ޖަޕާނު ލޯނުތައްވެސް ފަސްކޮށްދެނީ

ޖަޕާން ސަރުކާރާއި ރާއްޖެ އާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ: ފޮރިން މިނިސްޓްރީ

ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު ޖީ-20 ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވްއާ ގުޅޭ އެކްސްޗޭންޖް އޮފް ނޯޓްސްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެކްސްޗޭންޖް އޮފް ނޯޓްސްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު އެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ މި އެކްސްޗޭންޖް އޮފް ނޯޓްސްގެ ސަބަބުން، ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި އިގްތިސޯދީ ދަތިތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް އިތުރު އެހީއަކަށްވާނެ ކަމަށާއި ދަރަނި މެނޭޖްކުރުމުގައި އިތުރު ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި، ދަރަނި އަދާކުރުން ފަސްކުރުމާ ގުޅޭ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އެއްގައި މިނިސްޓާ އޮފް ފިނޭންސް އިބްރާހިމް އަމީރު ވަނީ ބައެއް ގައުމުތަކާއެކު ސޮއިކުރައްވާފައެވެ. އޭގެ ތެރޭގައި ޖަޕާންވެސް ހިމެނެއެވެ.

އެމްއޯޔޫއަށް ފަހު މިއަދު އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކުރެވި، އަންނަ އަހަރުގެ ކުރީކޮޅު ފިނޭންސް މިނިސްޓްރީއާއި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އާ ދެމެދު ސޮއިކުރެވޭ އެއްބަސްވުމާއެކު ރާއްޖެއާއި ޖަޕާނާ ދެމެދު ދަރަނި ދެއްކުން ފަސްކުރުމާ ގުޅޭ އެއްބަސްވުން ގާއިމްކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މިއާއެކު ރާއްޖެއިން ޖަޕާނުން ނަގާފައިވާ ލޯނުތައް ދެއްކުން ފަސްކުރެވިގެންދާނެ އެވެ.

comment ކޮމެންޓް