ލިބުނު "ޗުއްޓީގައި" ދިރިއުޅުމުގައި ލައްވާލީ ތަފާތު ރަހައެއް

އައްޑޫ ސިޓީ ފޭދޫއަށް އުފަން އަހްމަދު ހިފާޒް ލުތުފީ އަކީ ވިޔަފާރިވެރިއެކެވެ. މަޝްހޫރު "ލޮސްޓް ސުވެނިއާޒް" ގެ ވެރިމީހާ އެވެ. އެކި ރިސޯޓުތަކުގައި 15 ވަރަކަށް އަހަރު މަސައްކަތް ކުރުމަށް ފަހު މާލޭގައި ހަމަޖެހިލީ އަމިއްލަ ވިޔަފާރިއެއް ކޮޅަށް ޖެހުމުގެ އުންމީދުގަ އެވެ. ސުވެނިއާ ފިހާރަ ހުޅުވިތާ ހަ އަހަރު ވީއިރު، ވިޔަފާރީގެ ހުވަފެނުގައި ވަރަށް ރަނގަޅަށް ވެސް ކުލަ ޖެއްސި އެވެ.

ނަމަވެސް މުޅި ދުނިޔެއަށް ބިންދާލި ކޮވިޑް19 ގެ ބޮޑު ރާޅާއެކު، ހިފާޒްގެ ވިޔަފަރީގައި ވެސް ބުރަކި ޖެހުނީ އެވެ. ރަނގަޅަށް ހިނގަހިނގާ ހުރި ފިހާރައިގައި ބަންދު ބޯޑު އަޅުވައި ގޭގައި މަޑުކުރަން ޖެހުނީ އެވެ. އާމްދަނީއަށް ބައި ރުފިޔާވެސް ނުލިބި ގޮތްހުސްވީ އެވެ.

އެހެން ނަމަވެސް ހިފާޒު ބެލީ ފުރުސަތެއް ކަމަށެވެ. ދުވާލަކު 12 ވަރަކަށް ގަޑިއިރު ވިޔަފާރީގައި ބުރަކޮށް އުޅެމުން ދިޔަ ހިފާޒު އެ ދުވަސްތައް ނެގީ އަރާމުކޮށްލާ، ހިންދެމިލާނެ ފުރުސަތެއްގެ ގޮތުގަ އެވެ. ފުރުސަތުގެ ބޭނުން ހިފައި، ހިފާޒް ވަނީ ބަދިގެއަށެވެ. ކުރީއްސުރެ ވެސް ކެއްކުމަކީ ޝައުގަކަށް ވެފައި، ރިސޯޓުގައި މަސައްކަތްކުރި އިރު އެތަންތަނުގެ ކައްކާއިން ތައްޔާރުކުރާ އެއްޗެއްސާ ގަޔާވެ އުޅުނީތީ ހުސްވަގުތު ފުރާލަން ވަނީ ބަދިގެއަށެވެ.

"އަބަދުވެސް ކުރާ ހިތްވާ ކަމެއް ކެއްކުމަކީ. ދެން ބަލަން ވަގުތެއް ވާ ވަރަކުން އެއްޗެއް ކައްކާލެވޭތޯ. ކުދިންނަށް ވެސް ވަރަށް މީރުވެފަ އޮންނަނީ އަޅުގަނޑު ހަދާ އެއްޗެހި. ވަރަށް ގިނަ ފަހަރު ބުނާނެ އެއްޗެއް ކައްކާލަދޭން. އެމީހުންގެ ފަރާތުން އަބަދުވެސް ވަރަށް ޕޮޒިޓިވް ފީޑްބެކް ލިބޭތީ ކެއްކުން އޮންނަނީ ވަރަށް ކުރާ ހިތްވާ ކަމަކަށް،" ހިފާޒް ބުންޏެވެ.

ކެއްކުމުގެ ހުރި ހުނަރުގެ އަޖުމަ ބަލައިލަން ތަފާތު ކާ އެއްޗެހި ތައްޔާރުކުރަން ފެށީ، އަންހެނުންނާއި ކުދިންނާއެކު ގޭގައި ވަގުތު ހޭދަކޮށްލަން ލިބުނު ފުރުސަތުގަ އެވެ. ނަމަވެސް ކެއްކުމާއި ކެއުން ގިނަވެ، މީހާގެ ބަރުދަން ވަރަށް ބޮޑަށް އިތުރުވީ އެވެ. ލޮކްޑައުންގެ ތެރޭގައި ހިފާޒް ބަރުވެ 72 ކިލޯއަށް އެރުމުން އޭނާ ބެލީ ހަށިގަނޑު ލުއިކޮށްލެވޭނެ ގޮތެއް ހޯދާށެވެ. ހަމައެކަނި ކަސްރަތު ނުވަތަ ހަމައެކަނި ޑަޔަޓަކުން ނުފުދޭނެކަން ވިސްނި، އޭނާ ބެލީ ކަސްރަތާއެކު ހުރިހާ ނިއުޓްރިޝަނެއް ލިބޭނެ ގޮތެކެވެ.

