ވިހިވިހި ފެށީ އެތައް ފޮނި އުންމީދުތަކަކާއި، ހުވަފެންތަކެއް ދެކެމުންނެވެ. އެކަމަކު އެ ހުރިހާ އުންމީދުތަކަކަށް ހިޔަނި އެޅި އަނދިރިކޮށްލީ ކޮވިޑުގެ ބަލިމަޑުކަމެވެ. އެއާ އެކު ގެނައި ބިރާއި ސިހުމުގައި އެތައް މަހެއް ތިބެން ޖެހުނީ ގޭގައި ބަންދުވެ ހަޔާތް ހުއްޓާލައިގެންނެވެ. މި ބިރުވެރިކަމުން އަދި ސަލާމަތް ވެވޭނެ ދުވަހެއް ބުނަން ވެސް ނޭނގެ އެވެ. މި ބިރުވެރިކަމުގެ ތެރެއިން ފުރާނަ އަތް މައްޗަށްލައިގެން މުޅި އިންސާނިއްޔަތަށް ޓަކައި ނިކުތް އެތައް ބައެއް އެބަ ތިއްބެވެ. ނުރައްކާ، ގޮތް ނޭނގޭ، ލޮލަށް ނުފެންނަ، ވައިރަހަކާ ދެކޮޅަށް ލަޝްކަރެއްހެން ރުކުރުވާލި ކުރީ ސަފުގެ ފަހުލަވާނުންނެވެ. އެ މީހުންނަކީ ވިހިވިހީގެ ހަގީގީ ބަތަލުންނެވެ.
"ސަން"ގެ އަހަރުގެ ސަހުސިއްޔަތަކީ ކުރީ ސަފުގެ ފަހުލަވާނުންނެވެ. ހުރިހާ އެއްޗެއް ދޫކޮށް އިންސާނިއްޔަތުގެ ސަލާމަތަށް ނިކުތް މި ހިތްވަރުގަދަ ފަހުލަވާނުންގެ ވާހަކަ ކިޔާލާށެވެ. ވީޑިއޯ ބަލައިލާށެވެ.
ޑރ. މޫސާ ހުސެއިން: ބަލިމީހުންނަށް ފަރުވާ ދިނުމުގައި އެންމެ ކުރީ ސަފުގައި
ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި ޑރ.މޫސާ ހުސެއިން އައިޖީއެމްއެޗް ހޮސްޕިޓަލްގައި ހިދުމަތް ފެއްޓެވީ 2014 ވަނަ އަހަރު އެވެ. ހިތުގައި ބޭއްވެވި އަޒުމަކީ ކޮންމެފަދަ ހާލެއްގައި ނަމަވެސް ބަލިމީހުންނަށް ހިދުމަތް ކުރުމުގައި އަޒުމެވެ.
ރާއްޖޭގައި 2018 ވަނަ އަހަރު ފެތުރުނު އިންފްލުއެންޒާގައިވެސް، އިސް ސަފުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ލިބިވަޑައިގަތްއިރު މިއަދު އެ ތަޖުރިބާތައް ސިފަކުރައްވަނީ ހަމައެކަނި މެޗު ފެއްޓުމުގެ ކުރިން ކުޅުނު ފްރެންޑްލީ މެޗެއްގެ ގޮތުގަ އެވެ. މިއަހަރު މުޅި ދުނިޔެ ތަހައްމަލު ކުރަންޖެހުނު "ކޮވިޑް19" އަކީ ޑރ. މޫސަ ވިދާޅުވާ ގޮތުން ހަޔާތަށްވެސް ލިބުނު އަގުހުރި ފިލާވަޅަކާއި އެތައް އިހުސާސްތަކުން ފުރިގެންވާ ތަޖުރިބާއެކެވެ.
