ފުޓުބޯޅައިގެ ފޯރި ނުފެންނަނީ ސިޑިބަރިތަކުން!

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި އޮމާން ބައްދަލުކުރި މެޗުގެ ތެރޭން: އެ މެޗުން ރާއްޖެ ބަލިވީ 3-1 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ނަވާރަވަނަ ގަރުނަށް ލޯ ހުޅުވިގެން އައި އިރު މާލޭގެ އާބާދީ ރާސްލާފައި އިތުރުވި އެވެ. އިތުރުވަމުންދިޔަ އާބާދީއާ އެކު ކުޅިވަރުތަކުގެ ވާދަވެރިކަން ވެސް އިތުރުވެގެން ދިޔަ އިރު އެންމެ ފޯރީގައި ކުޅެމުން ދިޔަ ފުޓުބޯޅަ މެޗުތައް ބެލުމަށް އަވަށު ފޯރީގައި ފުޓްބޯޅަ ފޭނުން ރަސްމީ ބޯޅަދަނޑަށް ޖަމާވެ ފުރާލަ އެވެ.

އޭގެ އެތައް އަހަރަކަށްފަހު އެ އާބާދީ ދެ ތިން ގުނަ އިތުރުވެއްޖެ އެވެ. އެކަމަކު އެއްކަލަ ފުރި ބާރުވެގެން، ދަނޑުން ޖާގަ ނެތިގެން ކަރު އަނބުރާލާފައި ގެޔަށް ދާންޖެހުނު މީހުން މިއަދު މުޅިން ގެއްލިގެން ގޮސްފި އެވެ. ދަނޑަށް ވަންނާނެ މީހަކު ނުވެސް ނެތީ އެވެ. އަދި އެވަރެއްގައި އުޅެނިކޮށް ދަނޑަށް ވަނުން ވެސް މަނާވީ އެވެ. މިއީ ވޭތުވެ ދިޔަ 10 ވަރަކަށް އަހަރު އެންމެން ކަންބޮޑުވެފައި އެންމެ ބާރަށް ދެއްކި އެއްވާހަކަ އެވެ. ދިވެހި ފުޓްބޯޅައަށް އޮންނަ ފޯރި ކެނޑުނީ ހެއްޔެވެ؟

28 މާޗް 2017: އޭއެފްސީ އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ގްރޫޕް ސްޓޭޖްގައި ރާއްޖެއާއި ފަލަސްތީނު ބައްދަލުކުރި މެޗުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދަނޑުގެ ސިޑިބަރިތަކާއި، ގޮނޑިބަރިތައް ހުސްވާން ދިމާވީ ކޮން ސަބަބުތަކެއްތޯއާއި، އަލުން އެތަންތައް ފުރާލާނެ ގޮތަކާ މެދު އެތައް ބަޔަކު އެތައް ދިރާސާއެއް ވެސް ކުރިތަން ފެނުނެވެ. އަދި އެވަރުން ނުވެގެން ކުރިން ލާރި ދައްކައިގެން ވިއްކި ޓިކެޓްތައް ވެސް ހިލޭ ކޮށްލައި، އެއްވެސް އަގަކާއި ނުލައި ދަނޑަށް ވަދެވޭނެ ގޮތްވެސް ހެދި އެވެ. ނަތީޖާއެއް ނުފެނުނެވެ.

ސުވާލަކީ ފުޓުބޯޅައިގެ ސަޕޯޓަރުން ގެއްލުނީހެއްޔެވެ؟ ނޫނީ ދުވަހުގެ ބިޒީ ޝެޑިއުލުގައި ދަނޑަށް މެޗު ބަލާލަން ވަންނާނެ ވަގުތު ނުވަނީހެއްޔެވެ.

ސަޕޯޓަރުން ދަނޑަށް ވަނުން މަދުވީ ކީއްވެ؟

ރާއްޖޭގެ އާބާދީގެ ތިން ބައިކުޅަ އެއްބައި ދިރިއުޅެމުން އަންނަ މާލޭގައި 8،000 މީހުންގެ ޖާގައިގެ ސްޓޭޑިއަަމަށް 50 މީހުން ވެސް ނުވަދެ ދިޔަ އެތައް މެޗެއް ވޭތުވެ ދިޔަ ދެތިން އަހަރެއްގެ ތެރޭގައި ފެނިގެން ގޮސްފި އެވެ. ބެރާއި ދުންމާރީގެ އަޑުތައް ފަނޑުވެ، އެ ހަނދާންތައް މާޒީޔަށް ދޫކޮށްލުމުގެ ފަހަތުގައި ފޮރުވިފައި ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި އެންމެ ބޮޑު ކަމެއްގެ ގޮތުގައި އެންމެ ގިނަބަޔަކު ފާހަގަ ކުރާ ކަމަކީ ސިޔާސީ ހަލަބޮލިކަމެވެ.

