ދުބާއީ ކުންފުނިން އެންމެ ފަހުން ވެންޓިލޭޓަރުތައް ގެނެސްދިނީ އޭޑީކޭ މެދުވެރިކޮށް

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއިން ރާއްޖެ ގެންނަ ޖެހޭ ބާކީ 65 ވެންޓިލޭޓަރުގެ ތެރެއިން އިތުރު ފަސް ވެންޓިލޭޓަރެއް އޭޑީކޭ ޓްރޭޑިން މެދުވެރިކޮށް ރާއްޖެ ގެނެސްފި އެވެ.

މިދިޔަ މެއި މަހު ދުބާއިގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާ ހަވާލު ކުރީ 75 ވެންޓިލޭޓަރު ގެންނާށެވެ. އެހެން ނަމަވެސް އެއްބަސްވުމުގެ މުއްދަތު ފަހަނައަޅާ ދިޔަ އިރުވެސް އެ ކުންފުންޏަށް ގެނެވުނީ އެންމެ 10 ވެންޓިލޭޓަރެވެ.

ހެލްތް މިނިސްޓްރީގެ ކޮމިޝަނާ އޮފް ކޮލިޓީ އެސުއަރެންސް ތަސްލީމާ އުސްމާން މިއަދު "ސަން"އަށް ވިދާޅުވީ، ދުބާއީ ކުންފިން ގެންނަން ޖެހޭ ބާކީ 65 ވެންޓިލޭޓަރުގެ ތެރެއިން އައިސީޔޫ ފަސް ވެންޓިލޭޓަރެއް ރާއްޖެ ގެނެސްފައިވާ ކަމަށް އޭޑީކޭގެ ފަރާތުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި މިއަދު މިނިސްޓްރީގެ ޓީމުން އެތަކެތި ޗެކް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭޑީކޭ މެދުވެރިކޮށް ވެންޓިލޭޓަރުތައް ގެންނަ ޖެހުނީ ކީއްވެގެންތޯ ސުވާލު ކުރުމުން ތަސްލީމާ ވިދާޅުވީ، މިނިސްޓްރީން އޭޑިކޭއާ ވެންޓިލޭޓަރުތައް ގެންނަން ހަވާލު ނުކުރާ ކަމަށެވެ.

"އެކްޒެކިއުޓާސް އިން އެމީހުން މެދުވެރިކޮށް ފޮނުވީ، މިނިސްޓްރީން ހަވާލުކޮށްގެން ނޫން،" ތަސްލީމާ ވިދާޅުވި އެވެ.

ތަސްލީމާ އަދި ވިދާޅުވީ، އެ ފަސް ވެންޓިލޭޓަރަކީވެސް އެއްބަސްވެފައިވާ އިންޑިއާގެ "ޑްރެގާ" ބްރޭންޑުގެ ވެންޓިލޭޓަރު ކަމަށް އޭޑީކޭ އިން މައުލޫމާތު ދީފައިވާ ކަމަށެވެ.

"ޑްރެގާގެ ސޯލް ޑިސްތްރިބިއުޓާއަކީ އޭޑީކޭ، އެ ޑޮކުމަންޓާއެކު އަޅުގަނޑުމެންނަށް ފޮނުވާފައި ވަނީ،" ތަސްލީމާ ވިދާޅުވި އެވެ.

ވެންޓިލޭޓަރުތައް ގަންނަން ދުބާއީ ކުންފުންޏަށް ހަވާލުކުރި މައްސަލައިގައި އޭޑީކޭއިން މީގެ ކުރިން ބަޔާނެއް ނެރެ ނުރުހުން ފާޅުކުރަމުން ބުނެފައި ވަނީ އެގްޒެކިއުޓާސް ޓްރޭޑިން އަށް "ޑްރެގާ ބްރޭންޑުގެ" ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރީ، އެ އަށް ވުރެ ހެޔޮ އަގެއްގައި އެ އެއްޗެހި ގެނެސްދޭން ހެލްތް މިނިސްޓްރީގައި އެދިފައިވަނިކޮށް ކަމަށެވެ.

ދުބާއީ ކުންފިން ފުރަތަމަ ފޮނުވި 10 ވެންޓިލޭޓަރު ހެލްތުގެ މިންގަނޑުތަކަށް ނުފެތޭތީ، އަނބުރާ ފޮނުވާލި އެވެ. ނަމަވެސް ފަހުން އޭގެ ބަދަލުގައި 10 ވެންޓިލޭޓަރު އެ ކުންފުނިން ފޮނުވި އެވެ. އޭޑީކޭ މެދުވެރިކޮށް މިހާރު ގެނައި ފަސް ވެންޓިލޭޓަރާއެކު އަދިވެސް 60 ވެންޓިލޭޓަރު ނުލިބި އެބަ ހުއްޓެވެ.

ކޮވިޑް އެންމެ ބޮޑަށް ފެތުރުނު ދުވަސްވަރު ދުބާއީ ކުންފުންޏާ 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލު ކުރީ 34 މިލިއަން ރުފިޔާއަށެވެ. އަދި އެގޮތަށް އެއްބަސްވީ ގެރެންޓީއެއް ނެތި، އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދިނުމަށްފަހު އެވެ.

އެއީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ކަމެއް ކަމަށް އޮޑިޓް ރިޕޯޓުގައިވެސް ވަނީ ފާހަގަ ކޮށްފަ އެެވެ. އަދި އެ މައްސަލަ އޭސީސީން ތަހުގީގުކޮށް، ހެލްތް މިނިސްޓަރު އަމީން އާއި އެ މިނިސްޓްރީގެ ބައެއް އެހެން އިސްވެރިންނަށް ދައުވާ ކުރަންވެސް ފޮނުވި އެވެ. އެހެން ނަމަވެސް އެމައްސަލައިގައި އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ނެތް ކަމަށް ބުނެ ޕީޖީން ނިންމާފައިވަނީ ދައުވާ ނުކުރުމަށެވެ.

ވެންޓިލޭޓަރުތައް ގެނައުން ލަސްވެފައިވެފައި ވާތީ، ޖޫރިމަނާ ފައިސާ އެ ކުންފުނީގެ އަތުން ހޯދާނެ ކަމަށާއި އެތަކެތި ފޯރުކޮށްނުދެވިއްޖެ ނަމަ، ޝަރީއަތަށް ގޮސްގެން ވެސް ގެއްލުމުގެ ބަދަލު ހޯއްދަވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. ނަމަވެސް އަދި މިހާތަނަށް އެކަމާ ގުޅިގެން ފިޔަވަޅެއް އެޅި ކަމެއް އެނގިފައެއް ނުވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް