ވޫހާންގައި ވައިރަސް ފެތުރުމާ ބެހޭ ގޮތުން ރިޕޯޓު ކުރި ނޫސްވެރިޔަކު ޖަލަށް ލައިފި

ސިޓިޒެން ޖާނަލިސްޓު ޖަންގް ޖަން ހައްޔަރު ކުރީ މިދިޔަ މެއި މަހު -- ފޮޓޯ: ޔޫޓިއުބް

ވޫހާން (ޑިސެމްބަރު 28): ޗައިނާގެ ވޫހާންގައި ކޮރޯނާވައިރަސް ފެތުރުމާ ބެހޭ ގޮތުން ރިޕޯޓު ކުރި އެގައުމުގެ ސިޓިޒެން ޖާނަލިސްޓު ޖަންގް ޖަން ހަތަރު އަހަރަށް ޖަލަށް ލާން މިއަދު ޝަންހާއީގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

މީގެ ކުރިން ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރި ޖަންގް ޖަލަށް ލާން ހުކުމް ކުރީ "ދެބަސްވުންތަކަށް މަގުފަހިކޮށް ހަމަނުޖެހުމަށް ހިތްވަރު ދިނުމުގެ" ދައުވާ އޭނާގެ މައްޗަށް ސާބިތުވުމުންނެވެ. އެއީ ސަރުކާރަށް ފާޑު ކިޔާ އެކްޓިވިސްޓުންނަށް އެގައުމުން އާއްމުކޮށް ކުރާ ދައުވާއެކެވެ.

ޖަންގްގެ ޝަރީއަތުން އެނގުނު ގޮތުގައި ވޫހާންގައި ފެތުރެމުންދިޔަ ބައްޔާ ބެހޭ ގޮތުން އަމިއްލައަށް ރިޕޯޓު ކުރަން އޭނާ އެ ސިޓީއަށް ދިޔައީ މިދިޔަ ފެބްރުއަރީ މަހުގަ އެވެ. އަދި އޭނާގެ ލައިވްސްޓްރީމްތަކަށާއި ރިޕޯޓުތަކަށް ސޯޝަލް މީޑިއާގައި ގިނަ އަަދަދެއްގެ ސަމާލުކަން ލިބި، ޗައިނާގެ ސަރުކާރުގެ އޮފިޝަލުންނަށްވެސް އެކަން ފާހަގަ ކުރެވުނެވެ.

ޖަންގްގެ ރިޕޯޓުތަކުގައި އޭނާ ޗައިނާއިން އޭރު އެޅި ފިޔަވަޅުތަކަށް ފާޑު ކިޔާފައިވެ އެވެ. އަދި ސަރުކާރުން ވޫހާންގެ ރައްޔިތުންނަށް ބަލިމަޑުކަމާ ބެހޭ ގޮތުން އެކަށީގެންވާ ވަރަށް މައުލޫމާތު ނުދީ ފުރަބަންދު ކުރި ކަމަށް ބުނެ، އެއީ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ގޮތުގައި ސިފަކޮށްފަ އެވެ.

މީގެ އިތުރުން އެހެން މިނިވަން ނޫސްވެރިން ހައްޔަރު ކުރުމާއި އަނިޔާ ލިބޭ މީހުންނަށް އިންސާފު ހޯދައި ދިނުމަށް މަސައްކަތް ކުރި އާއިލާތަކަށް ފުރައްސާރަ ކުރުމާ ބެހޭ ގޮތުންވެސް ޖަންގް ރިޕޯޓު ކުރި ކަމަށް ނެޓްވޯކް އޮފް ޗައިނީސް ހިއުމަން ރައިޓްސް ޑިފެންޑާސް (ސީއެޗްއާރުޑީ)އިން ބުންޏެވެ.

ސީއެޗްއާރުޑީއިން ބުނި ގޮތުގައި ޖަންގް ކުއްލި ގޮތަކަށް ހައްޔަރު ކުރިކަން އެނގުނީ މެއި 14އިގައި އޭނާ ވޫހާންގައި ހުއްޓާ ވީނުވީއެއް ނޭނގި ގެއްލުނު ފަހުންނެވެ. އަދި އެ ސިޓީއާ 400 މޭލު ދުރުގައި އޮންނަ ޝަންހާއީގެ ފުލުހުން އޭނާ ހައްޔަރު ކުރިކަން ހާމަ ކުރީ އޭގެ އެއް ދުވަސް ފަހުންނެވެ.

ޖަންގްގެ މައްޗަށް ކުރި ދައުވާތަކުގައިވާ ގޮތުން އޭނާ ވަނީ "ވީޗެޓް އާއި ޓުވިޓާ އާއި ޔޫޓިއުބް މެދުވެރިކޮށް، މެސެޖުންނާއި ވީޑިއޯއިންނާއި އެހެން ގޮތްގޮތުން ސައްހަ ނޫން މައުލޫމާތު" ހިއްސާކޮށްފަ އެވެ. އަދި ވޫހާންގައި ވައިރަސް ފެތުރުމާ ބެހޭ ގޮތުން "ވަކި ބަޔަކަށް ގެއްލުންވާ ގޮތަށް" ބޭރުގެ މީޑިއާތަކާ ވާހަކަ ދައްކާފަ އެވެ.

ޖަންގްގެ ވަކީލުން ވިދާޅުވި ގޮތުގައި މިދިޔަ ޖޫން މަހު އޭނާ ވަނީ ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ފަށާފަ އެވެ. އޭގެ ސަބަބުން ޖަލުގެ އޮފިޝަލުން ވަނީ އޭނާގެ ނޭފަތަށް ހޮޅި ލައްވައިގެން ގަދަކަމުން ކާން ދޭން ފަށާފަ އެވެ. އަދި ޖަންގްގެ ހާލު ރަނގަޅު ނޫން ކަމަށާއި އޭނާގެ ބޮލުގައި ރިއްސާ، ބޯ އަނބުރާ، ބަނޑަށް ތަދުވާ ކަމަށް ބުނެފައިވާ ކަމަށް ވަކީލުން ވިދާޅުވި އެވެ.

ޖަންގްގެ އިތުރުން މި އަހަރުގެ ކުރީކޮޅު ވޫހާން އިން ރިޕޯޓު ކުރި އިތުރު ތިން ނޫސްވެރިޔަކު ޗައިނާއިން ވަނީ ހައްޔަރުކޮށްފަ އެވެ.

comment ކޮމެންޓް