ރާއްޖެއިން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް އުފުލާލުން ވެގެން ދިޔައީ ފުޓުބޯޅައިގެ ބޮޑު އިންގިލާބެއް ފަދަ ކާމިޔާބީއަކަށެވެ. އެއާ އެކު އޭރު ދަނޑަށް ވަނުން މަޑު މަޑުން މަދުވަމުން ދިޔަ ދިޔުމަށް ބަދަލު އައިސް ދުވަސްކޮޅަކަށް އަލުން އަނެއްކާވެސް ދަނޑު ފުރިގެން ދިޔަ އެވެ. އެކަމަކު އެ ދުވަސްވަރު މާލޭގައި ސިޔާސީ ހަލަބޮލިކަން އިންތިހާއަށް އިތުރުވެ، ސިޔާސީ ފޯރި ކުޅިވަރެއް ވުރެން ދުވަހަކަށް ވުރެން ދުވަހެއް ގަދަވަމުން ގޮސް 2011-12 އަށް އަޅާލި އިރު، އަތުން ގުނާލެވޭހާ ވަރަށް މީހުން ދަނޑަށް ވަނުން މަދުވާން ފެށި އެވެ.

28 މާޗް 2017: އޭއެފްސީ އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ގްރޫޕް ސްޓޭޖްގައި ރާއްޖެއާއި ފަލަސްތީނު ބައްދަލުކުރި މެޗުގެ ތެރެއިން---ސަން ފޮޓޯ/ ފަޔާޒު މޫސާ

މީހުންނަށް މުޅިން އަލަށް ދަސްވި މި ސިޔާސީ ކުޅިވަރުގެ ތެރެއަށް ވަދެ ކުޅިވަރުގެ ފޯރި ގެއްލެން ދިމާވި އިރު، ދިވެހިން ބޭރުގެ ފުޓުބޯޅައަށް ދެވިހިފުމަކީ ވެސް ދަނޑަށް މީހުން ވަނުން މަދުވާން ދިމާވި ސަބަބަކެވެ. ބޭރުގެ ލީގުތަކުގައި ފެންނަ މޮޅެތި ކުޅުން ބަލައި، ބައެއް ދިވެހިން އެ ކުޅުން އަޅައި ކިޔަން ފެށީ ދުނިޔޭގެ ރޭންކިންގްގެ 150 އެއް ވުރެން ވެސް ދަށުގައި އޮތް ރާއްޖެއާ އެވެ. ނަތީޖާއަކަށްވީ އެ ދިވެހިން ދިވެހި ފުޓުބޯޅަ ދެކެ ފޫހިވާން ފެށުމާއި، ބޭރު ފުޓުބޯޅައަށް މާ ބޮޑަށް ލޯބި ކުރުމެވެ.

މީގެ އިތުރުން އާ ކުލަބުތަކާ އެކު ސަޕޯޓަރުން ނެތުމަކީ ވެސް ދިމާވި އެއް މައްސަލަ އެވެ. ކުރިން އޮތް ކުލަބުތަކުގެ "ހާޑްކޯ ސަޕޯޓަރުން" އެ ކުލަބުތަކާ އެކު ތިބި ނަމަވެސް ބައެއް ކުލަބުތައް ވުޖޫދުން ފުހެވުމާ އެކު ދެން އަލަށް އައި ކުލަބުތަކުގައި އެހާ "ލޯޔަލް" ސަޕޯޓަރުންނެއް ނެތެވެ. ހަގީގަތަށް ބަލާއިރު، ކުލަބެއްގެ ސަޕޯޓަރުން އިތުރު ކުރުމަކީ އެތައް ދުވަހެއްގެ މަސައްކަތެވެ. އެ ކުލަބަކަށް ކުޅޭ ކުޅުންތެރިންގެ އާއިލާތަކާއި، ރައްޓެހިން އެތައް "ޖެނެރޭޝަނެއް" ވޭތުކުރުމުން ނޫނީ ދާއިމަށް ހަރުލާ ސަޕޯޓަރުން ކުލަބެއްގައި ނުތިބޭނެ ކަމަށް ބޭރުގެ ރިސާޗުތަކުން ވެސް ދައްކަ އެވެ.

