ޗެލްސީގެ ހޯމް ސްޓޭޑިއަމް ސްޓެމްފޯޑް ބްރިޖްގައި ރޭ ވެސްޓް ހޭމް ޔުނައިޓަޑްއާ ދެކޮޅަށް ކުޅުނު ޕްރިމިއާ ލީގު މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބުކޮށް، ޗެލްސީއިން ލީގުގެ ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު އާކޮށްލައިފި އެވެ.
ލީގުގައި އެންމެ ފަހުން އެވަޓަން އާއި ވުލްވްސްއާ ދެކޮޅަށް ކުޅުނު ދެ މެޗުންވެސް ބަލިވެ ޗެލްސީ ވަނީ ލީގުގެ ގަދަ ހަތަރަކުން ކަޓާފަ އެވެ. ނަމަވެސް ރޭގެ ކާމިޔާބީއާއެކު މުޅިއަކު 25 ޕޮއިންޓާއެކު ފަސްވަނައަށް އެ ޓީމް ޖެހިލާފައި ވާއިރު، ތާވަލްގެ އެއްވަނަ އާއި ދެވަނަ 31 ޕޮއިންޓާއި 27 ޕޮއިންޓާއެކު އޮތީ ލިވަޕޫލް އާއި ލެއިސްޓާ ސިޓީ އެވެ.
ރޭގެ މެޗުގައި ޗެލްސީން ލީޑު ނެގުމުގެ ކުރިން ވެސްޓް ހޭމްއިން ވަނީ ގޯލެއް ޖަހާ ޗެލްސީ ބިރުގަންނަވާލައިފަ އެވެ. ނަމަވެސް މެޗުގެ ހަތް ވަނަ މިނެޓުގައި އާރޮން ކްރެސްވެލް ނަގައިދިން ހިލޭ ޖެހުމަކުން ޑެކްލަން ރައިސް ވެސްޓް ހޭމްއަށް ކާމިޔާބު ކޮށްދިން އެ ގޯލު ވެފައި ވަނީ އޮފްސައިޑް ގޯލަކަށެވެ.
އޭގެ ތިން މިނެޓު ފަހުން މެޗުގެ 10 ވަނަ މިނެޓުގައި ޗެލްސީން ވަނީ އެ ޓީމްގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. އެ ލަނޑު ޗެލްސީއަށް ކާމިޔާބު ކޮށްދިނީ ޗެލްސީއަށް ލިބުނު ކޯނަރެއްގައި މޭސަން މައުންޓް ނަގައިދިން ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިން ޗެލްސީގެ ތިއާގޯ ސިލްވާ އެވެ.
ޗެލްސީގެ ލީޑަށްފަހު މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމްގެ ފަރާތުންވެސް ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފްގައި ފުރަތަމަ ކޮޅު ބޯޅަ ހިފައްޓައިން ރަނގަޅަށް ކުޅެ، ގޭމް ކޮންޓްރޯލް ކޮށްފައި ވަނީ ވެސްޓް ހޭމް އެވެ.
މެޗުގައި ޗެލްސީން އިތުރަށް ލީޑު ފުޅާކޮށްލާފައި ވަނީ 78 ވަނަ މިނެޓުގައެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޓިމޯ ވާނާ ދިން ޕާހަކުން އެ ޓީމުގެ ޓެމީ އަބްރަހަމް އެވެ. އޭގެ ދެ މިނެޓު ފަހުން ޗެލްސީން އުފެއްދި ހަމަލާއެއްގައި ވެސްޓް ހޭމްގެ ކީޕަރު ގައިގައި ޖެހިފައި ނިކުއިން ރީބައުންޑްގެ ބޭނުން ހިފާ، ޓެމީ ވަނީ ޗެލްސީއަށް އެ ޓީމްގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފަ އެވެ.