މާލޭގައި އުޅޭ ދުވަސްވީ މީހުންގެ 50 ޕަސެންޓް ޑިޕްރެޝަންގެ ވޭނުގައި

ޖޫން 9، 2020: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންގެ 50 ޕަސެންޓަށް ވުރެ ގިނަ މީހުންނަކީ ޑިޕްރެޝަން ތަހައްމަލު ކުރަމުން އަންނަ މީހުން ކަމަށް ގައުމީ ޔުނިވާސިޓީގެ ދިރާސާއަކުން ދައްކައިފި އެވެ.

އުމުރުން 65-75 އަހަރުގެ 312 މީހުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ދިރާސާގެ ހޯދުންތައް މޯލްޑިވްސް ނެޝަނަލް ޖާނަލް އޮފް ރީސާޗްގައި މިހާރު ވަނީ ޝާއިއުކޮށްފަ އެވެ.

ގައުމީ ޔުނިވާސިޓީ އާއި ވިލާ ކޮލެޖުގެ ރިސާޗަރުން ކުރިއަށް ގެންދިޔަ "ވެލް-ބީން އޮފް އެލްޑަލީ ލިވިން އިން މާލެ ސިޓީ މޯލްޑިވްސް: ޕްރިވަލެންސް އެންޑް ރިލޭޝަންޝިޕް ބިޓްވީން ސޯޝަބިލިޓީ، ލޯންލިނެސް އެންޑް ޑިޕްރެޝަން" ގެ މަގުސަދަކީ އެކަނިވެރިކަމާއި، ޑިޕްރެޝަނާއި އިޖްތިމާއީ ގުޅުން ބާއްވާ މިންވަރާ ހުރި ގުޅުން ދެނެގަތުމެވެ.

ހެންވޭރު، މާފަންނު، މައްޗަންގޮޅި އަދި ގަލޮޅުގައި ދިރިއުޅޭ ދުވަސްވީ މީހުންނާ ސުވާލުކޮށްގެން ކުރިއަށް ގެންދިޔަ ދިރާސާއިން ދެއްކި ގޮތުގައި، މާލޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންގެ 56.1 ޕަސެންޓު މީހުންނަކީ ޑިޕްރެޝަން ތަހައްމަލު ކުރަމުން އަންނަ މީހުންނެވެ. އެއީ 175 މީހުންނެވެ.

އެމީހުންގެ ތެރެއިން 91 މީހަކު ސިވިއާ ޑިޕްރެޝަނަށް ހުންނަ ކަމަށް ވަނީ ދައްކައިފަ އެވެ. އަދި 64 ޕަސެންޓު މީހުން އިޖުތިމާއީ ގުޅުން ބާއްވާއިރު، 55.4 ޕަސެންޓު މީހުން އެކަނިވެރިކަމުގެ އިހްސާސް ކުރާ ކަމަށް ވެސް ދިރާސާއިން ވަނީ ދައްކައިފަ އެވެ.

އެހެންކަމުން މާލޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން އަންނަނީ ޑިޕްރެޝަނާއި އެކަނިވެރިކަން އިހުސާސް ކުރަމުންނެވެ.

ދިރާސާގައި ބުނެފައި ވަނީ، 64 ޕަސެންޓު މީހުން އިޖުތިމާއީ ގުޅުން ބޭއްވާ ކަމަށް ދެއްކުމުން އެނގިގެން ދަނީ، އިޖުތިމާއީ ގުޅުންތައް އޮތް ނަމަވެސް އެކަނިވެރިކަން އިހްސާސް ވެދާނެ ކަމެވެ.

ހަމައެއާއެކު ޑިޕްރެޝަނާއި، އެކަނިވެރިކަމާއި އިޖުތިމާއީ ގުޅުންތައް ގުޅިފައިވާ ކަން ވެސް ދިރާސާއިން ވަނީ ހާމަވެފަ އެވެ.

އެހެންކަމުން އެކަންކަމަށް ސަމާލުކަން ދީގެން، އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމުތައް މުޖުތަމައުގައި ގާއިމުކުރުމުގެ މުހިންމުކަން ދިރާސާގައި ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން ދުވަސްވީ މީހުންގެ ގޭގެއަށް ހެލްތު ޕްރޮފެޝަނަލުން ގޮސް އެމީހުންނާއެކު ވަގުތު ހޭދަކޮށް، އެސެސްމަންޓުތައް ހެދޭނެ ފަދަ ނިޒާމެއް ގާއިމުކުރުމާއި ދުވަސްވީ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ފަދަ ގޮތަކަށް ހެލްތު ޕްރޮފެޝަނަލުންނާއި ކަމާބެހޭ އިދާރަތަކުގެ ޒިންމާތަކާއި މަސައްކަތްތައް ބަހާލުމަކީ ވެސް މުހިންމު ކަމެއް ކަމަށް ފާހަގަކޮށްފައިވެ އެވެ.

ދިރާސާގައި ބުނެފައި ވަނީ މާލެ ސިޓީއަށް އަމާޒުކޮށް ދިރާސާ ކުރިއަށް ގެންދިޔައީ، ރާއްޖޭގެ ހުރިހާ ހިސާބެއްގެ ރައްޔިތުން ވެސް މާލޭގައި އުޅޭތީ ކަމަށެވެ. ދެހާސް އަށާރަ ވަނަ އަހަރު ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، 65 އަހަރުން މަތީގެ 2572 މީހަކު މާލޭގައި ދިރިއުޅެއެވެ. އޭގެ ތެރެއިން 1605 މީހުންނަކީ 65-75 ދެމެދުގެ މީހުންނެވެ.

ދިރާސާގައި 151 އަންހެނުންނާއި، 161 ފިރިހެނުން ބައިވެރިވި އިރު، އޭގެ ތެރެއިން 235 މީހުން އުޅެނީ ކައިވެނި ކޮށްގެނެވެ. އަދި 25 މީހުން އަނބިމީހާ/ފިރިމީހާއެކު އުޅޭ އިރު، 201 މީހުން އުޅެނީ އާއިލާއާ އެކުއެވެ. ދިރާސާގައި ބައިވެރިވި 86 މީހަކު ދިރިއުޅެނީ އެކަންޏެވެ.

ދިރާސާގެ ބައިވެރިންގެ ތެރޭގައި ހުވަފަތް ވެފައިވާ 36 މީހުން ހިމެނޭއިރު، އެމީހުން އެކަނިވެރިކަން އިހުސާސްކުރާ މިންވަރު އިތުރުކަމަށް ވަނީ ދައްކައިފަ އެވެ.

comment ކޮމެންޓް