"އަޅުގަނޑު ހަނދާންވޭ ފުރަތަމަ ކޮވިޑް ބަލިމީހެއް ކައިރިއަށް ދިޔަ ދުވަސް، ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް މިއީ ގިނަބަޔަކު ބިރުގަންނަ ތަފާތު ބައްޔަކަށްވާއިރު ފުރަތަމަ ފަހަރަށް ޕީޕީއީ އެއް ލައިގެން ދިޔަ ދުވަސް ވަރަށް ހަނދާންވޭ. އޭގެ ފަހުން އަޅުގަނޑުމެން ޑައިގްނޯޒްކޮށް ފަރުވާދިން ފުރަތަމަ ބަލިމީހާ ކަމުގައިވާ ބިދޭސީ ފަތުރުވެރިއާ ބަލިން ރަނގަޅުވެގެން އެދުވަހު އޭނާގެ މޫނުމަތިން ފެނުނު އުފާވެރިކަންވެސް ވަރަށް ހަނދާންވޭ،" ޑރ.މޫސަގެ ކޮވިޑް ތަޖުރިބާގެ ބައެއް ހަނދާންތައް "ސަން"އާ ހިއްސާކުރެއްވި އެވެ.
ކޮވިޑްގައި ހާލު އެންމެ ބޮޑުވާ ބަލިމީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގެ އައިސީޔޫ އާއި، ކޮވިޑް ފެސިލިޓީގެ އައިސީޔޫގެވެސް އެންމެ އިސް ޑޮކްޓަރުންގެ ތެރޭގައި ޑރ. މޫސަ ހިމެނިވަޑައިގަންނަވަ އެވެ. އަދި އެކި ދާއިރާތަކަށްް ހާއްސަ ޑޮކްޓަރުން ހިމެނިވަޑައިގަންނަވާ ކްލިނިކަލް މެނޭޖްމަންޓް އެޑްވައިޒަރީ ޓީމްގައިވެސް މުހިންމު މަސައްކަތްތަކެއް ޑރ. މޫސަ އަންނަނީ ކުރައްވަމުންނެވެ.
އިންޑިއާގެ ބަނަރަސް ހިންދޫ ޔުނިވާސިޓީއިން ތައުލީމު ހާސިލްކުރައްވާފައިވާ ޑރ.މޫސަ ވިދާޅުވާ ގޮތުގައި ކޮވިޑް19ގެ ތެރޭގައި ހޭދަކުރައްވަންޖެހުނީ ބުރަ ދުވަސްތަކެކެވެ. މަހެއްހާ ދުވަސް ވަންދެން ހެނދުނު ހެނދުނާ ޑީއެޗް11 ގެ އައިސީޔޫގައި މަސައްކަތް ފައްޓަވާއިރު، ހަވީރު ހަތަރެއްޖެހުމުން ޑިއުޓީ ނިންމަވާ ދެން ވަޑައިގަންނަވަނީ ހުޅުމާލޭ ފެސިލިޓީގެ އައިސީޔޫއަށެވެ. ދަންވަރު 12 ޖަހަންދެން ހުޅުމާލޭގައި މަސައްކަތް ކުރެއްވުމަށްފަހު އެނބުރި އަނެއްކާވެސް ޑިއުޓީއަށް ތައްޔާރުވެ، އަރާމް ކުރުމަށްޓަކައިވެސް މަޑުކުރައްވަން ޖެހެނީ ޑީއެޗްގަ އެވެ.
އެދުވަސްތަކާއި އަޅާބަލާއިރު ބޮޑެތި ލުއިތަކެއް މިއަދު މިވަނީ ރާއްޖެއަށް ލިބިފަ އެވެ. ޑރ.މޫސަ ވިދާޅުވަނީ މިއީ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ އެކި ފަންތިތަކުގެ މުވައްޒަފުންނާއި އާންމު ރައްޔިތުންގެވެސް އެއްބާރުލުމާއި އެކު ލިބުނު ކާމިޔާބީ ތަކެއް ކަމަށެވެ. ހަމައެޔާއެކު މިފަދަ ބަލިމަޑުކަމެއްގެ ތަޖުރިބާއާއި އެކު ރާއްޖޭގެ ސިއްހީ ނިޒާމުގައި ހުރި ދަތިތައް ދެނެގަތުމުގެ ފުރުސަތުވެސް ލިބުނުކަން ޑރ. މޫސަ ފާހަގަކުރެއްވި އެވެ.
