ލަންކާ މީހުން ރާއްޖޭގައި ވަޅުލުމަކީ އެގައުމުގެ ސަރުކާރުގެ އަމަލުތަކަށް ތާއީދުކުރުން: މައުމޫން

ރައީސް ސޯލިހު(ކ) އާއި ރައީސް މައުމޫން ރައީސް އޮފީހުގައި ބައްދަލު ކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19 ޖެހިގެން މަރުވާ ލަންކާގެ މުސްލިމުން، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ރާއްޖޭގައި ވަޅުލައިދިނުމަކީ ދީނީގޮތުން ދިވެހި ސަރުކާރުން ކޮށްދޭން ޖެހޭނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ކޮރޯނާވައިރަހަށް ޕޮޒިޓިވްވެގެން ސްރީލަންކާއިން މަރުވާ މީހުން ވަޅުލުމުގެ ބަދަލުގައި އަންދަން އެ ގައުމުގެ ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެގައުމުގެ މުސްލިމުންގެ ނުރުހުމުގައި ސަރުކާރުން އަންނަނީ މުސްލިމުންގެ ހަށިގަނޑުތައް އަންދަމުންނެވެ. އެހެންވެ، އެ ގައުމުގެ މުސްލިމުންގެ މެދުގައި ވަނީ ހިތްހަމަނުޖެހުން ބޮޑުވެފަ އެވެ.

އެހެންވެ، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ލަންކާ މުސްލިމުންގެ ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް އެގައުމުގެ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާތީ އެ ގައުމުން ވަނީ ރާއްޖޭގައި ލަންކާ މުސްލިމުން ވަޅުލަން ދިވެހި ސަރުކާރުގެ އެހީއަށް އެދިފަ އެވެ. އަދި ދިވެހި ސަރުކާރުން ދަނީ އެހީ ދެވޭނެތޯ ބަލަމުންނެވެ.

އެކަމާ ދެކޮޅު ރައީސް މައުމޫން ވަނީ މީގެކުރިން ވެސް ވާހަކަދައްކަވައިފަ އެވެ. ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މީހަކު ނިސްބަތްވާ ގައުމަށާއި ގަބޫލު ކުރާ ކަންކަމާ ހެދި ތަފާތު ކުރުމެއް ނެތި ރާއްޖެއިން ހުރިހާ ބިދޭސީންނަށް ވެސް މަރުހަބާ ކިޔާނެ ކަމަށެވެ.

އެހެން ނަމަވެސް، އެހެން ގައުމުތަކުގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިތައް ރާއްޖެ ގެނައުމަކީ ތާއީދު ކުރެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެ މައްސަލާގައި މިއަދު ކުރެވިއްވި ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވީ ކޮވިޑްގެ ސަބަބުން މަރުވާ ސްރީލަންކާ މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުލައިދިނުމަކީ ދީނީގޮތުން ދިވެހިން ކޮށްދޭންޖެހޭނެ ކަމެއް ނޫން ކަމަށެވެ.

"އަދި އެކަން ކޮށްދީފި ނަމަ އެކަން ވާނީ އެގައުމުގެ ސަރުކާރުން މުސްލިމުންނާ މެދު އަމަލުކުރަމުންދާ ގޮތަށް ކުރެވޭ ތާއީދަކަށް،" މައުމޫން ވިދާޅުވި އެވެ.

މި މައްސަލާގައި އާންމުންގެ މެދުގައި ވެސް ވަނީ ހިޔާލުތަފާތުވުން އުފެދިފަ އެވެ. އެއް ބަޔަކު އެކަމަށް ދެކޮޅު ހަދަމުން އަންނަ އިރު އަނެއް ބަޔަކު ބުނަމުން އަންނަނީ މިއީ ރަނގަޅު ކަމެއް ކަމަށެވެ.

ނަމަވެސް ގިނަ އިލްމުވެރިން ވެސް ވިދާޅުވަމުން އަންނަނީ މުސްލިމުންނަށް އެހީވުމަކީ މުސްލިމް ގައުމެއްގެ ހައިސިއްޔަތުން ދިވެހި ސަރުކާރަށް ވާޖިބު ކަމެއް ކަމަށާއި، އެކަމުގައި މައްސަލައެއް ނެތް ކަމަށެވެ.

comment ކޮމެންޓް