މިހާރު ކޮންމެ މަސްވެރިޔަކަށް 22،000 ރުފިޔާ ލިބޭ: މިނިސްޓަރު

މިނިސްޓަރު ޒަހާ ވަހީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަސް ގަނެވޭނެ އެންމެ ދަށް އަގު ނުވަތަ ފްލޯ ޕްރައިސް 13 ރުފިޔާއަށް ބަދަލުކުރި ފަހުން މިހާރު ކޮންމެ މަސްވެރިޔަކަށް ވެސް ފަހި މޫސުމެއްގައި 22،000 ރުފިޔާ ލިބޭނެކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

ރޭ ރާއްޖޭ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރު އައިއިރު މިފްކޯ ވަރަށް ބޮޑަށް ދަރަނިވެރިވެ، މަސްވެރިންނަށް ފައިސާ ދޫނުކުރެވި ހުރި ކަމަށެވެ.

ނަމަވެސް މި ސަރުކާރު އައިސް މަސްވެރިންނަށް ފައިސާ ދީ، މަސްވެރިންގެ ޝަކުވާތަކަށް ހައްލު ހޯދުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މަސްވެރިން ބާނާ މަސް ރައްކާކުރާނެ ކެޕޭސިޓީއެއް ނެތް ކަމަށާއި، މިއަދާ ހަމައަށް ވެސް އޮތީ އެހާލަތުގައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު ފެލިވަރާއި ކޫއްޑޫ ގެ ސްޓޯރޭޖު ކެޕޭސިޓީ އިތުރު ކުރެވި، މަސްވެރިންނަށް ދިމާވާ މައްސަލަތަކާއި މަސްވެރިންގެ ޝަކުވާތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރު އައި އިރު މަސް ގަނެވޭނެ އެންމެ ދަށް އަގަކީ އަށް ރުފިޔާ ނަމަވެސް މިހާރު އެ އަދަދު 13 ރުފިޔާއަށް މަތިކޮށްފައިވާ ކަމަށެވެ. އެ ބަދަލު ގެނައުމުގެ ބޭނުމަކީ މަސްވެރިން ބިކަވެގެން ނުދާނެކަން ޔަގީންކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކުރީގަ އޮތް ގޮތަށް ބަލައިފިކަމަށް ވާނަމަ، ފްލޯ ޕްރައިސް އަކީ އަށް ރުފިޔާ ކަމަށް ބަލައިފި ކަމަށް ވާނަމަ ގާތްގަނޑަކަށް މަސްވެރިއަކަށް ލިބެނީ މަހެއްގެ މައްޗަށް 11500 ރުފިޔާ. މިހާރު އަޅުގަނޑުމެންގެ ފްލޯ ޕްރައިސް ހެދީމަ 22،000 ރުފިޔާ މަސްވެރިއަކަށް ޖެހޭނެ،" ޒަހާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ 22،000 ރުފިޔާ އަކީ ފަހި މޫސުމެއްގައި ރަނގަޅު އަދަދެއް ކަމަށާއި، މަސްވެރިކަމުގައި ވެސް ދަތި މޫސުން އަންނާނެ ކަމަށެވެ.

އެހެން ނަމަވެސް އަހަރުގެ ގިނަ މަސްތަކެއްގައި މަސްވެރިކަން ރަނގަޅު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް