ފާމަސީއެއް ފަޅާލައި، އަމަލުވާ ޒާތުގެ ބޭސްތަކެއް ވަގަށް ނަގައިފި

ވިލިނގިލީ އެސްޓީއޯ ފާމަސީ: އެތަން ފަޅާލައި މަނާ ބޭސްތަކެއް ވަނީ ވަގަށް ނަގާފައި

ގއ. ވިލިނގިލީ އެސްޓީއޯ ފާމަސީ ފަޅާލައި، އެތަނުގައި ހުރި އަމަލުވާ ޒާތުގެ ބޭސްތަކެއް ވަގަށް ނަގައިފި އެވެ.

ފާމަސީ ފަޅާލާފައި ވަނީ، ރޭގެ ވަގުތެއްގަ އެވެ.

ވިލިނގިލީ އެސްޓީއޯ ފާމަސީ މެނޭޖަރު އިއްސާގު ނިޒާރު މިއަދު "ސަން"އަށް ވިދާޅުވީ، ފާމަސީ ފަޅާލާފައި ވަނީ އެތަނުގެ ބިއްލޫރި ގަނޑު ތަޅާލައިގެން ކަމަށާއި އެތަނަށް އެކިވަރުގެ ގެއްލުންތަކެއް ދީފައިވާ ކަމަށެވެ.

"ކޮންޓްރޯލް ބޭސްތަކެއް މަދުވޭ. ދެން ކޮންމެވެސް ވަރަކަށް ވަތްގަނޑުގައި ހުރި ފައިސާތައްވެސް ވަނީ ނަގާފައި،" އިއްސާގު ވިދާޅުވި އެވެ.

ފަމަސީގެ ބިއްލޫރިގަނޑު ތަޅާލާފައި ---

އޭނާ ވިދާޅުވީ، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާތީވެ، މަދުވާ ބޭހުގެ އަދަދާއި ފައިސާގެ އަދަދު އަދި ކަށަވަރު ނުވާ ކަމަށެވެ. އަދި މިހާތަނަށް އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށްވެސް އިއްސާގު ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ ފާމަސީ ފަޅާލައި ވައްކަކުރި މައްސަލަ މިއަދު ހެނދުނު 8:02 ގައި އެ މުއައްސާއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް މީޑިއާ އޮފިޝަލް ނުދެއްވަ އެވެ.

ފާމަސީ ފަޅާލުމާ ގުޅިގެން މިހާރު އެތަނުގެ ހިދުމަތް ދިނުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ. އަދި އަލުން މަދަމާ ހިދުމަތް ދޭން ފަށާނެ ކަމަށް އެ ފާމަސީން ބުންޏެވެ.

comment ކޮމެންޓް