މެރިން އެކްސްޕޯ އޮންލައިންކޮށް ފަށައިފި

މިދިޔަ އަހަރު ބޭއްވި މެރިން އެކްސްޕޯ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް މެރިން އެކްސްޕޯ 2020 އޮންލައިންކޮށް ފަށައިފި އެވެ.

ވާޗުއަލްކޮށް މިއަހަރު ބާއްވާ މި އެކްސްޕޯ ފައްޓަވައިދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ އަބްދުﷲ މައުސޫމް އެވެ. މިއަދުން ފެށިގެން އަންގާރަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާ މި އެކްސްޕޯގެ މައި ސްޕޮންސަރަކީ އަލްޝާލީ މެރިން އެވެ.

މެރިން އެކްސްޕޯ ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ އަބްދުﷲ މައުސޫމް ވިދާޅުވީ ދިވެހި ވިޔަފާރިތަކަށް އެ މީހުންގެ އުފެއްދުންތައް ދައްކާލުމުގެ ފުރުސަތު މި އެކްސްޕޯ އިން ދޭއިރު މިއީ އިންޓަނޭޝަނަލް ވިޔަފާރިތަކަށްވެސް ގިނަ ފުރުސަތުތަކެއް ލިބޭ އިވެންޓެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މެރިން ޓޫރިޒަމް ޑިވެލޮޕްމެންޓާއި، ސަސްޓެއިނިބިލިޓީ އަކީ މުހިއްމު އިސްކަމެއް ދޭ ކަމެއް ކަމަށާއި، ސަރުކާރުގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ޓޫރިޒަމް ތަރައްގީކުރުން ކަމަށެވެ.

ކަނޑުއުޅަނދުފަހަރުގެ ޓޫރިޒަމަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި ބޮޑު ބަދަލެއް އައިސް އެ ދާއިރާ ކުރިއަރާ ގޮސްފައިވާކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ރިސޯޓަކުން ލިބޭ ހިދުމަތްތައް މިހާރު ކްރޫޒް ޝިޕްތަކުން ލިބޭ ކަމަށާއި، ދަތުރު މަތީގައި އުނދަގޫކަމެއްނެތި އުފާވެރި ޗުއްޓީއެއް ހޭދަކޮށްލެވޭ ކަމަށެވެ.

"މިއަދު ރާއްޖޭގެ ބޯޓިން ދާއިރާވެސް ކުރިއަރައި ގޮސްފި. މެރިޓައިމް ޓްރާންސްޕޯޓަކީވެސް ޓޫރިޒަމްގައި މުހިއްމު ދައުރެއް އަދާކުރާ އިންޑަސްޓްރީ އެއް. މެރިޓައިމް ޓްރާންސްޕޯޓުގެ ދާއިރާ އަށް ޓޫރިޒަމް ދާއިރާ އިން ބޮޑު އާމްދަނީ އެއް ޖެނެރޭޓު ކުރެވިދާނެ. ބޯޓިން ޓޫރިޒަމް އިން މި ދާއިރާ އަށް ބޮޑު ބަދަލެއް ގެނެސްދީފި،" މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ބޯޓިން ޓޫރިޒަމްގެ ދާއިރާ ކުރިއަރަމުންދާ ކަމަށާއި ސަފާރީ، ޔޮޓުތަކުން މިހާރު ލިބޭ ހިދުމަތަކީ ޒަމާނީ، ފެންވަރު ރަނގަޅު ހިދުމަތެއް ކަމަށެވެ.

"ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމެއް. ކްރޫޒް ޓޫރިޒަމާއެކު ޓޫރިސްޓުންނަށް ރާއްޖެ އެކްސްޕްލޯ ކުރުމަށް ފުރުސަތު ލިބޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަދި ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އަށް ރަނގަޅު ކުރިއެރުމެއް އަންނަމުންދާ ކަމަށާއި އަންނަ އަހަރަކީ އުއްމީދީ އަހަރެއް ކަމަށް ވާނެ ކަމަށެވެ.

އެ ހަފްލާގައި ބޯޓިން އެސޯސިއޭޝަންގެ ރައީސް އަހުމަދު އަފްރާހު ވިދާޅުވީ މެރިން އެކްސްޕޯ އަށް މިއަހަރުވެސް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އެގޮތުން ޓޫރިޒަމް ދާއިރާ އަދި މެރިން ދާއިރާގެ ޕާޓްނަރުންގެ އެއްބާރުލުމާއެކު މިއަހަރުގެ އެކްސްޕޯ ވާޗުއަލްކޮށް ކުރިއަށް ގެންދާކަން ފާހަގަ ކުރައްވާ އަފްރާހު ވިދާޅުވީ އެސޯސިއޭޝަންގެ މަގުސަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ބޯޓިން ދާއިރާ ކުރިއެރުވުމަށް ދާއިރާގެ ފަރާތްތަކާ އެކު މަސައްކަތް ކުރުން ކަމަށެވެ.

comment ކޮމެންޓް