ޓީސީ ބަލިކޮށް ދަ ގްރާންޑޭއަށް ރަނގަޅު ފެށުމެއް

ޓީސީ އާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ދަ ގްރާންޑޭ މޮޅުވީ 3-0 ން --- އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބުގެ މައްޗަށް ފަސޭހަކަމާ އެކު ކުރި ހޯދައި ދަ ގްރާންޑޭއިން ފެށުން ރަނގަޅު ކޮށްފި އެވެ.

ލީގުގެ ތިންވަނަ މެޗުގައި މިއަދު ޓީސީގެ މައްޗަށް ދަ ގްރާންޑޭ ކުރި ހޯދީ 0-3 ގެ ނަތީޖާއަކުންނެވެ. އެ މޮޅާ އެކު ދަ ގްރާންޑޭއިން ތާވަލުގެ ދެވަނައަށް ވަގުތީ ގޮތުން ޖެހިލި އިރު، އެއްވަނައިގައި އޮތް މާޒިޔާ އިއްޔެ ހަވީރު ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓަރީ ކޮޅަށް ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ.

މިދިޔަ ސީޒަނުގައި ރަނގަޅު ސްކޮޑަކާ އެކު ލީގުގެ ކުރީ ސަފުގައި އޮތް ޓީސީން މި ސީޒަނާ ކުރިމަތިލީ ބޮޑެތި ބަދަލުތަކާ އެކު އެވެ. އެ ޓީމުގެ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ޓީމް ދޫކޮށްލި އިރު، މުޅި ޓީމް ބަރޯސާ ވެފައި އޮތީ ޒުވާން ކުޅުންތެރިންނަށެވެ. އަނެއް ކޮޅުން މިދިޔަ ސީޒަނުގައި ފުރަތަމަ ޑިވިޝަނަށް ކޮލިފައިވި ދަ ގްރާންޑޭއިން އެ ސީޒަނުގައި ރަނގަޅު ވާދައެެއް ކުރި އިރު، މި ސީޒަނަށް އެ ޓީމުން ވަނީ ކުޅުންތެރިން ގެންގޮސް ޓީމު ވަރުގަދަ ކޮށްފަ އެވެ.

މިއަދުގެ މެޗު ފަށައިގެން މޮޅަށް ކުޅުނު ދަ ގްރާންޑޭއަށް މެޗުގެ 30 ވަނަ މިނެޓުގައި އެ ޓީމަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މިއީ އޭރިއާ ތެރެއިން ދަ ގްރާންޑޭގެ ފޯވާޑް ޚައިދަރޯވް އޮޓަބެކަށް ޓީސީގެ ޑިފެންޑަރު ޔޮގެންދްރަން ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އެކަމަކު ދަ ގްރާންޑޭގެ ގާސިމް ސައްމާމް ފޮނުވާލި ޕެނަލްޓީ ޓީސީގެ ބިދޭސީ ގޯލްކީޕަރު މަމަދޯވް ވަނީ ދިފާއުކޮށްފައެވެ.

އެހެން ނަމަވެސް ޕެނަލްޓީގެ ނާކާމީޔާބާ އެކު ހިތްވަރު ދޫނުކޮށް ދަ ގްރާންޑޭއިން ކުޅުން އިތުރަށް ރަނގަޅުކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ވަނީ ދެ ގޯލު ޖަހައިފަ އެވެ. ފުރަތަމަ ގޯލަކީ ޚައިދަރޯވް ދިން ޕާހަކުން ކެޕްޓަން ޔަސްފާދު ހަބީބް (މުލަކޭ) ޖެހި ގޯލެކެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އުމަރުޔޯނޯފް އަކްރޯފް ދިން ޕާހަކުން ލީޑު ފުޅާ ކުރީ މިޑްފީލްޑަރު އިބްރާހީމް ނޫރައްދީނެވެ.

ދެވަނަ ހާފުގައި ޓީސީން ބަދަލުތަކެއްކޮށް ކުޅުން ރަނގަޅު ކުރި ނަމަވެސް ޖުމުލަކޮށް ދަ ގްރާންޑޭގެ ގޯލަށް މާގިނަ ހަމަލާތަކެއް ފޮނުވާލެވޭ ގޮތެއް ނުވި އެވެ. މެޗުގައި ދަ ގްރާންޑޭއިން ޖެހި ތިންވަނަ ލަނޑު އެ ޓީމުން ކާމިޔާބުކުރި މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު ދަ ގްރާންޑޭއަށް ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޚައިދަރޯވްއެވެ.

comment ކޮމެންޓް