ޕެންޝަން އޮފީހުގެ ސީއީއޯކަމަށް ބޭރު ބޭފުޅެއް

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯކަމަށް އައްޔަނުކުރި ޖޯން ގްރިންޑަލް -- ފޮޓޯ/ ޕެންޝަން އޮފިސް

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް އާ ސީއީއޯއެއް އައްޔަނުކޮށްފިއެވެ.

އެ އޮފީހުގެ ސީއީއޯއަކަށް އައްޔަންކޮށްފައި ވަނީ އިންޝުއަރަންސާއި ޕެންޝަނާ ބެހޭ ދާއިރާގެ ތަޖުރިބާކާރެއް ކަމުގައުވާ ޖޯން ގްރިންޑަލް އެވެ. ޕެންޝަން އޮފީހުން ބުނީ އޭނާއަކީ އިނގިރޭސިވިލާތާއި މޯލްޓާގައި މީގެ ކުރިން މަސައްކަތްކުރައްވައި، ޕެންޝަނާއި އިންޝުއަރަންސް ދާއިރާގައި 25 އަހަރުގެ ތަޖުރިބާ ހުރި ބޭފުޅެއް ކަމަށެވެ.

ޖޯން ގްރިންޑަލް ވަނީ މީގެ ކުރިން މޯލްޓާ ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ އިންޓަރިމް ޗީފް އެކްޗުއަރީަކމާއި، ކޮމްޕްރޭ ގްރޫޕް މޯލްޓާގެ ޗީފް އޮޕަރޭޓިންގް އޮފިސަރުކަމުގެ އިތުރު އިނގިރޭސިވިލާތުގެ މާލީ އިދާރާއެއް ކަމުގައިވާ ލޯއިޑްސް ބޭންކިންގްގ ގްރޫޕުގެ ސީނިއާ އެކްޗުއަރީކަން ކުރައްވާފައެވެ.

އޭގެ އިތުރުން، އޭނ އަކީ ޑިފައިންޑް ކޮންޓްރިބިއުޝަން/ޑިފައިންޑް ބެނެފިޓް ފަންޑިންއާއި ޕެންޝަނާ ގުޅޭ އިންވެސްޓްމަންޓް ރިސްކް މޮޑެލިންގެ ދާއިރާގައި ތަޖުރިބާކާރެކެވެ..

ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ޕެންޝަން އޮފީހުގެ ބޯޑަށް ލިބިދޭ ބާރުގެ ދަށުން އައްޔަނުކުރާ ސީއީއޯގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ.

ޕެންޝަން އޮފީހަކީ 2009 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ބިލުގެ ދަށުން އުފައްދާފައިވާ އޮފީހެކެވެ.

އެ އޮފީސް އުފެއްދެވުމަށްފަހު 2009 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި އެތަނުގެ އެކްޓިންގް ސީއީއޯއަކަށް އެންމެ ފުރަތަމަ އައްޔަނުކުރައްވާފައިވަނީ ފަރީހާ ޝަރީފެވެ.

އެ އޮފީހުގެ ފުރަތަމަ ސީއީއޯއެއްގެ ގޮތުގައި އައްޔަނުކުރެއްވީ ގިނަ އަހަރުތަކެއް ވަންދެން އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރުކަން ކުރެއްވި މުހައްމަދު ހުސައިން މަނިކެވެ. ދެހާސް ނުވަވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިހާރާ ހަމައަށްވެސް އެ މަގާމުގައި ހުންނެވީ މަނިކެވެ.

މަނިކަކީ މީގެ ކުރިން އޭރުގެ ޑިޕާޓްމެންޓް އޮފް ފިނޭންސް (މިހާރުގެ މިނިސްޓްރީ އޮފް ފިނޭންސް)ގެ އިސް މަގާމުތަކެއްވެސް ފުރުއްވި ބޭފުޅެކެވެ. އަދި އެމެރިކާގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމުވެސް އޭނާ އަދާކުރެއްވިއެވެ.

comment ކޮމެންޓް