ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ޝިޔާމަށް ދައުވާ ކުރަން ފޮނުވައިފި

ޖެނުއަރީ 26، 2017: ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމަށް ދައުވާ ކުރަން އޭސީސީއިން މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީއިން މިއަދު ބުނި ގޮތުގައި ދައުވާ ކުރަން ފޮނުވީ، ވިލިމާލޭގައި ހުންނަ ކޯސްޓްގާޑްގެ އިމާރާތުގެ ވީއައިޕީ ފެސިލިޓީގައި، ޝިޔާމްގެ ބައްފަ ދިރިއުޅުނު ކަމަށް ބުނާ މައްސަލައިގަ އެވެ. ޝިޔާމްގެ ބައްޕަ އެ ފެސިލިޓީގައި އުޅުނީ ޝިޔާމްގެ އެންގުމަށް ކަމަށާއި، އޭނާގެ ބައްޕައަށް ސިފައިން އެކި ހިދުމަތްތައްވެސް ދިން ކަމަށްވެ އެވެ.

ޝިޔާމްގެ މައްޗަށް ކުރަން އޭސީސީއިން އެދިފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ)ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން، އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ.

އޭސީސީިއިން މިއަދު ބުނި ގޮތުގައި ވީއައިޕީ ފެސިލިޓީގައި ޝިޔާމްގެ ބައްޕަ އުޅުއްވީ 18 ޖުލައި 2017 އިން 11 ޑިސެންބަރު 2018 ގެ ނިޔަލަށެވެ. އެތަނުގައި މީހުން ބޭތިއްބުމުގައި އަމަލުކުރާނެ ވަކި ހާއްސަ އުސޫލެއް ނެތްނަމަވެސް، އެތަނަކީ އާންމުންނަށް ދިރިނޫޅެވޭނެ ތަނެއް ކަމަށް އޭސީސީއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. ޝިޔާމްގެ ބައްޕަ ސިފައިންގެ މަރުކަޒެއްގައި ދިރިއުޅުން ހުއްދަކުރާ ގާނޫނެއް، ގަވާއިދެއް ނުވަތަ އުސޫލެއް ނެތްކަމުން އޭނާ އެތަނުގައި ދިރިއުޅޭނެ ހައިސިއްޔަތެއް ނެތް ކަމަށްވެސް އޭސީސީއިން ބުނެފައިވެ އެވެ.

"ވީއައިޕީ ގެއަކީ ސިފައިންގެ އެކިއެކި ބޭނުންތަކަށާއި، ސިފައިންގެ ހިދުމަތްތަކަށް އަންނަ ހާއްސަ ފަރާތްތައް ވަގުތީ ގޮތުން މަޑުކޮށްގެން ތިބުމަށް ބޭނުންކުރާ ތަނަކަށްވާއިރު، ދައުލަތުގެ މާލިއްޔާއިން ހަރަދުކުރާ ތަނެއްގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކުން، މަގާމުގެ ނުފޫޒު ބޭނުންކޮށް އެތަނެއްގެ ވަސީލަތްތައް އެ ފަރާތެއްގެ އަމިއްލަ ބޭނުންތަކަށް ބޭނުންކުރެވޭނެ ކަމަށް ދެކޭ ދުވަސްވީ ސަގާފަތެއް ދައުލަތުގެ މުއައްސަސާއެއްގެ ތެރޭގައި އޮތުމަކީ އެ އަމަލު ހުއްދަކުރާނެ ނުވަތަ ކޮރަޕްޝަން ހުއްދަވާނެ ކަމެއް ނޫނެވެ،" އޭސީސީގެ ބަޔާނުގައިވެ އެވެ.

ޝިޔާމްގެ ބައްޕަ ބެލެހެއްޓުމަށް އެމްއެންޑީއެފްގައި ކުރިން މަސައްކަތްކުރި މީހަކު ވީއައިޕީ ފެސިލިޓީގައި ދިރިއުޅެފައިވާ ކަމަށްވެސް އޭސީސީއިން ބުންޏެވެ. އަދި އެތަނުގެ ވަސީލަތްތަކާއި ހިދުމަތްތައް ޝިޔާމްގެ ބައްޕައަށް ބޭނުންކުރެވޭގޮތަށް އޮތުމުން، އޭނާއަށް ލިބެން ނުޖެހޭ މަންފާތަކެއް ލިބިފައިވާ ކަމަށް އޭސީސީއިން ބުންޏެވެ. އަދި ޝިޔާމްގެ އެ އަމަލަކީ ދައުލަތުގެ މުވައްޒަފެއްގެ ވަޒީފާ ނުވަތަ މަގާމު ބޭނުންކޮށްގެން ދައުލަތުން ހަރަދުކުރާ ތަނެއްގެ މަންފާ އެ މަންފާއެއް ލިބެންނުޖެހޭ ފަރާތްތަކަށް ލިއްބައިދޭ އަމަލެއް ކަމަށް އޭސީސީއިން ބުންޏެވެ.

ސިފައިންގެ ގާނޫނުގައި ބަޔާންކުރާ ސިފައިންގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން އާންމު ފަރުދުންނަށް ފޯރުކޮށްދެންޖެހޭ ހިދުމަތެއް ފޯރުކޮށްދިނުމަށް ފިޔަވައި، ސިފައިންގެ ވެރިއެއްގެ އިރުޝާދުގެ ދަށުން އާންމު ފަރާތެއް ބެލެހެއްޓުމަށް ސިފައިންގެ އޮފިސަރެއް ހަމަނުޖެއްސޭނެ ކަމަށްވެސް އޭސީސީއިން ބުނެފައިވެ އެވެ.

މީގެ ކުރިން އޭސީސީއިން ވަނީ އެ މައްސަލަ ބަލައި ނާޖާއިޒު ފައިދާއެއް ހޯދައިނުދޭ ކަމަށް ނިންމައި މައްސަލަ ފައިލްކޮށްފަ އެވެ. ނަމަވެސް، އެ މައްސަލަ އަލުން ބެލީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް އަންގަވައިގެންނެވެ.

comment ކޮމެންޓް