ސީރިއާގެ ކޭމްޕުތަކުގައި ތިބި ޖަރުމަނާއި ފިންލޭންޑުގެ ކުދިން ގައުމަށް ގެންގޮސްފި

ސީރިއާގެ ކޭމްޕުތަކުގައި ޔޫރަޕްގެ 600 ކުޑަކުދިންނާއި 300 އަންހެނުން ތިބި ކަމަށް ބެލެވޭ -- ފޮޓޯ: ރޮއިޓާސް

ބާލިން (ޑިސެމްބަރު 22): ސީރިއާގެ ރެފިއުޖީ ކޭމްޕުތަކުގައި ތިބި އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިންގެ އާއިލާގެ މެމްބަރުން ކަމަށް ބެލެވޭ ޖަރުމަނާއި ފިންލޭންޑުގެ 18 ކުޑަކުދިންނާއި ފަސް އަންހެނަކު އަނބުރާ އެ ދެ ގައުމަށް ގެންގޮސްފި އެވެ.

ޖަރުމަނުގެ ފޮރިން މިނިސްޓަރު ހެއިކޯ މާސް ވިދާޅުވި ގޮތުގައި ސީރިއާގެ އިރު އުތުރުގައި ހަދާފައިވާ ކޭމްޕުތަކުން އެގައުމަށް އަނބުރާ ގެންގޮސްފައި ވަނީ 12 ކުޑަކުދިންނާއި ތިން އަންހެނުންނެވެ. އަދި އޭގެ ތެރޭގައި ގިނައީ ޔަތީމު ކުދިންނާއި ބަލި ކުދިންކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މާސް ވިދާޅުވި ގޮތުގައި ޖަރުމަނަށް އަނބުރާ ގެންގޮސްފައިވާ އަންހެނުންނަކީ އޭގެ ތެރެއިން ބައެއް ކުދިންގެ މަންމައިންނެވެ. އަދި އެ މީހުން ގައުމަށް ގެންދިޔައީ، މަންމައާ ނުލައި ދަރިން އަނބުރާ ގެންދިޔުމަކީ ގާނޫނުން ތަންދޭ ކަމަކަށް ނުވާތީ އެވެ.

ޖަރުމަނުގެ ބައެއް މީޑިއާތަކުން ވަނީ އެގައުމަށް ގެންދިޔަ ތިން އަންހެނުންގެ ތެރެއިން އެކަކަކީ އައިއެސްގެ މެމްބަރެއް ކަމަށް ޝައްކު ކުރެއްވި އޭނާ އެއާޕޯޓުން ހައްޔަރު ކޮށްފައިވާ ކަމަށް ބުނެފަ އެވެ. އަދި އަނެއް ދެ އަންހެނުންނާ ވެސް އައިއެސްއާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވޭތީ އެމީހުން ތަހުގީގު ކުރަމުންދާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އޭއެފްޕީ ނޫހުގައިވާ ގޮތުން އެ ތިން އަންހެނުންނަކީ އައިއެސްގެ ހަނގުރާމަވެރިންގެ އަނބިންނެވެ. އަދި އެ މީހުންގެ ހާލު ވަރަށް ދެރަ އެވެ.

ފިންލޭންޑުގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އެގައުމަށް ގެންގޮސްފައި ވަނީ ހަ ކުޑަކުދިންނާއި ދެ އަންހެނުންނެވެ.

"ގާނޫނު އަސާސީގާއި އޮންނަ ގޮތުގެ މަތިން ފިންލޭންޑުގެ ސަރުކާރުގެ އިދާރާތަކަށް ޖެހޭ އެ ކޭމްޕުތަކުގައި ތިބި މި ގައުމުގެ ކުޑަކުދިންގެ އަސާސީ ހައްގުތައް ވީމިންވަރަކުން ރައްކާތެރިކޮށްދޭން،" އެ މިނިސްޓްރީން ބުންޏެވެ.

ފިންލޭންޑުގެ ސަރުކާރުން ލަފާ ކުރާ ގޮތުގައި އަލް ހައުލް އާއި އަލް ރޯޖް ކޭމްޕުގައި އަދިވެސް ބޭރު ގައުމުތަކުގެ 9،000 އަންހެނުންނާއި ކުޑަކުދިން ދިރިއުޅެމުންދެ އެވެ. އޭގެ ތެރޭގައި އީޔޫގެ ގައުމުތަކަށް ނިސްބަތްވާ 600 ކުޑަދިންނާއި 300 އަންހެނުން ހިމެނެ އެވެ.

ޔޫރަޕްގެ ބައެއް ގައުމުތަކުން ވަނީ އެމީހުން އަނބުރާ ގެންދިޔުމަކީ ނުރައްކާތެރި ކަމެއް ކަމަށް ބުނެ، އެމީހުން ގައުމަށް ދިޔުމަށް ހުއްދަ ދޭން ދެކޮޅު ހަދާފަ އެވެ. ނަމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ ސީރިއާގެ ކޭމްޕުތަކުގައި އަންހެނުންނާއި ކުޑަކުދިން ބޭތިއްބުމުން ބަލިމަޑުކަމާއި ހައްދުފަހަނައަޅާފައިވާ ފިކުރު ފެތުރުމުގެ ބިރު އޮތް ކަމަށާއި ވީމާ ކޮންމެ ސަރުކާރަކުންވެސް އެގައުމެއްގެ އަންހެނުންނާއި ކުޑަކުދިން އަނބުރާ ގެންދިޔުމަށް ގޮވާލާފަ އެވެ.

comment ކޮމެންޓް