އާއިޝަތު ޒިޔާނާ: އެންމެ އެކަނިވެރިވެ، ބަލިވީ ދުވަހު އެންމެ ގާތުގައިވި
ގިނަބަޔަކަށް ހޮސްޕިޓަލްތަކަކީ ދާން ބޭނުން ނުވާ ފޫހި އެކަނިވެރި ހިތްދަތި ތަނެކެވެ. އެހެންނަމަވެސް ފާއިތުވި ހަ އަހަރު ރެޖިސްޓާޑް ނަރުހެއްގެ ގޮތުގައި އައިޖީއެމްއެޗްގެ އައިސީޔޫގައި މަސައްކަތްކުރަމުން އަންނަ އާއިޝަތު ޒިޔާނާއަށް ހޮސްޕިޓަލުގައި ބަލި މީހުންނަށް ހިދުމަތް ކުރުމަކީ އޭނާއަށް ލިބޭ އުފަލެވެ. ބަލިމީހުންނާއި ވާހަކަދައްކާ ބައްދަލުކުރުމަށް ހާއްސަ ޝައުގެއް އޭރުވެސް ހުރިއިރު މި ދާއިރާއިން ކުރިއަށްދިއުމަށް އެންމެ ބޮޑަށް ހިތްވަރު ލިބުނީ ނާސިން ކިޔެވި އެހެން ރަހުމަތްތެރިއެއްގެ ފަރާތުންނެވެ.
ކޮވިޑް19ގައި ފަސްމަސް ދުވަހު އާއިލާއާއި ދުރުގައި ގައުމީ ހިދުމަތުގައި ހުރުމުގެ ފުރުސަތު ލިބުމަކީ ޒިޔާނާ ބުނާގޮތުން އޭނާގެ މުޅި ހަޔާތުގައިވެސް ކުރެވުނު އެންމެ ތަފާތު އެންމެ ހާއްސަ ތަޖުރިބާ އެވެ.
"މާޗްމަހުން ފެށިގެން ގާތްގަނޑަކަށް ފަސް މަސް ދުވަސް މިހޭދަކުރީ އާއިލާއާއި ދުރުގައި. ރޯދަމަސްވެސް ގެއަށް ނުގޮސް ހަމަ ވަކިން. އެއީ ވަރަށް ދެރަވި އަދި ސްޓްރެސްވި ކަމެއް. އެކަމަކު ޕްރޮފެޝަނަލީ ވަރަށް ގިނަ ކަންކަން ދަސްވެ، ވަރަށް ގިނަ ބަޔަކާއި ބައްދަލުވެ، އާ ތަޖުރިބާތަކެއް ކުރެވުނު އަހަރެއް މި" ޒިޔާނާ ވިދާޅުވި އެވެ.
ކޮވިޑް19 އަށް ބަލިމީހަކު ޕޮޒިޓިވްވެ، ހާލު މާބޮޑަށް ސީރިއަސްވާ ހިސާބުން އައިސީޔޫގައި ފަރުވާދޭން ފަށާއިރު އެ ފަރާތްތަކުގެ އާއިލާއަށް އަދި އެހެނިހެން ގާތްތިމާގެ މީހުންނާއި ރަހުމަތްތެރިންނަށްވެސް އިތުރަކަށް ބަލިމީހާއާ ބައްދަލެއް ނުވެ އެވެ.
އޭގެ ބަދަލުގައި ބަލީމީހާގެ އާއިލާއަށްވެސް، އެހީތެރިޔާއަށްވެސް އަދި އެކުވެރިއެއްގެ ގޮތުގައިވެސް ތިބެނީ ނަރުހުންނެވެ. ބަލިމީހުން ހިތްހަމަޖައްސައިދީ އުފަލުގައި ބޭތިއްބުމަށް ވާހަކަދެއްކުމާއި، އަމިއްލަ އަށް ކަންކަން ނުކުރެވޭ ވަރުގެ ބަލިމީހުންނަށް ކާންދީ ފެންވަރުވާ ރީތިކޮށް އަދި ގިނަފަހަރުތަކުގައި ބަލިމީހާގެ އާއިލާތަކަށް ހާލަތު އަންގައިދިނުމަށްވެސް ތިބެނީ ނަރުހުންނެވެ.
