ލަންކާއިން ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ހަށިގަނޑު އެންދުން ހުއްޓާލައިފި

ލަންކާގައި ކޮވިޑުގައި މަރުވާ މުސްލިމުން އެންދުމާ ދެކޮޅަށް މުޒާހަރާ ކުރުމުގެ ގޮތުން ކޮލަމްބޯގެ ކްރެމަޓޯރިއަމް ހުންނަ ގަބުރުސްތާނުގެ ގޭޓުގައި ހުދު ރިބަން އައްސަނީ -- ފޮޓޯ: އޭއެފްޕީ

ކޮލަމްބޯ (ޑިސެމްބަރު 15): ސްރީލަންކާގައި ކޮވިޑު ޖެހިގެން މަރުވާ މުސްލިމުންގެ ހަށިގަނޑު އެންދުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް އެ ގައުމުގެ ޕަބްލިކް ހެލްތު އިންސްޕެކްޓަރުން ވިދާޅުވެއްޖެ އެވެ.

ޕަބްލިކް ހެލްތު އިންސްޕެކްޓާސް އެސޯސިއޭޝަންގެ ސެކްރެޓަރީ އެމް ބަލަސޫރިޔާ ވިދާޅުވި ގޮތުގައި ކޮވިޑު ޖެހިގެން މަރުވާ މުސްލިމުންގެ އާއިލާގެ ހުއްދައާ ނުލައި އެމީހުންގެ ހަށިގަނޑު އެންދުން ހުއްޓާލުމަށް ކޮލަމްބޯ މުނިސިޕަލް ކައުންސިލް (ސީއެމްސީ)އަށް މިހާރު ވަނީ އަންގައިފަ އެވެ. އަދި އެއީ ރައީސް ގޯޓާބަޔަ ރާޖަޕަކްސަގެ އެދިވަޑައިގަތުމުގެ މަތިން އެންގި އެންގުމެކެވެ.

ރައީސް ގޯޓަބަޔަ ވަނީ ލަންކާގައި ކޮވިޑު ޖެހިގެން މަރުވާ މުސްލިމުން ވަޅުލުމަށް، ބިމުގެ ފެން ފަށަލަ ތިރި ސަރަހައްދެއް ހޯދުމަށް ސިއްހީ މާހިރުންނަށް އަންގަވާފަ އެވެ. އަދި އެ މަސައްކަތް ނިމި، ފަހު ގޮތެއް ނިންމަން ދެން މުސްލިމުންގެ ހަށިގަނޑު އެންދުން ހުއްޓާލާފައިވާ ކަމަށް ބަލަސޫރިޔާ ވިދާޅުވި އެވެ.

ކޮލަމްބޯ ގެޒެޓުގައިވާ ގޮތުން، ކޮވިޑު ޖެހިގެން މަރުވި މުސްލިމުންގެ ތެރެއިން އެގައުމުން އަންދާފައި ވަނީ އެއްވެސް ބަޔަކު ހަވާލުވެފައި ނުވާ 11 މީހެއްގެ ހަށިގަނޑެވެ. ނަމަވެސް އޭގެ ތެރޭގައި ހިމެނުނު އެއް މަސް ނުވާ ތުއްތު ކުއްޖެއްގެ ހަށިގަނޑު އަންދާފައި ވަނީ ކުއްޖާގެ ބެލެނިވެރިން އެގޮތަށް އަމަލު ނުކުރަށް އާދޭސް ކުރަމުން ދަނިކޮށެވެ.

ކޮލަމްބޯ ގެޒެޓުގައިވާ ގޮތުން އެއްވެސް ބަޔަކު ހަވާލުވެފައި ނުވާ އިތުރު ނުވަ މީހެއްގެ ހަށިގަނޑު މޯޗަރީގައި މިހާރު އެބަ އޮތެވެ.

ލަންކާއިން ކޮވިޑުގައި މަރުވާ މުސްލިމުންގެ ހަށިގަނޑު އަންދަމުންދާތީ އެގައުމުގެ މުސްލިމުން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.

އެހެންކަމުން ލަންކާގެ ސަރުކާރުން ވަނީ އެގައުމުގެ މުސްލިމުން ރާއްޖޭގައި އިސްލާމީ އުސޫލުތަކާ އެއްގޮތަށް ވަޅުލައިދިނުމަށް އެދިފަ އެވެ. އަދި ދިވެހި ސަރުކާރުން ދަނީ އެ އެހީ ދެވޭނެތޯ ބަލަމުންނެވެ.

ލަންކާއިން ކޮވިޑު ބަލީގައި މަރުވާ މީހުންގެ ހަށިގަނޑު އަންދަން ނިންމީ މިދިޔަ އޭޕްރިލް މަހު އެވެ. އެއީ އެ ބަލީގައި މަރުވާ މީހުން ވަޅުލުމުން ބިމުގެ ފެން ފަށަލަ ތަޣައްޔަރުވެ، ވައިރަސް ފެތުރިދާނެ ކަމަށް އެގައުމުގެ ނުފޫޒު ގަދަ ބުޑިސްޓު ހާމުދުރުން ތުހުމަތު ކުރުމުންނެވެ.

ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަނީ ކޮވިޑު ޖެހިގެން މަރުވާ މީހުން، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ވަޅުލުމުގައި މައްސަލައެއް ނެތް ކަމަށް ބުނެފަ އެވެ. އަދި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ވަނީ ލަންކާގެ އެ ނިންމުމަށް ފާޑު ކިޔާފަ އެވެ.

comment ކޮމެންޓް