ހުކުމެއް ނުވިއްކޭނެ، ވިއްކައިފިއްޔާ ފިޔަވަޅު އަޅާނެ: ނަޝީދު

އެމްޑީޕީން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީހުގެ ރައީސް ނަޝީދު ވާހަކަދައްކަވަނީ-- ސަން ފޮޓޯ: ފަޔާޒު މޫސާ

ރާއްޖޭގެ ކޯޓުތަކުން މިހާރު ހުކުމް ނުވިއްކޭނެ ކަމަށާއި އެކަން ކޮށްފިނަމަ އެންމެނަށްވެސް އެނގޭނެ ކަމަށާއި އެކަމަށް ފިޔަވަޅު އަޅާނެ ކަމަށް ރައްޔިތުންގެ މަޖިލީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ ކޯޓުން ނިންމާ ނިންމުންތަކަކީ ރައްޔިތުން ބަލައިގަންނާނެ ނިންމުންތަކެއްގެ ގޮތުގައި އެ ޕާޓީއިން ދެކޭ ކަމަށެވެ.

ޝަރުއީ ދާއިރާ އިސްލާހުކުރުމަށްޓަކައި އެ ދާއިރާގެ އިދާރީ އޮނިގަނޑު ބަދަލުކޮށް ރައްޔިތުންނަށް ފަސޭހަކަމާއެކު އިންސާފަށް ވާސިލުވެވޭނެ އިންތިޒާމުތަކެއް ހަމަޖައްސައިދެއްވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ހުމުކެއް ވިއްކައިފިއްޔާ އަޅުގަނޑަށް އިނގޭނެ، ވިއްކައިފިއްޔާ އަޅުގަނޑުމެން އެންމެންނަށްވެސް އިނގޭނެ، ހޯދާނަން، ބަލާނަން ފިޔަވަޅު އަޅާނަން. ޖުޑީޝިއަލް ސާވިސް ކޮމިޝަނުންވެސް ރައްޔިތުންގެ މަޖިލީހުންވެސް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓަކީ މިހާރު ދެފުށް ފެންނަ ގޮތަށް ޝަރީއަތް ކުރާ ތަނެއްގެ ގޮތުގައި ހެދިއްޖެ ކަމަށެވެ. އަދި އޭގެއިތުރުން ފަނޑިޔާރުންގެ ޝަކުވާ ފަސޭހައިން ބަލައިގަނެ އެ ބަލަމުން ގެންދާ ކަމަށްވެސް އެމަނިކުފާނު އިޝާރާތްކުރެއްވިއެވެ.

ހަމަހަމަގޮތުގައި އިންސާފު ހޯދައިދިނުމަށްޓަކައި ސަރުކާރުން ތަފާތު ގިނަ މަސައްކަތްތަކެއް ކޮށް އަދި މިހާރުވެސް ކުރަމުން ގެންދާ ކަމަށް އެމަނިކުފާނު އިޝާރާތްކުރެއްވިއެވެ. އެގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މުޅި ބޯޑުވެސް އެގޮތުގެ މަތީން ބަދަލުކޮށްފައިވާ ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.

comment ކޮމެންޓް