ރާއްޖޭގެ ލިވަބޯޑް ދާއިރާއަށް އަމާޒުކޮށްގެން ބާއްވާ މޯލްޑިވްސް މެރިން އެކްސްޕޯ ވާޗުއަލްކޮށް މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.
އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ވާޗުއަލްކޮށް ބާއްވާ މެރިން އެކްސްޕޯ ކުރިއަށްގެންދާނީ މާދަމާއިން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށެވެ.
މާދަމާ ފެށުމަށް ހަމަޖެހިފައިވާ މެރީން އެކްސްޕޯގައި ވާޗުއަލްކޮށް އޮންނައިރު ހާއްސަ އޮޑިޓޯރިއަމް އެއް އިންނާނެއެވެ. އެގޮތުން ސިނަމާއެއްގެ ގޮތުގައި އިންނަ އޮންލައިން އޮޑިޓޯރިއަމްއަށް ކޮންމެ މީހަކަށްވެސް ވަދެވޭނެއެވެ.
އެ އެކްސްޕޯގައި ހާއްސަ ވެބިނާވެސް އޮންނާނެއެވެ. އެ ވެބިނާތައްވެސް ކުރިއަށްދާނީ އޮންލައިންކޮށް އާންމުންނަށް ހުޅުވާލައިގެންނެވެ. އެގޮތުން އެ ވެބިނާތަކަށް ވަނުމަށްޓަކައި މެރީން އެކްސްޕޯ ވެބްސައިޓަށް ދިޔުމުން އެކްސްޕޯއަށް ވަދެވޭނެއެވެ.
ހާއްސަ ސެމިނާއެއް ކުރިއަށް ގެންދިޔުމަށް ވެބްސައިޓެއް އިންނާނެއެވެ. އެ ސެމިނާތައް ކުރިއަށް ގެންދިޔުމަށް ހާއްސަ ސްކްރީނެއް އިންނާނެއެވެ.
މިއަހަރުގެ އެކްސްޕޯގެ މެއިން ސްޕޮންސާއަކީ އަލްޝާލީ މެރީންއެވެ.
އަލްޝާލީ މެރިންއަކީ ލިވަބޯޑް ދާއިރާގައި ރާއްޖޭގެ އެންމެ ފުންނާބު އުސް އެއް ކުންފުންނެވެ. އެކުންފުނިން ވަނީ ފާއިތުވެދިޔަ އަހަރުތަކުގެ މެރިން އެކްސްޕޯތަކުގައި ވެސް ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދައި، މި ދާއިރާއަށް އަމާޒުކޮށްގެން ބާއްވާ އެހެން އެވޯޑު ހަފްލާތަކުގައި އެވޯޑުތައް ހާސިލުކޮށްފަ އެވެ.
އެގޮތުން މިދިޔަ އަހަރުގެ މެރިން އެކްސްޕޯގެ އެންމެ އުފެއްދުންތެރި ޕްރޮޑަކްޓަކަށް ހޮވުނީ އަލްޝާލީ މެރިން މޯލްޑިވްސްގެ އެކްޝަން 25 ފިޝިން ލޯންޗެވެ.
މިދިޔަ އަހަރެކޭވެސް އެއްފަދައިން މިއަހަރުގެ މެރިން އެކްސްޕޯގައި ވެސް މުޅިން އައު ވެސެލްއެއް ތައާރަފުކުރާނެ ކަމަށް އަލްޝާލީއިން ބުނެ އެވެ.