މި ތަފާތު އަހަރުގެ އެކި ހަނދާންތަކުގެ ތެރެއިން ޒިޔާނާއަށް އެންމެ ހާއްސަ އެއްވަގުތަކީ، އެންމެ ހާލުބޮޑުވެ، ދެން އަނބުރާ އާންމު ދިރިއުޅުމަށް ރުޖޫއަނުވެވޭނެ ހެން ހީވި ބައެއް ބަލިމީހުން ﷲގެ އިރާދަފުޅާ އެކު ރިކަވާވެ ތެދުވެ އަމިއްލައަށް ހިނގާފައި އުޅޭ މަންޒަރު ދެކިލަން ލިބުމެވެ. އެއާއެކު، ދެންމެ ދެންމެ ވާހަކަދައްކާ އެކުގައި ވަގުތުތަކެއް ހޭދަކުރެވުނު ބައެއް ބަލިމީހުން ކުއްލިއަކަށް ހާލުގޯސްވެ އަބަދުގެ އަބަދަށް މި ދުނިޔެއާއި ވަކިވެދާ މަންޒަރު ބަލަން ހުންނަންޖެހުމަކީ ހިތަށް ނިކަން އަސަރުކުރި، ހިތްދަތި މަންޒަރުތަކެއްކަމަށްވެސް ޒިޔާނާ ވިދާޅުވި އެވެ. އެ ހުރިހާ ކަމަކާ އެކުވެސް އާއިލާއާ އެތައް ދުވަހެއް އޭނާ ހޭދަކުރީ އިންސާނިއްޔަތަށް ހިދުމަތް ކުރުމުގަ އެވެ. އެއީ އަގު ނުކުރެވޭނެ ހިދުމަތެވެ.
އަހުމަދު ޝިނާން: ޒުވާން ޖޯޝުގައި އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން
އުމުރުން އެންމެ 25 އަހަރުގައި އަހުމަދު ޝިނާންއަކީ އެންއީއޯސީ އިން ކޮވިޑް ސާމްޕަލް ނެގުމަށް އެކުލަވާލި ރެޕިޑް ރެސްޕޮންސް ޓީމުގެ އެންމެ ފުރަތަމަ ސާމްޕަލް ކަލެކްޓާ އެވެ. ރާއްޖެއިން ކޮވިޑް19 އަށް އެންމެ ފުރަތަމަ ޕޮޒިޓިވްވި އިޓަލީގެ ދެ ފަތުރުވެރިން މާލެ ގެނައި ޓީމުގައިވެސް އޭނާ ހިމެނެ އެވެ. ހިންގުންތެރިކަމާއި ކެރުމާއި އިސްނެގުމުގައި އޭނާއަކީ ނަމޫނާ އެކެވެ.
ޕަބްލިކް ހެލްތްގެ ދާއިރާއިން މާސްޓާސް އަކާއި އެކު، ކޮވިޑް19 ފެތުރުމާއި ހަމައަށް ޝިނާން މަސައްކަތްކުރަމުން އައީ ޕަބްލިކް ހެލްތް ޕްރޮގްރާމް އޮފިސާއެއްގެ ގޮތުގަ އެވެ. މިވީ މުއްދަތުގެ ތެރޭގައި ޝިނާން އަންނަނީ އަމަލީގޮތުން ސާމްޕަލް ނެގުމުގެ އިތުރަށް އެޑްމިންއާއި ލޮޖިސްޓިކްސްއާއި ފްލޯ މެނޭޖުކުރުމާއި މުޅި އާރްއާރްޓީ ޓީމް ހިންގުމުގައިވެސް ބޮޑެތި ޒިންމާތަކެއް ނަގަމުންނެވެ.
"ސާމްޕަލް ނެގުމުގައި އެއްވެސް މައްސަލައެއް އުޅޭނަމަ އެކަން ހައްލުކުރުމުގައާއި، ދުވަހުން ދުވަހަށް ނަގަންޖެހޭ ސާމްޕަލްތައް ނުނެގި ލަސްވާނަމަ އެކަމުގައާއި ދެން ނޫނީ ނަތީޖާ ނުލިބި ލަސްވެގެން މީހުން ފޮނުވާ ޓިކެޓްތަކަށްވެސް އެޓެންޑްކުރަން. އަނެއްހެންބުނަންޏާ، އާރްއާރްތީގެ ހުރިހާ މަސައްކަތެއްވެސް ކުރަން. ޑްރައިވަރެއް ނެތިއްޔާ އެމްބިއުލާންވެސް ދުއްވަން. ބީ1 ކެޓެގަރީގެ ލައިސަންސްވެސް އޮންނާނެ" ޝިނާން ވިދާޅުވި އެވެ.
