެސް ފުރިހަމަވާ ކަމަށް ހުކުމުގައިވެ އެވެ.

ރަައީސް ޔާމީންގެ ފަރާތުން ބުނަމުން އައީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވީ އަދީބު ޖަމާކުރި ކެމްޕޭން ފައިސާ ކަމަށެވެ. އަދި އެއީ ހިޔާނާތުގެ ފައިސާކަން ނޭނގޭ ކަމަށެވެ. އެކަމަކު، އެ ފައިސާއަކީ ކެމްޕޭން ފައިސާނަމަ އަމިއްލަ އެކައުންޓެެއްގައި އިންވެސްޓުކުރުމުގެ މާނައެއް ނެތް ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

ކުށް ސާބިތުވެ އަދަބު ކަނޑައެޅުމުގެ މަރުހަލާގައި ދައުލަތުން އެދުނު ގޮތަށް ފަސް އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރީމާނާއެއް ކުރި އެވެ. ހުކުމަށް ފަހު ޔާމީން ގެންދިޔައީ މާލޭ ޖަލަށެވެ. އެތަނުގައި އެއް ދުވަހު ބެހެއްޓުމަށް ފަހު ދެން ގެންދިޔައީ މާފުށީ ޖަލަށެވެ. އެމަނިކުފާނު ބަހައްޓާފައި ހުރީ، އެމަނިކުފާނުގެ ވެރިކަމުގައި ސިޔާސީ މީހުން ބައިތިއްބަން ހެދި ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓަކުން ޔުނިޓެއްގަ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ފަހުކޮޅޮ ވެގެން ދިޔައީ ސިޔާސީ މީހުން ފުލުފުލުގައި ޖަލަށް ލެވިގެން ދިޔަ ދުވަސްވަރަކަށެވެ. ވެރިކަން ބަދަލުވުމުން އެކަންތައްގަނޑު ނިމި ކުރިން ކުރި ހުކުމްތައް ބާތިލު ކުރުމުގެ އަހަރަކަށް އަލިވިލުނެވެ. އެ ހުރިހާ ކަމެއް އަނެއް އަތަށް ޖެހި 2019ގައި ޖަލަށް ލެވުނު ހަމައެކަނި ސިޔާސީ މީހަކަށްވީ ރައީސް ޔާމީނެވެ.

comment ކޮމެންޓް