ހޮނިހިރު، އާދިއްތަ ގައި 11،327 ޓޫރިސްޓުން

އިއްޔެ ރާއްޖެ އައި ޓޫރިސްޓުން ތަކެއް ވީއައިއޭގައި --- ސަން ފޮޓޯ: އިބްރާހިމް އިފާޒް

މިދިޔަ ހޮނިހިރު ދުވަހާއި އިއްޔެ، ރާއްޖެ އައި ޓޫރިސްޓުންގެ ޖުމްލަ އަކީ 11،327 ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފި އެވެ.

ޓޫރިޒަމް އިން އާންމުކުރި މައުލޫމާތަށް ބަލާއިރު ބޯޑަރު ހުޅުވާލިފަހުން މިއަހަރު އެންމެ ގިނަ ޓޫރިސްޓުން އައީ އިއްޔެ އެވެ. އިއްޔެ 6،037 ޓޫރިސްޓުން ރާއްޖެ ވަނީ އައިސްފަ އެވެ.

ވެލާނާ އިންޓަނޭޝަަލް އެއާޕޯޓަށް އިއްޔެ އާއި މިދިޔަ ހޮނިހިރު ދުވަހަކީ ބާރު ބޮޑު ދެ ދުވަހެވެ. ފަތުރުވެރިކަމުގެ ޕީކް ސީޒަނާއެކު ރާއްޖެ އަންނަ އެއާލައިންތަކުގެ އަދަދު އިތުރުވެ، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވެސް ވަނީ އިތުރު ވެފަ އެވެ.

އިއްޔެ ރާއްޖެ އައި ޓޫރިސްޓުން ތަކެއް ވީއައިއޭގައި --- ސަން ފޮޓޯ: އިބްރާހިމް އިފާޒް

މިނިސްޓްރީ އިން ހިއްސާކުރި ތަފާސް ހިސާބަށް ބަލާއިރު މި މަހުގެ ތެރޭގައި އިއްޔެ އާއި ހަމައަށް ޖުމްލަ 83,299 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފައެވެ. ބޯޑަރު ހުޅުވާލި ފަހުން ޖުމްލަ 159,440 ޓޫރިސްޓުން އައި އިރު، މި އަހަރުގެ ތެރޭގައި އިއްޔެ އާއި ހަމައަށް 542,287 ޓޫރިސްޓުން އައިސްފައި ވެއެވެ.

ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަަންނަ ފަސް މާކެޓުގެ ތެރޭގައި ހިމެނެނީ ރަޝިއާ އާއި އިންޑިއާ، ޔޫކޭ، އެމެރިކާ އަދި ޖަރުމަނެވެ.

ބޯޑަރު ހުޅުވާލިފަހުން، ރަޝިއާ އިން 29,788 ފަތުުރުވެރިން އައި އިރު ރާއްޖޭގެ ޓޫރިޒަމްގެ 18.7 ޕަސެންޓް ހިއްސާ ކުރަނީ ރަޝިއާ މާކެޓެވެ. އިންޑިއާ އިން 26,100 ޓޫރިސްޓުން އައިސްފައިވާއިރު، ޔޫކޭ އިން 18,685 ޓޫރިސްޓުން އަދި އެމެރިކާ އިން 8,026 ޓޫރިސްޓުން، ޖަރުމަނުން 7،665 ޓޫރިސްޓުން އައިސްފައިވެއެވެ.

އިއްޔެ ރާއްޖެ އައި ޓޫރިސްޓުން ތަކެއް ވީއައިއޭގައި --- ސަން ފޮޓޯ: އިބްރާހިމް އިފާޒް

މީގެ އިތުރުން ޔޫއޭއީ އާއި ފްރާންސް، ޔޫކްރެއިން، އަދި ކަޒަކިސްތާން އާއި ސްޕެއިން އަކީވެސް މިހާރު ޓޫރިޒަމްގެ މުހިއްމު މާކެޓުތަކެވެ. މި ގައުމުތަކުން އަންނަ ޓޫރިސްޓުންގެ އަދަދު މިދިޔަ ދުވަސްތަކުގެ ތެރޭގައި ވަނީ އިތުރުވެފަ އެވެ.

ރާއްޖެއިން އަހަރު ނިންމާލަނީ ޓޫރިޒަމްގެ ޓާގެޓްގެ ގޮތުގައި ކަނޑައެޅި 500،000 ޓޫރިސްޓުންގެ އަމާޒު ހާސިލްކޮށްގެންނެވެ. އަންނަ އަހަރު 1.5 މިލިއަން ޓޫރިސްޓުން ގެނައުމަކީ އަމާޒު ކަމަށް ޓޫރިޒަމް މިނިސްޓަރު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

comment ކޮމެންޓް