ގްލޯބަލް ޓީޗަރުގެ އިނާމު ލިބުމުން ހަދިޔާގެ ދެބައިކުޅަ އެއްބައި ރަނަރަޕަށް!

ރަންޖީޓް ޑިސަލް، މިއަހަރުގެ ގްލޯބަލް ޓީޗަރު އެވޯޑް ހާސިލްކުރި އިންޑިއާ ޓީޗަރު---

ވާކީ ފައުންޑޭޝަންއާއި ޔުނެސްކޯ ގުޅިގެން ކޮންމެ އަހަރަކު މުޅި ދުނިޔެއަށް ހުޅުވާލައިގެން ހޮވާ ގްލޯބަލް ޓީޗާ ޕްރައިޒް އިންޑިއާގެ ރަންޖީޓް ޑިސައިލް ހޯދައިފި އެވެ. އެއާ އެކު އިނާމެއްގެ ގޮތުގައި ލިބުނު އެއް މިލިއަންޑޮލަރުގެ ދެބައިކުޅަ އެއްބައި ބާކީ ތިބި ނުވަ ފައިނަލިސްޓުންނަށް ދޭނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

މި އެވޯޑަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތައުލީމު ފޯރުކޮށްދިނުމުގައި ލާމަސީލު ނަމޫނާތަކެއް ދައްކަމުންދާ މުދައްރިސުންގެ އަގުވަޒަންކުރުމުގެ ގޮތުން ފާއިތުވި ހަ އަހަރު ދެވެމުން އަންނަ އެވޯޑެކެވެ.

މިއަހަރުގެ އެވޯޑު ލިބުނު ރަންޖީޓް އަކީ އިންޑިއާގެ މަހާރަޝްޓްރާގެ އަވަށެއްގެ ޕްރައިމަރީ ސްކޫލު ޓީޗަރެއްގެ ވަޒީފާ އަދާކުރަމުންދާ މީހެކެވެ. ދުނިޔޭގެ 140 ގައުމަކުން ޖުމްލަ 12،000 ފަރާތަކުން ވަނީ މި އެވޯޑަށް ކުރިމަތިލާފަ އެވެ.

ގްލޯބަލް ޓީޗަރ 2020 އެވޯޑު ހަފްލާގެ ތެރެއިން---

ރަންޖީޓް މި އެވޯޑު ހާސިލްކޮށްފައި ވަނީ ފަގީރު އާއިލާތަކުގެ އަންހެން ކުދިންނަށް އުގަންނައިދިނުމަށް ކޮށްދީފައިވާ ޚިދުމަތަށެވެ. އެވޯޑު ހަފްލާގައި ފާހަގަކޮށްފައިވާ ގޮތުގައި ރަންޖީޓް ވަނީ އެކުދިންނަށް ކިޔަވައިދިނުމަށް ޓަކައި އެ އަވަށުގައި ވާހަކަދައްކާ އުޅޭ ބަސް ދަސްކޮށް، އެ ބަހަށް ގިނަ ފޮތްތަކެއް ތަރުޖަމާވެސް ކޮށްދީފަ އެވެ.

އަދި ފޮތްތަކުގެ އިތުރުން، ކިއު އާރް ކޯޑުތައް މެދުވެރިކޮށް އޯޑިއޯތަކާއި، ވީޑިއޯ ލެކްޗަރުތަކާއި ވާހަކައާއި އެސައިންމަންޓް ވެސް އެކުދިންނަށް ހަވާލުކޮށްފައިވެ އެވެ. މީގެ ސަބަބުން އުނގެނުމަށް އެކުދިން އިތުރަށް ޝައުގުވެރިކޮށްދިން އިރު، އޭނާގެ މި ކިއު އާރް ޓެކްނޮލޮޖީ މިހާރު އިންޑިއާގެ އެހެނިހެން ސަރަހައްދުތަކުގައި ވެސް ވަނީ ބޭނުންކުރަން ފަށައިފަ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ވާޗުއަލްކޮށް ބޭއްވުނު މި އިނާމު ދިނުމުގެ ހަފްލާގައި ވާހަކަދައްކަމުން ރަންޖީޓު ވަނީ އޭނާއަށް ލިބުނު ފައިސާގެ އިނާމުން ބާކީ ތިބި ނުވަ ފައިނަލިސްޓުންނަށް 55،000 ޑޮލަރު ދޭނެ ކަމަށް ބުނެފަ އެވެ.

ރަންޖީޓު ބުނާ ގޮތުގައި މި ފައިސާ ބާކީ ތިބި ނުވަ ފައިނަލިސްޓުންނާއި ހިއްސާކުރުމުން އިތުރު ކުދިންތަކަކަށް އުނގެނުމަށް ދިމާވާ ތަފާތު ދަތިތައް ލުއިވެ އެކުގައި މި ޚިދުމަތް ކުރިއަށް ގެންދިއުމަށް އެ މުދައްރިސުންނަށް ވެސް ހިތްވަރު ލިބިގެންދާނެ އެވެ.

ފައިނަލިސްޓުންގެ ތެރޭގައި އެމެރިކާ، އިނގިރޭސިވިލާތް، ވިއެޓްނާމް، ނައިޖީރިއާ، ދެކުނު އެފްރިކާ، އިޓަލީ، ދެކުނު ކޮރެއާ، މެލޭޝިއާ އަދި ބްރެޒިލްގެ މުދައްރިސުން ހިމެނެ އެވެ.

comment ކޮމެންޓް