(ގދ ތިނަދޫ): ގދ. ތިނަދޫ ރީޖަނަލް ޕޯޓު ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު މޯލްޑިވްސް ޕޯޓްސް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
ޓުޓިކޮރިން އާއި ރާއްޖޭގެ ދެކުނު ގުޅާލާ ކާގޯ ޝިޕިންގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޕޯޓު އެޅުމަށް ކަނޑައެޅި ސަރައްދު ތަރައްގީ ކުރުމަށް އެމްޕީއެލް އިން މިއަދު ވަނީ އެމްޓީސީސީ އާއި ހަވާލުކޮށްފައެވެ. އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ އާއި އެމްޓީސީސީގެ އެމްޑީ އަދި ސީއީއޯ އާދަމް އާޒިމް އެވެ.
ޕޯޓު ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ތިނަދޫ ރީޖަނަލް ޕޯޓުވެސް އޮޕަރޭޓު ކުރާނީ އެމްޕީއެލް އިން ހިންގާ ހދ ކުޅުދުއްފުށި ޕޯޓާއި ސ ހިތަދޫ ޕޯޓާއި އެއްގޮތް މެނޭޖުމެންޓް މެކޭނިޒަމް އެއްގެ ތެރެއިން ކަމަށެވެ.
ތިނަދޫ ޕޯޓު ގާއިމްކުރުމަށް އެރަށުން އެއްލައްކަ އަށްހާސް އަކަފޫޓުގެ ބިމެއް އެރަށުން ވަނީ އެމްޕީއެލް އަށް ދީފައެވެ.
އެމްޕީއެލް އާއި އެމްޓީސީސީ އާއި ދެމެދު މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ތިނަދޫ ޕޯޓު ގާއިމް ކުރާ ބިމުގައި ބިން އެއްވަރުކޮށް ސެކިޔުރިޓީ ފެންސް ޖަހައި ސްޓޯމް ވޯޓާ ޑްރެއިނޭޖު ގާއިމް ކުރާނެއެވެ.
މީގެ އިތުރުން ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި، އެ ބިމުގައި 5،000 އަކަފޫޓުގެ ގުދަނެއް ހަދައި އެޑްމިން އިމާރާތެއް އަޅައި ޔާޑް ލައިޓް އަދި އެހެން ހިދުމަތްތައް ގާއިމް ކުރުމަށް އެމްޓީސީސީ އާއެކު އެއްބަސްވުމެއް އެކުލަވާލާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ތިނަދޫ ޕޯޓަށް ބޭނުންވާ ކެރޭނާއި ފޯކްލިފްޓު ފަދަ އިކުއިޕްމެންޓް ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އެމްޓީސީސީގެ މަސައްކަތް ނިމޭއިރު އެތަކެތި ގެނެވޭނެ ކަމަށެވެ.
"އަމާޒަކީ މި ވަގުތު ގާއިމް ކުރެވޭ ފެސިލިޓީ އިން އެމްއެސްއެސްގެ ވެސަލް އަށް ހިދުމަތް ދެވޭނެ ފެސިލިޓީ ގާއިމް ކުރުން،" ޝާހިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ތިނަދޫ ޕޯޓުން ޓްރާންސިޓް ކާގޯގެ ހިދުމަތާއި ކަސްޓަމްް ކްލިއަރެންސް އަދު މުދާ ގުދަންކުރުމުގެ ހިދުމަތް ދޭނެ ކަމަށެވެ.
އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޕޯޓަށް ބޭނުންވާ މުވައްޒަފުން ހޯދަން އިއުލާނު ކުރާނެ ކަމަށާއި މުވައްޒަފުން ނަގާއިރު އިސްކަންދޭނީ ތިނަދޫ އަދި ހުވަދޫ އަތޮޅުން މުވައްޒަފުން ނެގުމަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.
ތިނަދޫގައި އަޅާ ބައިނަލްއަގްވާމީ ބަނދަރުގެގެ އޮޕަރޭޝަންތައް ފެށުމަށް 3.36އަންނަ އަހަރުގެ ބަޖެޓުގައި މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.