ޒަމާންތަކަކަށް ފަހު އާމިރާ ސްކްރީނަށް، މިފަހަރު ލަވައަކުން

މީގެ އަހަރުތަކެއް ކުރީން ދިވެހި ސިނަމާގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެކްޓްރެސް އާމިރާ އިސްމާއީލް ފިލްމު ކެމެރާއާ ދުރުގައިގިނަ ދުވަސްތަކެއް ވަންދެން އުޅުމަށްފަހު އަލުން އެނބުރި އަތުވެއްޖެ އެވެ.

މީގެކުރީން ފިލްމުތަކުން ފެނިގެންދިޔަ އާމިރާ ކެމެރާގެ ކުރިމައްޗަށް އަލުން އެނބުރި މި އައީ ވީޑިއޯ ލަވައަކުންނެވެ..

ގިނަ އަހަރުތަކަކަށް ފަހު އާމިރާ ފެނިގެން ގޮސްފައިވަނީ "ޔާރު ތިޔޭ މި ހިތުގެ ޝިފާ" ނަމަކަށް ކިޔާ ވީޑިއޯ ލަވައަކުންނެވެ. އަލީ ރަޝީދު ޑައިރެކްޓްކޮށްފައިވާ އެ ލަލަ އަކީ މީގެކުރީން އަލީ ރަމީޒް އާއި ޝިފާ ތައުފީގު ކިޔާފައިވާ ލަވައެކެވެ.

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ނަގާފައިވާ އެ ލަވައިގައި އާމިރާއާއެކު ފެނިގެންދަނީ އަހުމަދު ޒިޔާއެވެ. ޒިޔާއަކީވެސް ކުރީގެ ބައެއް އުފެއްދުންތަކުން ގިނައިން ފެނިގެން ގޮސްފައިވާ އެކްޓަރެކެވެ.

ލަވައަކުން އާމިރާ ފެނިގެންދިޔައިރު އޭނާ ވަނީ މިދިޔަ އަހަރު ނެރުނު "ލީނާ" އިން ވެސް ފެނިގެން ގޮސްފައެވެ. އެހެންނަމަވެސް އެ ފިލްމުން ފެނިގެން ގޮސްފައިވަނީ ވަރަށް ކުޑަ ރޯލަކުންނެވެ.

އަލަށް ނެރުނު ލަވައާއެކު އާމިރާ އަލުން ދިވެހި ފިލްމު އިންޑަސްޓްރީއަށް ނިކުންނަން އުޅޭ ކަމުގެ އިޝާރާތެއް ވަނީ ކޮށްފައެވެ.

ކުރީގެ ގިނަ ފިލްމުތަކުން ފެނިގެން ގޮސްފައިވާ އާމިރާ ފިލްމު އިންޑަސްޓްރީއަށް ނިކުތީ 2005 ވަނަ އަހަރުގައެވެ. އެއަށްފަހު އޭނާގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ޖިންނި" އާއި "އުދަބާނި" އާއި "ލަވްސްޓޯރީ" އާއި "ލޫދިފާ" ފަދަ އުފެއްދުންތައް ހިމެނެއެވެ. އާމިރާ ވަނީ ދިވެހި ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ބޮޑެތި ފަންނާނުންނާއެކު މަސައްކަތް ކޮށްފައެވެ.

comment ކޮމެންޓް