އަނިޔާވެފައިވާ ކުރަނގި ބަލަހައްޓަން، ދޫނި ސަލާމަތްކުރި އައްޒާމަށް!

ހިމާޔަތްކޮށްފައިވާ ބާވަތެއް ކަމުގައިވާ ކުރަނގިއެއް، އަނިޔާވެ ފިޔަގަނޑު ބިނދިފައިވަނިކޮށް ސަލާމަތްކުރި އާންމުންގެ މީހަކަށް އެ ދޫނި ބަލަހައްޓަން ވަގުތީ ގޮތުން ހަވާލުކޮށްފި އެވެ.

އެ ދޫނި ބަލަހައްޓަން ހަވާލުކޮށްފައި ވަނީ، ގއ. ގެމަނަފުށި، އަހްމަދު އައްޒާމް ނާފިޒް އަށެވެ.

އައްޒާމް "ސަން" އަށް ބުނީ އޭނާއަށް އެ ދޫނި ފެނިފައި ވަނީ ރައްޓެހިންތަކަކާ އެކު 22 ޑިސެމްބަރުގައި، ގއ. އަރައިގައްތާ ކިޔާ ފަޅު ރަށަކަށް ދަތުރު ގޮސްގެން އުޅެނިކޮށް ކަމަށެވެ.

ދޫނި ފެނުނީ ހާއްޔެއްގެ ތެރޭގައި ތާށިވެފައި އިންދާ ކަމަށާއި، ދޫނީގެ ފިޔަގަނޑަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށެވެ.

އެހެންކަމުން އެ ދޫނި ގެއަށް ގެންގޮސް އީޕީއޭ ގައި މަސައްކަތްކުރާ ރައްޓެއްސަކާ ވާހަކަ ދައްކައި އޭނާގެ ހިޔާލަކަށް ދޫނި ބެލެހެއްޓުމުގެ ހުއްދައަކަށް އައްޒާމް ވަނީ އެދިފަ އެވެ.

އީޕީއޭ އިން ވަނީ މިހާރު އެ ހުއްދަ ދީފައެވެ. އީޕީއޭ އިން އައްޒާމް އަށް ފޮނުވި ލިޔުމުގައި ބުނެފައި ވަނީ ދޫނި ރިހެބިލިޓޭޓް ކުރުމަށް އައްޒާމް ވޮލަންޓިއާ ކޮށްފައިވާތީ، އެ ދޫނި އަމިއްލައަށް އުޅުމުގެ ގާބިލުކަން ލިބެންދެން، ދޫނި ބަލަހައްޓާ ގެންގުޅުމުގެ ވަގުތީ ހުއްދަ އައްޒާމް އަށް ދީފައިވާ ކަމަށެވެ.

ދޫނީގެ ހާލު ރަނގަޅުވެ، އެކަނި އުޅެވޭ ވަރު ވުމުން، ވެޓެރިނަރީ ޑޮކްޓަރުގެ ލަފަޔާއެކު ދޫނީގެ ގުދުރަތީ މާހައުލަށް ލަސްވުމެއް ނެތި ދޫކުރުމަށާއި އެކަން އެ އެޖެންސީއަށް އަންގަން ވެސް ލިޔުމުގައިވެ އެވެ.

އައްޒާމް ބުނީ ވެޓެއްގެ އިރުޝާދުގެ ދަށުން ދޫނީގެ ކަންކަން ބަލަމުން އަންނަ ކަމަށެވެ. އަދި ދޫންޏަށް ފަރުވާ ދެވޭނެ މަރުކަޒަކަށް ގެންދެވޭތޯ ވެސް އޭނާ އަންނަނީ މަސައްކަތް ކުރަމުންނެވެ.

އަދި އެ ދޫންޏަށް އައްޒާމް ވަނީ "ޖޯއީ" ގެ ނަން ދީފަ އެވެ.

އީޕީއޭގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ މަދުން ނަމަވެސް، ހިމާޔަތްކޮށްފައިވާ އެއްޗެހި ބެލެހެއްޓުން ވަގުތީ ގޮތުން އާންމު ފަރާތްތަކާ ހަވާލުކުރާ ކަމަށެވެ.

ނަމަވެސް އެފަދަ ހުއްދައަކަށް އެދި އީޕީއޭގައި އާންމުންގެ ފަރާތުން އެދެނީ ވަރަށް މަދުން ކަމަށެވެ. ނަމަވެސް ފަހަކަށް އައިސް ޒުވާނުން އިސްނަގައިގެން ހިމާޔަތްކޮށްފައިވާ ދިރޭ ތަކެއްޗަށް އެހީތެރިކަން ފޯރުކޮށްދޭ ކަން އޮފިޝަލް ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް