ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނު އިސްލާހުކޮށްދޭން ގޮވާލައިފި

ފެބްރުއަރީ 4، 2020: ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އިއުލާންކުރަން އިލެކްޝަން ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަން ފާސްކޮށްފައިވާ ގާނޫނުގެ ހަތް ވަނަ މާއްދާ އިސްލާހުކޮށްދޭން، އިލެކްޝަންސް ކޮމިޝަންގެ މެންބަރު އިސްމާއިލް ހަބީބް އެދިވަޑައިގެންފި އެވެ.

އެ މާއްދާގައި ބުނާ ގޮތުން، އިންތިހާބު ބާއްވަން ޖެހޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމުންނެވެ. އަދި އެ ގާނޫނު ބުނާ ގޮތުން އިންތިހާބު ބާއްވަން ޖެހޭނީ އިންތިހާބު ބޭއްވުމަކީ ސިއްހީ ކުއްލި ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާއިން ކަނޑައެޅުމުންނެވެ.

ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު މިދިޔަ ހަފްތާގައި "ސަން"އަށް ވިދާޅުވީ، މާޗު ހަވަނަ ދުވަހު އިންތިހާބު ބޭއްވުމަށް އިދާރީ ގޮތުން ކޮމިޝަނުން ހުރިހާ ތައްޔާރީތައްވުމަށްފަހު، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެވޭނީ ކޮން އިރަކުތޯ ބެލުމަށް އެޗްޕީއޭއާއެކު މިދިޔަ ހަފްތާގައި ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އެ ބައްދަލުވުމުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަދި އުވާލެވެން ނެތް ކަމަށް އެޗްޕީއޭ އިން އަންގާފައިވާ ކަމަށް ޝަރީފު ވިދާޅުވި އެވެ.

އެޗްޕީއޭ އިން ބުނެފައި ވަނީ، ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެސްފި ނަމަ ބަލި ކޮންޓްރޯލް ކުރަން އުނދަގޫވެދާނެ ކަމަށެވެ.

"އެހެންވީމާ، ގާނޫނުއަސާސީ ގެ 170 ވަނަ މާއްދާގައި ބަޔާންކުރާ އިންތިހާބު ބޭއްވުމުގެ ބާރު އިލެކްޝަން ކޮމިޝަނަށް ލިބިދެއްވުމަށްޓަކައި، ގާނޫނު ނަންބަރު 2020/3 ގެ 7 ވަނަ މާއްދާ އަވަހަށް އިސްލާހްކޮށްދެއްވުން އެދެން،" ރައްޔިތުންގެ މަޖިލީހާއި، އީސީ، ރައީސް އޮފީސް، އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޓެގް ކުރައްވައި ކުރެއްވި ޓުވީޓުގައި ހަބީބް ވިދާޅުވި އެވެ.

އެންމެ ފުރަތަމަ މިއަހަރުގެ އެޕްރީލް މަހު ބާއްވަން ތާވަލް ކުރި އިންތިހާބު ކޮވިޑްގެ ބަލިމަޑުކަމާ ހުރެ ފަސް ކުރީ ހާއްސަ ގާނޫނެއްގެ ދަށުންނެވެ.

އެއަށް ފަހު އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުން އައީ އަންނަ މާޗު މަހުގެ ހަ ވަނަ ދުވަހު އިންތިހާބު ބޭއްވޭތޯ އެވެ.

ޝަރީފް ވިދާޅުވެފައި ވަނީ ގާނޫނު މިހާރު އޮތް ގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ނުގެނެސް އިންތިހާބު ބޭއްވުމަކީ އީސީއަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެޗްޕީއޭއާއެކު ބޭއްވި ބައްދަލުވުމުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މާޗު މަހަށްވެސް އުވާލެވޭނެ ކަމުގެ ޔަގީން ކަމެއް އެ އިދާރާއަކަށް ނުދެވުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އިންތިހާބާ ބެހޭ ހާއްސަ ގާނޫނުގައި ބުނާގޮތުން އެ ގާނޫނަށް އަމަލު ކުރަން ފަށާތާ އަހަރެއްހާ ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހެ އެވެ. އެހެން ކަމުން އެންމެ ލަސްވެގެންވެސް އަންނަ މެއި މަހު އިންތިހާބު ބާއްވަން ޖެހެ އެވެ.

މީގެ ކުރިން ޝަރީފު ވިދާޅުވީ، އެންމެ ލަސްވެގެންވެސް ޖެނުއަރީ ފަހެއްގެ ކުރިން އިންތިހާބު ބޭއްވުމުގެ ހުއްދަ ނުލިބޭނަމަ އިންތިހާބު ނުބޭއްވޭނެ ކަމަށެވެ އަދި ފަހެއް ޖެނުއަރީގެ ފަހުން ހުއްދަ ދިނަސް އިންތިހާބު ނުބޭއްވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބުގައި ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން 2،300 އަށްވުރެ ފަރާތަކުން ވާދަކުރެ އެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކުން މިހާރު ވަނީ ނަން އަނބުރާ ނަގައިފަ އެވެ.

comment ކޮމެންޓް