މި ސީޒަންގައި އިނގިރޭސި ޕްރިމިއާ ލީގުގައި އަދި މިހާތަނަށް އެދެވޭ ނަތީޖާއެއް ނެރެވިފައި ނުވާ އާސެނަލް ރޭ ސައުތޭންޕްޓަނާ ދެކޮޅަށް ކުޅުނު މެޗުން 1-1ގެ ނަތީޖާއަކުން އެއްވަރުވެ ލީގުން ރެލިގޭޓް ވުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.
ރޭގެ މެޗަށްފަހު 14 ޕޮއިންޓާއެކު އާސެނަލް ވަނީ ލީގު ތާވަލްގެ 15 ވަނައަށް ވެއްޓިފަ އެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ނުވަ މެޗުން ދެ މެޗު އެ ޓީމު އެއްވަރު ކޮށްފައި ވާއިރު، އާސެނަލްއަށް ކާމިޔާބު ކުރެވިފައި ވަނީ އެންމެ މެޗުކެވެ. ލީގުގައި މިހާތަނަށް ކުޅުނު 13 މެޗުގެ ތެރެއިން ހަތް މެޗުން ބަލިވި އާސެނަލްއަށް ކާމިޔާބު ކުރެވުނީ ހަތަރު މެޗެވެ.
ގިނަ ފައުލްތަކެއް ފެނިގެން ދިޔަ ރޭގެ މެޗުގައި އެންމެ ފަހު ވަގުތުކޮޅު އާސެނަލް ކުޅެން ޖެހިފައި ވަނީ 10 ކުޅުންތެރިންނާ އެކީ އެވެ. މެޗުގެ 62 ވަނަ މިނެޓުގައި ސައުތޭމްޕްޓަންގެ ތިއޯ ވޮލްކޮޓްއަށް ކުރި ފައުލަކުން، އޭގެ ކުރިން ރީނދޫ ކާޑެއް ދެއްކި އާސެނަލްގެ ގޭބްރިއެލް މަގަލޭސްއަށް ވަނީ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވައިލައިފަ އެވެ.
ރޭގެ މެޗުގައި ފުރަތަމަ ލީޑު ނަގާފައި ވަނީ ސައުތޭމްޕްޓަނުންނެވެ. މެޗުގެ 18 ވަނަ މިނެޓުގައި ޝޭ އެޑަމްސް ދިން ޕާހަކުން އެ ލަނޑު ސައުތޭމްޕްޓަނަށް ކަމިޔާބު ކޮށްދިނީ އެ ޓީމްގެ ތިއޯ ވޮލްކޮޓް އެވެ. މެޗުގެ ފުރަތަމަ ހާފް ނިމިގެން ގޮސްފައި ވަނީ 1-0 ގެ ނަތީޖާއަކުން އެ ޓީމް ކުރިގައި އޮވެގެނެވެ.
އާސެނަލްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވިފައި ވަނީ ދެވަނަ ހާފްގަ އެވެ. މެޗުގެ 52 ވަނަ މިނެޓުގައި އާސެނަލްގެ އެޑީ ންކެޓިއާ ދިން ޕާހަކުން އެ ލަނޑު އާސެނަލްއަށް ކާމިޔާބު ކޮށްދިނީ އެ ޓީމްގެ ޕިއޭ-އެމެރިކް އޮބަމަޔަންގް އެވެ. ނަމަވެސް އާސެނަލް އިތުރު ލަނޑެއް ކާމިޔާބު ކުރަން ހުރަހަކަށް ވެގެން ދިޔައީ އެ ޓީމްގެ ގޭބްރިއެލް ދަނޑުން ފޮނުވާލުމުންނެވެ.
އާސެނަލްއަށް ލިބުނު މި ޑިސްއެޑްވާންޓޭޖާ އެކު ސައުތޭމްޕްޓަން ވަނީ ކުރިއަށް ޖެހިލާ އާސެނަލްގެ ގޯލަށް ޕްރެޝާ ކޮށްފަ އެވެ. އެ ޓީމަށް މެޗުގެ ލީޑު ނަގަން ލިބުނު އެންމެ ރަނގަޅު އެއް ފުރުސަތުގައި ނޭތަން ރެޑްމަންޑްގެ ޝޮޓް ގޯލްގެ ހުރަސް ދަނޑިއަށް އަމާޒުވި އިރު، މެޗުގެ އިތުރު ވަގުތުގައި އާސެނަލްއަށް ލިބުނު ހިލޭ ޖެހުމަކުން އެ ޓީމްގެ ރޮބް ހޯލްޑިންގް ބޮލުން ފޮނުވާލި ހަމަލާވެސް އަމަޒުވީ ގޯލްގެ ހުރަސް ދަޑިއަށެވެ.