އޭނާއަށް ފެނުނު އެންމެ ރަނގަޅު ގޮތަކަށް ވީ ހަށިގަނޑަށް ފައިދާވާނެ މާއްދާތައް ހިމެނޭ ކެއުންތަކެއް އަމިއްލައަށް ތައްޔާރުކުރާށެވެ. އަބަދުވެސް ތަފާތު ކާ އެއްޗެހި ރަހަ ބަލައި ތައްޔާރުކުރުމަށް ހުރި ޝައުގުވެރިކަމެއްގެ ބޮޑުކަމުން، ރެސިޕީތައް ކުޑަ ފޮތެއްގައި ނޯޓުކޮށް، އެ މަސައްކަތް ފެށީ އެވެ. މި މަސައްކަތުގެ ތެރެއިން ހަ މަސް ތެރޭ 17 ކިލޯ ލުއިކޮށްލި އެވެ. ދުޅަހެޔޮ ސިއްހަތަކަށް ފެށި ދަތުރު ކާމިޔާބުވި އިރު، އެ ދަތުރުގެ ތެރެއިން އެންމެ ކުރާހިތްވާ އެއް ކަމުގެ ތެރެއަށް ރަނގަޅަށްވެސް އޮތީ ވަދެވިފަ އެވެ.

އަހްމަދު ހިފާޒް ލުތުފީ ބަދިގޭގައި --- ސަން ފޮޓޯ/ އިބްރާހިމް އިފާޒް

ހިފާޒް ބުނާ ގޮތުގައި އޭނާގެ ދަރިންވެސް މީރު އެއްޗެއް ކާލަން ބޭނުންވާ ފަހަރުތަކުގައި ރެސްޓޯރަންޓަކުން ބޮޑު އަގު ދީފައި އޯޑަރުކުރުމަށްވުރެ އަމިއްލަ ގޭގައި އެ އެއްޗެއް ތައްޔާރުކޮށްލުމުން ހަރަދު ކުޑަވެފައި ހިތްހަމަޖެހުންވެސް ބޮޑުވެ އެވެ. ހިފާޒްގެ ކެއްކުމުގެ އެންމެ ބޮޑު "ފޭނުން"ނަކީ އޭނާގެ ދެ ދަރިންނެވެ. އަބަދުވެސް ދެނީ ފައިވް ސްޓާ ރޭޓިން އެވެ. އަދި އެ ކުދިންގެ ތައުރީފުތަކާއި ލޯބިން ހިތްވަރު ލިބި، ހިފާޒް އޭނާގެ ހުނަރު ހިފައިގެން ސޯޝަލް މީޑިއާއަށް އެރީ އެވެ.

"މި ޒަމާނުގެ ކުދިން ކުރާގޮތައް، އެމީހަކު ކުރާ ކަމެއް ސޯޝަލް މީޑިއާއަށް ލައި، އަސްލު ލޮކްޑައުން ތެރޭ ފޫހިވެގެން ކުރާނެ ކަމެއް ނެތިގެން އުޅެމުން، ދަރިފުޅުގެ ރިކުއެސްޓަކަށް މިކަން ކުރީ،" ހިފާޒް ބުންޏެވެ.

އެއާއެކު "ޝެފް ހިފާޒް"ގެ ބްރޭންޑުގައި ރެސިޕީ ވީޑިއޯތައް އިންސްޓަގްރާމް، ފޭސްބުކް އަދި ޓިކްޓޮކްގެ ވައިގައި ހިފާލި އެވެ.

އަނބިމީހާގެ އެހީ ލިބި ކޮށައި ތައްޔާރުކުރާ ތަރުކާރީ ފަދަ ބާވަތްތައް ހިފައިގެން ހިފާޒް ބަދިގޭގައި ސެޓުވެލަނީ ކެމެރާވެސް ހިފައިގެންނެވެ. އަދި ކުޑަ ވަގުތުކޮޅެއްގައި ފަސޭހައިން ހެދޭ ކާނާ ތައްޔާރުކުރާ މަންޒަރު ރަނގަޅަށް ޑޮކިއުމެންޓްކޮށް ހަދަ އެވެ.

މިހާތަނަށް އެންމެ ގިނަ މީހުންނަށް ކަމުގޮސްފައި ވަނީ ހިފާޒް ތައްޔާރުކުރި 'ހޮޓް ޗިލީ ސޯސް' އެކެވެ. ޓިކްޓޮކްގައި 40،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ވީޑިއޯ ބަލައިފަ އެވެ.

