ކަރަންޓީންގައި ތިބޭ މީހުން ވޯޓުލާން މަރުކަޒަށް ގެންދިޔުމުގެ ވިސްނުމެއް

ޑިސެމްބަރ 10، 2020: އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ސަންއަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކަރަންޓީން އަދި އައިސޮލޭޝަންގައި ތިބޭ މީހުންނަށް ވޯޓު ލެވެން އޮތް ހަމަ އެކަނި ގޮތަކީ، އެ މީހުން އެޗްޕީއޭގެ ބެލުމުގެ ދަށުން ވޯޓުލާ މަރުކަޒަށް ގެންގޮސްގެން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

މިހަފްތާގައި "ސަން"އަށް ދިން ހާއްސަ އިންޓަވިއުގައި ޝަރީފު ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކަރަންޓީން އަދި އައިސޮލޭޝަންގައި ތިބޭ މީހުންނަށް ހާއްސަކޮށްގެން އެފެސިލީޓީތަކުގައި ވޯޓު ފޮށި ނުބެހެޓޭނެ ކަމަށެވެ. އޭގެ ބަދަލުގައި އެމީހުންނަށް އެޗްޕީއޭ އިން ހާއްސަ އިންތިޒާމެއް ހަމަ ޖައްސަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭގައި ގަބޫލު ކުރެވެނީ އެންމެ ގޮތެއް. އެ ގޮތަކީ އެޗްޕީއޭގެ ބެލުމުގެ ދަށުން އެމީހުން ވޯޓުލާން ގެނައުން. އެއީ ކަރަންޓީން އާއި އައިސޮލޭޝަންގައި ތިބޭ މީހުން ވަކި މުއްދަތަކަށް ބަދަލުވާނެ. މިއަދު ތިބޭ މީހުން މާދަމާ ނުތިބެދާނެ." ޝަރީފު ވިދާޅުވި އެވެ.

"މިއަދު ތިބި 100 މީހުން މާދާމާ ނެތިވެސް ހިނގައިދާނެ. ވޯޓާސް ލިސްޓު، ކެންޑިޑޭޓުން ސޮއި ކުރުމަށްފަހު ބަދަލެއް ނުގެނެވޭނެ. ކޮމިޝަނަށްވެސް އިހްތިޔާރެއް ނޯވެ. އެހެން ތައްޔާރުކޮށްފައި އޮންނަ ލިސްޓަކަށް، ބަޔަކު ކަރަންޓިން ވުމުން ނުތަތަ ކަރަންޓީނުން ދޫކޮށްލުމުން ބަދަލު ނުގެނެވޭނެ،"

ކަރަންޓީން އަދި އައިސޮލޭޝަންގައި ތިބޭ ހުރިހާ މީހުން އެދުވަހު ވޯޓުލާން ގެންދިޔުމަކީ ކުރެވިދާނެ ކަމެއްތޯ ސުވާލު ކުރުމުން ޝަރީފް ވިދާޅުވީ، އެއީ އެހާ ބޮޑު އަދަދެއް ނޫންނަމަ، ކުރެވިދާނެ ކަމެއް ކަމަށެވެ. އެެހެން ނަމަވެސް އެކަމުގައި ކޮމިޝަނުން އަދި ގޮތެއް ނިންމާނީ އެޗްޕީއޭއާއެކު އިތުރަށް މަޝްވަރާ ކުރުމަށްފަހު ކަމަށް ޝަރީފު ވިދާޅުވި އެވެ.

"މިސާލަަކަށް 1،000އިން މައްޗަށް އަރައިގެން ގޮސްފި ނަމަ، އެކަން ނުކުރެވިދާނެކަމީ އެކަށީގެންވާ ކަމެއް. އެޗްޕީއޭއާއެކު އެކަމާ މަޝްވަރާ ކުރަނީ. އަޅުގަނޑުމެން އެގްރީ ވާނީ އެމީހުން ވޯޓު ލެވޭނެ ގޮތަކަށް،" ޝަރީފް ވިދާޅުވި އެވެ.

އޭނާ މިއަދު "ސަން"އަށް ވިދާޅުވީ އެޗްޕީއޭއާއެކު އިންތިހާބު ކަންކަމާ ގުޅޭ ގޮތުން މަޝަވަރާ ކުރުމަށް މިއަދު ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ މަޝްވަރާތަކުގައި ކަރަންޓީން އާއި އައިސޮލޭޝަންގަިއ ތިބޭ މީހުންނަށް ވޯޓު ލެވޭނެ ގޮތްތަކާ މެދުވެސް މަޝްވަރާ ކުރާނެ ކަމަށް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަނީ އަންނަ މާޗް މަހުގެ 16ގަ އެވެ. އެކަމަކު އެ ތާރީހު އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި އިންތިހާބު ބާއްވާނެ ތާރީހެއް އިއުލާން ކުރާނީ ކޮވިޑްއާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ކެމްޕޭން ކުރުމަށް ޕާޓީތަކަށް ހުރި ހުރަސްތަކަށް ހައްލު ތަކެއް ހޯދުމަށް ފަހު އެވެ. އަދި އިންތިހާބު ބާއްވަން އެޗްޕީއޭގެ ރަސްމީ ހުއްދަ ނުލިބި ލަސްވުމަކީ ވެސް ކަންބޮޑުވުމެކެވެ.

comment ކޮމެންޓް