މާލިއްޔަތު ގަވާއިދަށް ގެނައި ބަދަލަށް މަރުހަބާ ކިޔައިފި

ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ދައުލަތުގެ މާލިއްޔަތު ގަވައިދާ ގުޅިގެން އޮފީސްތަކުން އަމަލުކުރަންވީ ގޮތަށް ފިނޭންސް މިނިސްޓްރީ އިން މިދިޔަ ހަފްތާގައި ގެނައި ބަދަލުތަކަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މަތުހަބާ ކިޔައިފި އެވެ.

ފިނޭންސް މިނިސްޓްރީ އިން މިދިޔަ ހަފްތާ އާންމުކުރި މާލިއްޔަތާ ބެހޭ ސާކިޔުލާގައި ބުނެފައި ވަނީ ދައުލަތުގެ އޮފީސްތަކުގައި ގާއިމްކޮށްފައިވާ ބިޑް ކޮމެޓީތަކުގައި ހިމެނޭ މެންބަރުންގެ މައުލޫމާތު މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ހިއްސާކުރަން އެދޭ ކަމަށެވެ.

މީގެ އިތުރުން އެއްފަހަރާ ފައިސާ ދައްކައިގެން ނޫނީ ލިބެންނެތް ހިދުމަތްތަކުގެ އަގު 35،000 ރުފިޔާ އަށް ވުރެ ބޮޑު ނަމަ، އެ ފައިސާ އެއްފަހަރާ ދޫކުރުމުގެ ކުރިން ފިނޭންސްގެ ހުއްދަ ހޯދުމަށް ވެސް އެ ސާކިޔުލާގައި ބުނެފައިވެ އެވެ.

އަދި ސަރުކާރުގެ އޮފީސްތަކާއި މިނިވަން މުވައްސަސާތަކުން ކުރިއަށްގެންދާ ޕްރޮކިޔުމެންޓް އެވޯޑްކޮށް އެ މައުލޫމާތުތައް ސަރުކާރު ބަންދު ނޫން ފަސް ދުވަހުގެ ތެރޭގައި ސަރުކާރުގެގެ ގެޒެޓުގައި ޝާއިއު ކުރަން ޖެހޭނެކަމަށް ވެސް އެ ސާކިޔުލާގައި ބުނެފައިވެ އެވެ.

ޓްރާންސްޕޭރެންސީ އިން ބުނީ މި ނިންމުންތަކަކީ ދެފުށް ފެންނަ ގޮތަށް މާލިއްޔަތާ ގުޅޭ ކަންތައް ކުރިއަށް ގެންދިޔުމަށް އެޅި މުހިއްމު ފިޔަވަޅެއް ކަމަށެވެ. ދައުލަތުގެ ބަޖެޓުގެ ބޮޑު އިންސައްތަ އެއް ޕްރޮކިޔުމެންޓަށް ހަރަދުކުރާ އިރު ޕްރޮކިޔުމެންޓާ ގުޅޭ ކަންތަކުގެ މައުލޫމާތު އާންމު ކުރަން ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ވެސް އެ ފަރާތުން ބުނެފައިވެ އެވެ.

comment ކޮމެންޓް