ޝެފް ހިފާޒް ކާއެއްޗެހި ތައްޔާރުކުރާ ވީޑިއޯތަކާއި، ތަށިތަކުގައި އަތުރާލާފައި ހުންނަ ގޮތުން، އޭނާ އަކީ ޕްރޮފެޝަނަލް ޝެފެއް ނޫން ކަމެއް ނޭނގޭނެ އެވެ. އޭނާގެ ހުނަރަށް ގިނަ ބަޔަކު ތައުރީފް ކުރާއިރު، ބައެއް ރެސްޓޯރަންޓުތަކުން ހިފާޒަށް ވަޒީފާގެ ހުށަހެޅުންތައް ވެސް ވަނީ ލިބެން ފަށައިފަ އެވެ.

ލޮކްޑައުންގައި ކެއްކުމުގެ ތެރެއަށް ރަނގަޅަށް ވަދެވި، އެންމެ ފަހުން ހިފާޒް ވަނީ އެ ދާއިރާއިން ކިޔަވަން ފަށައިފަ އެވެ. މިހާރު ވެސް އޮންލައިން ކޯސްތަކެއް ހަދަމުން އަންނަ އިރު، ގައުމީ ޔުނިވާސިޓީގެ ކޯހަކަށް ވެސް ވަނީ އެޕްލައިކޮށްފަ އެވެ.

ހިފާޒް ބުނީ އުމުރުން ދޮށިވުމަކީ މުޅިން އާ ކަމެއް ފަށަން ޖެހިލުންވާން ޖެހޭ ކަމެއް ނޫން ކަމަށާއި، ކުރާ ހިތްވާ ކަމެއްނަމަ މަސައްކަތް ކޮށްގެން ކުރެވޭނެ ކަމަށެވެ. ބޭނުންވަނީ ހިތްވަރާއި ވަގުތެވެ. ހިފާޒަށް މިފަހަރު ނަސީބު އަތުގައި ހިފައި، އެ ފުރުސަތު ލިބިގެން ދިޔައީ ސުވެނިއާ ވިޔަފާރި އެއްފަރާތުގައި ޕާކު ކޮށްލާފައި ގޭބަންދުވާން މަޖުބޫރުވުމުންނެވެ.

"ސަން" ގެ ޓީމަށް ޝެފް ހިފާޒް ތައްޔާރުކޮށްދިން ޑިޝް -- ފޮޓޯ/ އިބްރާހިމް އިފާޒް

އެހެންކަމުން ކުރިއަށް އޮތް ތަނުގައި މިހާރު އައްސާލާފައި ހުރި ކަޅު ކުލައިގެ "ޝެފް ހިފާޒް" ޖެހި އޭޕްރަންގެ ބަދަލުގައި، ފުރިހަމަ ޝެފް ޔުނިފޯމުގައި ފެނިގެން ދިއުމަކީ ވެސް ހަމަ އެކަށީގެންވާ ކަމެކެވެ. ކިޔަވައި ނިންމާފައި އަމިއްލަ ރެސްޓޯރަންޓެއް ހުޅުވުމުގެ ހިޔާލުވެސް ހިފާޒް އެބަ ގެންގުޅެ އެވެ. އެކަމަކު އެއީ ތަންކޮޅެއް ދުރުގައި އޮތް ކަމެކެވެ. މިވަގުތު ވިސްނުން ހުރީ ވިޔަފާރި އިތުރަށް ކުރިއެރުވުމަށެވެ.

ނަމަވެސް "ޝެފް ހިފާޒް" އެއް ގައިމު ނުގެއްލޭނެ އެވެ. ކެއްކުމާ ދުރެއް ނުވާނެ އެވެ. ވިޔަފާރީގައި ބުރަކޮށް އުޅެން ޖެހުނު ނަމަވެސް، ދުވާލުގެ ކޮންމެސް ގަޑިއެއްގައި ކާ އެއްޗެއް ތައްޔާރުކުރާ ވީޑިއޯއެއް ފެނިގެން ދާނެ އެވެ. ކިޔަވައިގެން އަދި ޝެފެއްގެ ގޮތުގައި ރެސްޓޯރަންޓެއްގެ ބަދިގެއިން ނުފެނުނު ނަމަވެސް، ސޯޝަލް މީޑިއާ މެދުވެރިކޮށް ޝެފް ހިފާޒް ދަސްކުރާ އެއްޗެހި އެހެން މީހުންނަށް ދަސްކޮށްދޭނެ އެވެ.

ވިޔަފާރި ހުއްޓި ލިބުނު މާޔޫސްކަމުން އޭނާ އާ ކަމެއް ދަސްކުރީ އެވެ. ހަޔާތުގެ އާ ހުނަރެއް އޭނާ ދަސްކޮށް މާޔޫސްކަން އުފާވެެރިކަމަށް ބަދަލުކުރީ އެވެ.

comment ކޮމެންޓް