ވެސްޓް ބްރޮމް އަތުން އެއްވަރުވެ ސިޓީއަށް އިތުރު ދަތިތަކެއް

ސިޓީ އާއި ވެސްޓް ބްރޮމް ރޭ ކުޅުނު މެޗުގެ ތެރެއިން ... ފޮޓޯ/ އެކްސްޕްރެސް އެންޑް ސްޓަރ

އިނގިރޭސި ޕްރިމިއަރ ލީގުގައި ވެސްޓް ބްރޮމްވިޗް އަލްބިއޮންއާ ދެކޮޅަށް ރޭ މެންޗެސްޓަރ ސިޓީ ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ، ސިޓީއަށް ލީގުގައި ކުރިއަށް ދިޔުމަށް އަނެއްކާވެސް އިތުރަށް ދަތިވެއްޖެ އެވެ.

ލީގުގައި އެންމެ ފަހުން މެންޗެސްޓަރ ޔުނައިޓަޑް އަތުންވެސް 0-0 ގެ ނަތީޖާއަކުން އެއްވަރުވި ސިޓީ ރޭގެ މެޗުގައި ފުރަތަމަ ލީޑް ނެގިކަމުގައި ވިޔަސް އެ ޓީމަށް ވަނީ ލީޑު ދެމެހެއްޓޭގޮތް ނުވެފައެވެ. ރޭގެ ނަތީޖާއަށްފަހު 20 ޕޮއިންޓާއެކު ތާޥަލްގެ ހަ ވަނައިގައި ސިޓީ މިހާރު އޮތްއިރު، ތާވަލްގެ ގަދަ ހަތަރަކަށް އެރުމަށްވެސް އެ ޓީމަށް އިތުރު ތިން ޕޮއިންޓް ބޭނުންވެ އެވެ.

ރޭގެ މެޗު މުޅިންހެން ކޮންޓްރޯލް ކޮށްގެން ކުޅެފައި ވަނީ ސިޓީ އެވެ. ނަމަވެސް މެޗުގެ ފަސްވަނަ މިނެޓުގައި ވެސްޓް ބްރޮމްއަށް ލިބުނު އެންމެ ފާހަގަކޮށްލެވޭ އެއް ފުރުސަތުގައި، އެ ޓީމްގެ ކާލަން ގްރޭންޓް އުފެއްދި ހަމަލާ ސިޓީގެ ކީޕަރު އެޑަރސަން ވަނީ ފަސޭހަކަމާއެކު ދިފާއުކޮށްފަ އެވެ.

ގްރޭޓްގެ އެ ހަމަލާއަށްފަހު ވެސްޓް ބްރޮމްއަށް މާ ގިނަ ފުރުސަތުތަކެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ. އަދި ސިޓީއިން ކުރިއަށް ޖެހިލާ، ވަރުގަދަ އެޓޭކިންގް ގޭމެއް ކުޅުނު ނަމަވެސް މެޗުގެ ފުރަތަމަ ކޮޅު ވެސްޓް ބްރޮމްގެ ޑިފެންސާއި ކީޕަރު ވަނީ ސިޓީއަށް މެވުގެ ލީޑު ނެގިޔަނުދީފަ އެވެ.

މެޗުގައި ސިޓީގެ މަސައްކަތަށް ލުޔެއް ލިބުނީ 30 ވަނަ މިނެޓުގައި އެ ޓީމްގެ ރަހީމް ސްޓަރލިންގް ދިން ޕާސް ގޯލްގެތެރެއަށް ފޮނުވާލައިން ގުންޑޮގާން ސިޓީއަށް މެޗުގެ ލީޑު ހޯދަދިނުމުންނެވެ. ނަމަވެސް ސިޓީއަށް ލިބުނު ކުރިއެރުން އެ ޓީމަށް ވަނީ މާ ގިނައިރު ދެމެހެއްޓޭ ގޮތް ނުވެފަ އެވެ.

ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ވެސްޓް ބްރޮމްއިން އުފެއްދި ކައުންޓަރ އެޓޭކެއްގައި އެ ޓީމް ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ވެސްޓް ބްރޮމްއަށް ނަތީޖާ އެއްވަރުވެފައި ވަނީ އެ ޓީމްގެ އަޖޭޔީ ނެގި ޝޮޓެއް ސިޓީގެ ރޫބެން ޑިއާޒް ގައިގާ ޖެހި، ބޯޅަ ގޯލްގެ ތެރެއަށް ޑިފްލެކްޓް ވެގެން ދިޔުމުންނެވެ.

ސިޓީން ދެވަނަ ހާފްގައިވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާ، ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ނިމި އިތުރު ވަގުތުގައި އެ ޓީމަށް ލިބުނު އެންމެ ރަނގަޅު އެއް ފުރުސަތުގައި، ގޯލް ކައިރިން ސްޓަރލިންގް ބޮލުން ފޮނުވާލި ހަމަލާވެސް ވެސްޓް ބްރޮމްގެ ކީޕަރު ޖޯންސްޓަން ވަނީ ވަނީ ދިފާއުކޮށްފަ އެވެ.

comment ކޮމެންޓް