ސަޕޯޓަރުން އިތުރު ކުރުމަށް ކުރެވުނީ ކިހާވަރެއްގެ މަސައްކަތެއް؟

"ސަޕޯޓަރުންނެއް ނެތި ފުޓުބޯޅަ ކުޅުމަކީ ސާކަސްއަކަށް ގޮސް ޖޯކަރެއް ނުފެނުން ފަދަ ކަމެއް." މިއީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިނާ ކްރިސްޓިއާނޯ ރޮނާލްޑޯ މިފަހަކުން ބުނެފައިވާ ބަސްކޮޅެކެވެ. ފުޓުބޯޅައިގެ 12 ވަނަ ކުޅުންތެރިޔާގެ ގޮތުގައި ސަޕޯޓަރުން ތިބޭ ވާހަކަ އަކީ އެންމެންނަށް ވެސް އަބަދުމެ އަޑުއިވޭ ވާހަކައަކަށްވާ އިރު، ގެއްލިފައިވާ ސަޕޯޓަރުން އަލުން ދަނޑަށް ވެއްދުމަށް ކަމާބެހޭ ފަރާތްތަކުން ކިހާ މަސައްކަތެއް ކޮށްފިތޯ އެއީ ވެސް ބޮޑު ސުވާލެކެވެ.

ސެޕްޓެމްބަރ 6، 2016: އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ޕްލޭއޯފް ފުރަތަމަ ލެގުގައި ރާއްޖެ އާއި ލާއޯސް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ ފަސް ވަރަކަށް އަހަރު ކުރިއަށް ޖެހިލާ އިރު، އެއްބަޔަކު ދައްކަމުން ދިޔަ ވާހަކަ އަކީ ދަނޑަށް ސަޕޯޓަރުން ނުވަންނަނީ ހަމައެކަނި މާލޭ ޓީމުތައް ކުޅޭތީ ކަމަށެވެ. އެހެން ކަމުން މިނިވަން ޗެމްޕިއަންޝިޕްގެ ނަމުގައި މުބާރާތެއް އެފްއޭއެމްއިން ތައާރަފުކޮށް، ގަލޮޅު ދަނޑަށް އެ ޓީމުތައް ގެނަ އެވެ. އެކަމަކު މެޗަކަށް ފަހު މެޗެއް، ސަޕޯޓަރުން މަދުވަމުން ގޮސް ހަމަ އެއްކޮށް ހުސްވެގެން ދިޔައީ އެވެ.

ދިވެހި ފުޓުބޯޅައިގެ މައުލޫމާތުތައް މަދުވެ، ޓީމުތަކުގައި އުޅެނީ ކޮންކުޅުންތެރިންނެއް ކަން ނޭންގޭ ހިސާބަށް ކަންތައް ގޮސްފައި އޮތް އިރު، މިދިޔަ ސީޒަނަކީ ފުޓުބޯޅަ ގަލޮޅު ދަނޑުގެ ހަތަރު ބިތުގައި ބަންދުވެފައި އޮތް ސީޒަނެކޭ ވެސް ބުނެވިދާނެ އެވެ. އެފްއޭއެމުން މެޗު ލައިވް ކުރުމަށް ޓީވީ ކުންފުންޏަކާއި، އަދި ވެސް ފޭސްބުކާއި، ޔޫޓިއުމް ލައިވް ކުރުމަށް ބަޔަކާ ހެދި އެއްބަސްވުން ސީޒަނުގެ މެދަކާ ހަމައިން "ފަނިވެގެން" ދިއުމަކީ ހަގީގަތުގައި ފުޓުބޯޅައަށް ލިބުނު ބޮޑު ދެރައެކެވެ.

އެކަން ރަނގަޅުކޮށް އެފްއޭއެމުން މި ސީޒަނާ ކުރިމަތިލީ އެފްއޭއެމްގެ މީޑިއާއަށް ތަޖުރިބާ ހުރި ބަޔަކު ލައިގެން، ސީދާ އެ އިދާރާއިން ސޯޝަލް މީޑިއާގައި ލައިވްކުރަން ފަށައިގެންނެވެ. އަދި ފުޓުބޯޅައިގެ އެންގޭޖްމެންޓް ސޯޝަލް މީޑިއާގައި އިތުރުކޮށް އެތައް ބަޔަކު އޭގެތެރޭގައި ޝާމިލް ވާން ފެށުމަކީ ރަނގަޅު ފާލެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ފުޓުބޯޅައިގެ ފޯރި އެބައޮތް، ނުފެންނަނީ ސިޑިބަރިން!

އެފްއޭއެމުން މި ސީޒަނުގައި ފެށި މީޑިއާ ހަރަކާތްތަކާ އެކު ފުޓުބޯޅައަށް ލޯބި ކުރާ ގިނަ ބަޔަކު ތިބިކަން ހާމަވެއްޖެ އެވެ. މެޗުގެ ލައިވްތައް ދުވަހުން ދުވަހަށް އިތުރުވެ، ގިނަބަޔަކު އަންނަނީ މެޗުގެ ވާނުވާ ބަލައި، އެމީހުންގެ ޝުއޫރުތައް ފާޅުކުރަމުންނެވެ.

މާޒިޔާގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނި ގޮތުގައި މަގުމަތިން ދިމާވެ ދިވެހި ފުޓްބޯޅައިގެ ވާހަކަ ދައްކައި މެޗުތަކާ ގުޅޭ ސުވާލުތައް ކުރާ މީހުން ގިނަވަމުން އަންނަކަމަށެވެ. މިއީ ދިވެހި ފުޓްބޯޅައިގައި ސަޕޯޓަރުންގެ ބައިވެރިވުން އިތުރުވަމުން އަންނަ ކަމުގެ ހެޔޮ ފާލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ކުޅުނު އެކުވެރިކަމުގެ މެޗަށްފަހު ޓީމުގެ ބައެއް ކުޅުންތެރިން ދިވެހި ސަޕޯޓަރުންނާއެކު ސެލްފީ ނަގަނީ: މިރޭގެ މެޗުގައި ދިވެހި ސަޕޯޓަރުންގެ ބޮޑު ތަރުހީބެއް ރާއްޖޭގެ ޓީމަށް ބޭނުންވޭ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ނިޒާމްބެ ބުނީ ރާއްޖޭގެ ފުޓްބޯޅަ އަށް ސަޕޯޓެއް ނެތޭ ބުނެ އެ ދެކެވޭ ވާހަކަތަކުގައި މުޅިން އަސްލެއް ނޫންކަން މިހާރު ފެންނަމުން އަންނަ އެއް ސަބަބަކީ ސޯޝަލް މީޑިއާގައި ދިވެހި ފުޓްބޯޅައިގެ ހަރަކާތްތައް ގިނަވުން ކަމަށެވެ.

"ފުޓްބޯޅައިގައި ކޮންމެ ގޮތަކުން ވެސް މީހުން އެންގޭޖްވާތަން ފެނުމަކީ ހިތްހަމަޖެހުމެއް. މެޗުތައް ސޯޝަލް މީޑިއާގައި ލައިވްކޮށް ޓީވީން ލައިވްކުރީމަ އެ އިފެކްޓް އަންނަކަން ވަރަށް ބޮޑަށް ގަބޫލުކުރެވޭ،" އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ނިޒާމްބެ ބުންޏެވެ.

"މީގެ ގާތްގަނޑަކަށް 15 ވަރަކަށް އަހަރު ކުރިން މަގުމަތިން މީހުން ކުރާ ކަހަލަ ސުވާލުތައް އަންނަން ފެށީމަ އެބަ އެނގޭ މެޗު ބަލާފައި ކަން މެޗަށް ވަރަށް ސަމާލުކަން ދީފައި ހުރީމަކަން އެ ސުވާލުތައް އަންނަނީ. އެއީ ވަރަށް ބޮޑު ކުރިއެރުމެއް. އުއްމީދަކީ ދަނޑުގެ ގޮނޑިތަކުން އެ މޫނުތަން ފެންނާނެ ދުވަހެއް،"

ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ، މިހާރު ކޮންމެ ތާކު ހުރެގެން ވެސް މެޗު ބަލާލަން ފުރުސަތު އޮތުމަކީ އުފާކުރާ ކަމެއް ކަމަށާއި، މިހާރު ފުޓުބޯޅައިގެ ވާހަކަތައް ސައި ހޮޓަލުތަކަށް ވަދެ އެކަމުގައި ގިނަބަޔަކު ޝާމިލްވާ މަންޒަރު ފެންނަ ކަމަށެވެ. އަދި ޓީވީން ގެންނަ މެޗުގެ ކުރިން ޕްރި ޝޯއެއް މެޗުތަކާ ބެހޭ މައުލޫމާތު ގެނެސްދިނުމަށް ބޭއްވުމަކީ އެކަން އިތުރަށް ފުރިހަމަ ވެގެންދާނެ ކަމެއް ކަމަށް ފެންނަނަ ކަމަށް ޝާޒް ބުންޏެވެ.

ފުޓްބޯޅައިގެ ދާއިރާގެ ބޭފުޅުން ގަބޫލުކުރާ ގޮތުގައި ފުޓްބޯޅައިގެ ފޯރި އެބަ އޮތެވެ. އެކަމަކު ޒަމާްން ބަދަލުވުމާ އެކު ދަނޑަށް ވަދެ ފުޓްބޯޅަ ބަލަން ބޭނުން ނުވަނީ އެވެ. އެކަމަކު އެ ފޯރި ދިވެހިންގެ މެދުގައި އެބަ އޮތެވެ. އަދި އެ ފޯރި އިތުރަށް ގަދަވެސް ކުރެވިދާނެ އެވެ.

comment ކޮމެންޓް