ސަރުކާރު ކުންފުނިތަކުގެ ފައިދާ 86 ޕަސެންޓް ދަށަށް ހިނގައްޖެ

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު ޖުމްލަ ފައިދާ 86 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މި އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް އާންމުކޮށްފަ އެވެެ.

ޕީސީބީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޖުމްލަ ފައިދާ އަކީ 138 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ 2019 ވަނަ އަހަރުގެ އެ މުއްދަތާ އަޅަބަލާއިރު 86 ޕަސެންޓް، 875 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.

އެސްއޯއީތަކުގެ ތެރެއިން އެސްޓީއޯ އާއި އެމްޓީސީސީ ފިޔަވައި އެހެން ކުންފުނިތަކަށް ލިބުނު ޖުމްލަ ފައިދާ ވެސް ދަށްވެފައިވާ ކަމަށް ޕީސީބީ އިން ބުންޏެވެ. އެމްއޭސީއެލް އާއި އެމްޕީއެލް އަކީވެސް މީގެ ކުރިން ބޮޑުތަނުން ފައިދާވި ކުންފުނިތައް ނަމަވެސް 2020 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ދެ ކުންފުންޏަށް ބޮޑު ގެއްލުމެއް ވެފައިވާކަން ފާހަގަ ކޮށްފައިވެ އެވެ.

ސަރުކާރު ހިއްސާވާ 28 ކުންފުންޏެއް އޮތްއިރު މިއަހަރުގެ ދެވަނަ ކުއާޓަރު ދިމާވެފައިވަނީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އަދި ދުނިޔޭގެ އިގްތިސާދަށްވެސް އެންމެ ބޮޑު އަސަރުކުރި ދުވަސްވަރާ އެވެ.

ޕީސީބީގެ ރިޕޯޓަށް ބަލާއިރު ދެވަނަ ކުއާޓަރުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނީ 4.3 ބިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 41 ޕަސެންޓް ދަށް، ތިން މިލިއަން ރުފިޔާ މަދު އަދަދެކެވެ.

ޕީސީބީ އިން ބުނީ ކޮވިޑް19ގެ ސަބަބުން ލޮކްޑައުން ކުރުމާއެކު އިގްތިސޯދަށް އައި ހީނަރުކަމުގެ އަސަރު ގިނަ ކުންފުނިތަކަށް ކުރި ކަމަށެވެ. ބައެއް ކުންފުނިތަކަށް ބޮޑު އަސަރެއް ކުރިއިރު، މިކަމުގެ އަސަރު ކުޑަކޮށް ކުރި ކުންފުނިތައް ވެސް އެބަހުރި ކަމަށް ބުންޏެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީ އެއް ލިބޭ ކުންފުންޏަކީ އެސްޓީއޯ ނަމަވެސް އެ ކުންފުންޏަށް 2020 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ 45 ޕަސެންޓް ދަށްވެފައިވާ ކަމަށް ޕީސީބީ އިން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ތެޔޮވިއްކައިގެން އެސްޓީއޯ އަށް ލިބުނު އާމްދަނީ ބޮޑުތަނުން ދަށްވެފައިވާއިރު ފާމަސޫޓިކަލް ވިޔަފާރިން ލިބުނު އާމްދަނީ އެ މުއްދަތުގައި ވަނީ އިތުރުވެފަ އެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯ އަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.29 ބިލިއަން ރުފިޔާ އެވެ.

ދެވަނަ ކުއާޓަރުގައި އެންމެ ބޮޑު އަސަރެއް ކުރި އެއް ކުންފުންޏަކީ ރާއްޖެގެ މައި އެއާޕޯޓު ހިންގާ އެމްއޭސީއެލް އެވެ. ބޯޑަރު ބަންދުކޮށް ފްލައިޓު އޮޕަރޭޝަންސް ހުއްޓާލާފައި އޮތުމުން މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅަބަލާއިރު މި އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީ 91 ޕަސެންޓް ވަނީ ދަށްވެފަ އެވެ. އެގޮތުން 2019 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެމްއޭސީއެލް އަށް 1.24 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބުނު އިރު މި އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބިފައިވަނީ 110 މިލިއަން ރުފިޔާގެ އާމްދަނީ އެކެވެ.

މީގެ އިތުރުން ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް އައި މަޑުޖެހުމާއެކު ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން އަދި ލ. ކައްދޫ އެއާޕޯޓު ހިންގާ ކައްދޫ އެއާޕޯޓު ކޮމްޕެނީ އަށްވެސް ވަނީ ގެއްލުންވެފަ އެވެ.

ކައްދޫ އެއާޕޯޓު ކުންފުންޏަށް 2019 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި 3.2 މިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބުނު ނަމަވެސް މިއަހަރުގެ ދެވަނަ ކުއާޓަރުގައި އާމްދަނީ އަކަށް ލިބުނީ 679،682 ރުފިޔާ އެވެ. މިއީ 78 ޕަސެންޓް ދަށްވުމެކެވެ.

އައިލެންޑް އޭވިއޭޝަން އަށް ލިބުނު އާމްދަނީ 2019 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލައިރު 2020 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ވަނީ 76 ޕަސެންޓް ދަށްވެފަ އެވެ. ދެހާސްނަވާރަ ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް 457 މިލިއަން ރުފިޔާ އާމްދަނީ އެއް ލިބުނު ނަމަވެސް މިއަހަރުގެ އެ މުއްދަތުގައި ލިބުނީ 109 މިލިއަން ރުފިޔާގެ އާމްދަނީ އެކެވެ.

މީގެ އިތުރުން ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން މިއަހަރުގެ ހައްޖު ކެންސަލް ކުރުމުން ހައްޖު ކޯޕަރޭޝަނަށް އެއްވެސް އާމްދަނީ އެއް ނުލިބޭ ކަމަށް ރިޕޯޓުން ފާހަގަވެ އެވެ.

މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ މަސައްކަތްކުރާ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ ވަނީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 93 ޕަސެންޓް ދަށްވެފަ އެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް ބައިވެރިވި ފެއާތައް ކެންސަލްވުމެވެ.

މީގެ އިތުރުން ބީއެމްއެލް އާއި ދިރާގުގެ އާމްދަނީވެސް ދެވަނަ ކުއާޓަރުގައި ދަށްވެފައިވާކަމަށް ޕީޕީސީބީ އިން ބުންޏެވެ.

އެ މުއްދަތުގައި އާމްދަނީ ދަށަށް ނުދާ ކުންފުނިތަކުގެ ތެރޭގައި ފެނަކަ، ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް، އެޗްޑީސީ އަދި އެޗްޑީއެފްސީ ހިމެނެ އެވެ.

މީގެ އިތުރުން އައިލެންޑް އޭވިއޭޝަނުގެ ގެއްލުން 110 މިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށްވެސް ޕީސީބީ އިން ބުނެފައިވެ އެވެ.

comment ކޮމެންޓް