ޕޫޓިން، ބައިޑެންއަށް މަރުހަބާ ވިދާޅުވެއްޖެ

ޖޯ ބައިޑެން އެމެރިކާގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި އިރު، މާޗް 2011ގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއަށް ބައްދަލު ކުރައްވަނީ -- ފޮޓޯ: ރޮއިޓާސް

މޮސްކޯ (ޑިސެމްބަރު 17): ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން، އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑެންއަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

އެމެރިކާގައި މިދިޔަ މަހުގެ ތިނެއްގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ބައިޑެންކަން އެގައުމުގެ މީޑިއާތަކުން ރިޕޯޓު ކުރުމާ އެކު ދުނިޔޭގެ އެހެން ގިނަ ގައުމުތަކުގެ ލީޑަރުން އޭނާއަށް މަރުހަބާ ވިދާޅުވި އެވެ. ނަމަވެސް ރަޝިއާ އިން ބުނި ގޮތުގައި އެ ގައުމުން ވަކި އެއްޗެކޭ ބުނާނީ އިލެކްޓޯރަލް ކޮލެޖުގެ ވޯޓުން ނަތީޖާ ކަށަވަރު ވުމުންނެވެ.

އެމެރިކާގައި މިދިޔަ ހޯމަ ދުވަހު ބޭއްވި އިލެކްޓޯރަލް ކޮލެޖު ވޯޓުގައި 306 އިލެކްޓަރުން ބައިޑެންއަށް ތާއިދު ކުރުމުން އެ އިންތިހާބުގެ ނަތީޖާ ވަނީ ކަށަވަރުވެފަ އެވެ. އިލެކްޓޯރަލް ކޮލެޖުން ރައީސް ޑޮނަލްޑް ޓްރަމްޕަށް ލިބުނީ 232 ވޯޓެވެ.

ރަޝިއާގެ ސަރުކާރުން ނެރުނު ބަޔާނެއްގައިވާ ގޮތުން ޕޫޓިން ހުންނެވީ ބައިޑެންއާ ވާހަކަ ދައްކަވަން ތައްޔާރަށެވެ. އަދި ދުނިޔެއަށް ދިމާވެފައިވާ ގިނަ އަދަދެއްގެ ގޮންޖެހުންތަކާއި މައްސަލަތައް ހައްލު ކުރުމަށް ދެ ގައުމަށް ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް ޕޫޓިން ގަބޫލު ކުރައްވަ އެވެ.

"ޕޫޓިން [ބައިޑެންއަށް] ކާމިޔާބީއަށް އެދިލައްވާ އަދި ދުނިޔޭގެ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމުގެ ހާއްސަ ޒިންމާއެއް އޮންނަ ދެ ގައުމު ކަމަށްވާ އެމެރިކާ އާއި ރަޝިއާއަށް ދުނިޔޭގެ ގިނަ އަދަދެއްގެ މައްސަލަތަކާއި ގޮންޖެހުންތައް ހައްލު ކުރުމަށް އެހީތެރިވެވޭނެ ކަމަށް ޕޫޓިން ގަބޫލު ކުރައްވާ،" ސަރުކާރުގެ ބަޔާނުގައިވެ އެވެ.

ރަޝިއާގެ އިލެކްޝަން ކޮމިޝަނުގެ ވެރިޔާ އާއި އެގައުމުގެ ފޮރިން މިނިސްޓްރީން ވަނީ އެމެރިކާގައި އިންތިހާބު ބާއްވާ ގޮތަށް މީގެ ކުރިން ފާޑު ވިދާޅުވެފަ އެވެ. އަދި އެއީ ދުވަސްވީ ނިޒާމެއް ކަމަށާއި ރައްޔިތުން ބޭނުންވާ ގޮތް ތަމްސީލުކޮށްދޭ އިންތިހާބެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާގެ ރައީސް ކަމަށް ޓްރަމްޕް ހޮވުުނު 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ރަޝިއާއިން ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށް، އެމައްސަލައިގެ ހާއްސަ ތަހުގީގެއް އެމެރިކާއިން ކުރިއަށް ގެންދިޔަ އެވެ. އަދި ރަޝިއާއިން އިންތިހާބަށް ނުފޫޒު ފޯރުވިކަން އެނގުނު ނަމަވެސް ޓްރަމްޕްގެ ކެމްޕޭނުން އެކަމުގައި ބައިވެރިވިކަން އެ ތަހުގީގުން ސާބިތު ނުވެ އެވެ.

comment ކޮމެންޓް