އަހަރެމެން ކުރިމަތީގައި ދެތިން ފަހަރެއްގަ މަތިން ނިކަން ފަރިތަކަމާއި އެކު ހެޒްމެޓް ސޫޓް ނުވަތަ ކަވާރޯލް ލުމަށް އޭނާ ނެގީ އެންމެ ދެތިން މިނިޓެވެ. ޝިނާންގެ ބަހުންނަމަ މިހާރު "ހަމަ ކޮށް ކޮށް ފަރިތައީ" އެވެ.
އިންފްލުއެންޒާގައި ސާމްޕަލް ނެގުމުގެ ތަމްރީނުތައް ފުރިހަމަކޮށްފައިވާ ޝިނާން ވިދާޅުވާގޮތުގައި ކޮވިޑް19 ގެ ކުރަންޖެހުނު ހިތްދަތި ތަޖުރިބާތައް ގިނަ އެވެ. ހާއްސަކޮށް ލޯބިވާ އާއިލާ ކޮވިޑަށް ޕޮޒިޓިވްވެ ލޯ ކުރިމަތީގައި ކަރަންޓީނަށް ގެންދަން ޖެހުމާއި، މާލޭގެ އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސް ފެނުނު ދުވަހަކީ ދުވަހަކުވެސް ހިތުން ފިލައިގެންދާނެ ހަނދާންތަކެއް ނޫނެވެ.
އެހެންނަމަވެސް ކިތަންމެ ދަތި އުނދަގޫ ދަނޑިވަޅެއްގައި ނަމަވެސް މިފަދަ މަތިވެރި ގައުމީ ހިދުމަތެއްގައި ބައިވެރިވެ އެހީތެރިވެދިނުމަކީ އޭނާއަށް ލިބޭ ފަހުހުރެއް ކަމުގައި ނޫނީ ނުވެ އެވެ. އޭނާގެ ޒުވާން ޖޯޝް އެ ދުއްވާލަނީ އިންސާނިއްޔަތަށް ހިދުމަތްކޮށް އިންސާނީ ޖީލު ސަލާމަތްކުރުމުގަ އެވެ.
ހުސެއިން ޝިހާދު: އެންމެ އުނދަގޫ ވަގުތުގައިވެސް ހުރިހާ ގުރުބާނީއެއް ދަރިންނާއި ގައުމަށްޓަކައި
މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ހުސެއިން ޝިހާދު ޑްރައިވަރެއްގެ ގޮތުގައި ވެމްކޯގެ މަސައްކަތާ ގުޅުނީ ޓެކްސީ ދުއްވަމުން ލިބުނު އާމްދަނީއިން ބަލި ދެދަރިންނާއި އާއިލާގެ ކަންކަން ފަރުޖައްސާ ނުލެވޭތީ އެވެ. އުމުރުން 13 އަހަރާއި 5 އަހަރުގެ ދެކުދިން ތިބޭއިރު ދެކުދިންނަކީ ދާއިމީގޮތެއްގައި ބްލަޑް އިންފެކްޝަންއާއި ހަމުގެ މައްސަލަތަކެއް ތަހައްމަލުކުރަމުންދާ ކުދިންނެވެ.
ޝިހާދު މިހާރު މަސައްކަތްކުރަނީ މާލެއިން ކޮވިޑްގެ ފުރަތަމަ ޕޮޒިޓިވް ކޭސް ފެނުމާއި ގުޅިގެން ވެމްކޯއިން އެކުލަވާލި އެޗްޑީއެފް ޓީމުގަ އެވެ. މި ޓީމަކީ ކޮވިޑަށް ޕޮޒިޓިވް ވާ ގެތަކުންނާއި، ކަރަންޓީނުގައި ހުންނަ ގެތަކުންނާއި ފްލޫ ކްލިނިކާއި އެނޫންވެސް ކޮވިޑް ކުނިނެގުމަށާއި ނައްތާލުމަށް ވެމްކޯއިން ހޮވާލި ސްޓާފުންތަކެއް ހިމެނޭ ހާއްސަ ޓީމެކެވެ.
