އެންމެފަހުން ކޮވިޑް އެންޓާޓިކާއަށް ވެސް ފޯރައިފި

އެންޓާޓިކާގައި ހުންނަ ޗިލީގެ ރިސާޗް ސެންޓަރު---

ކޮވިޑް19 ދުނިޔެއިން ފެނުނުތާ އަހަރެއްވީ ފަހުން، އެންޓާޓިކާގައިވެސް މި ބަލި ފެތުރެން ފަށައިފި އެވެ. އެއާއެކު މިހާރު މި ބަލިމަޑުކަން މިވަނީ ދުނިޔޭގެ ހުރިހާ ބައްރަކަށް ފެތުރިފަ އެވެ.

އެންޓާޓިކާގައި މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ އެންޓާޓިކާގައި ހުންނަ ޗިލީގެ ރިސާޗް މަރުކަޒެއްގައި ތިބި ތަހުލީލީ މަސައްކަތްތަކެއް ކުރާ ބައެކެވެ. ބީބީސީ އާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން، އެ ސެންޓަރުގައި މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ޖުމްލަ 36 މީހެކެވެ. އެއީ 26 މިލިޓަރީ އޮފިސަރުންނާއި، 10 މެއިންޓަނަންސް މުވައްޒަފުންނެވެ.

ޑިސެމްބަރު މަހުގެ 22 ގައި މި މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން ކަށަވަރުވީ އިރު، މިހާރު ޕޮޒިޓިވްވި ހުރިހާ ފަރާތްތަކެއްވަނީ އެނބުރި ގައުމަށް ގެންގޮސްފަ އެވެ.

އެންޓާޓިކާއަކީ ދާއިމީގޮތެއްގައި އެއްވެސް ބަޔަކު ދިރިއުޅޭ ސަރަހައްދެއް ނޫނެވެ. ނަމަވެސް އެކިއެކި ތަހުލީލުތައް ކުރުމަށްޓަކައި ސައިންސްވެރިންނާއި އެނޫންވެސް ތަޖުރިބާކާރުން ވަކި މުއްދަތެއްވަންދެން އެތަނުގައި ތިބެ އެވެ.

ގާތްގަނޑަކަށް ހާހެއްހާ މީހުން މިހާރުވެސް އެންޓާޓިކާގައި ތިބިއިރު، ޗިލީ ގެ އޮފިޝަލުންތަކެއް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބެލެވެނީ އެމީހުންނަށް ކާބޯތަކެތި ފޯރުކޮށްދެން ދިޔަ އަސްކަރީ ބޯޓެއްގައި ހުރި މީހަކު ޕޮޒިޓިވް ވެފައި ވަނިކޮށެވެ. ބެލެވޭ ގޮތުގައި އެހިސާބަށް ބަލި ފެތުރުނު ކަމަށް ބެލެވެނީވެސް އެމީހާއާ ކޮންމެވެސް ގޮތަކުން ކޮންޓެކްޓް ވުމުގެ ސަބަބުންނެވެ.

comment ކޮމެންޓް