ގައުމާއި މުޅި ދުނިޔެވެސް ބޮޑު ބަލިމަޑުކަމެއްގެ ތެރެއަށް ވެއްޓިފައި އޮތް ދަނޑިވަޅެއްގައި، ބަލިމީހުންނާއި އެހާ ގާތުން މަސައްކަތްކުރަން ލިބުމަކީ ޝިހާދު ދެކޭގޮތުގައި އޭނާގެ ގައުމީ ވާޖިބެކެވެ. ދިވެއްސަކަށް ވީތީ ގައުމަށް އަދާކޮށްދޭން ޖެހޭ ވާޖިބެކެވެ.
"އަޅުގަނޑު އެއްވެސް ވަރަކަށް ބިރެއް ނުގަނޭ، ޖެހިލުމެއްނުވޭ. އަޅުގަނޑުމެންނަކީ މި ދާއިރާގައި އުޅޭ ބަޔަކަށް ވާތީވެ، އަޅުގަނޑުމެން ކޮންމެ ކަމެއްވެސް ޖެހިލުމެއް ނެތި ރައްޔިތުންނަށްޓަކައި ކުރަން ތައްޔާރަށް މި ތިބީ" ޝިހާދު ބުންޏެވެ.
ބަލި ކުދިންތަކަކާއި އެކުވެސް ކޮންމެ ދުވަހަކު މަސައްކަތަށް ނުކުމެ ބަލިޖެހިފައިވާ ނުވަތަ ބަލިހުރިކަން ކަށަވަރުވާ ހިސާބުތަކުގައި ހުންނަ ކުނި ނަގައި އެ ކުނި ނައްތާލުމަށްފަހު އެނބުރި ގެއަށް އަންނަނީ ސަލާމަތީ ގޮތުން އެޅެން އޮތް ހުރިހާ ފިޔަވަޅެއް އެޅުމަށް ފަހު އެވެ.
ވެމްކޯގެ ވަޒީފާއާއިއެކުވެސް، ޕާޓްޓައިމްކޮށް ޓެކްސީ ދުއްވައިގެން ދިރިއުޅުމުގެ ހަރަދުތައް ފޫބައްދަމުން އައި ނަމަވެސް، ކޮވިޑް19 މާލޭގައި ފެތުރެން ފެށުމުން ޝިހާދަށް މަޖުބޫރުވީ ޓެކްސީ ކުރުން ދޫކޮށްލުމަށެވެ. ސަބަބަކީ އެއިން ލިބޭ އެއްޗަކަށްވުރެ އަތުންދާ ހަރަދުތައް މާ ބޮޑުވުމެވެ.
މާލީގޮތުންނާއި، ނަފްސާނީގޮތުން އަދި ޖިސްމާނީ ގޮތުންވެސް މި އަހަރުވީ ޝިހާދަށް އުނދަގޫ އަހަރަކަށެވެ. ނަމަވެސް އެ ހިތްވަރަކަށް އެ އަޒުމަކަށް ބަދަލެއް ނާދެ އެވެ. އެ ގުރުބާނީގެ އަގު މާބޮޑެވެ.
މިި ނޫނަސް ކޮވިޑްގެ އެންމެ ބިރުވެރި ވަގުތުގައިވެސް އިސް ސަފުގައި ހަރަކާތްތެރިވި އެތަށް ބަޔަކު އެތަށް ދާއިރާއަކުން އެބަތިއްބެވެ. ފުލުހުންނާއި ސިފައިންނާއި، ދިވެހި ރެޑްކްރެސަންޓްއާއި، ދަރުމަވެރިންނާއި، އަމިއްލަ ފިހާރަ ތަކާއި ޑެލިވަރީ ހިދުމަތްތައް ދިން ފަރާތްތައް މި ލިސްޓުގައި ހިމެނޭނެ އެވެ. އެ ހުރިހާ ފަހުލަވާނުންނަށް ޝުކުރިއްޔާ އެވެ.