އާ ޓެލެކޮމް އޮޕަރޭޓަރެއް ގެނައުމުގެ މަސައްކަތް ބާރަށް ކުރިޔަށް

މީހަކު މޯބައިލް ފޯނު ބޭނުންކުރަނީ --- ސަން ފައިލް ފޮޓޯ

ރާއްޖެއަށް އާ ޓެލެކޮމިއުނިކޭޝަންސް އޮޕަރޭޓަރެއް ގެނައުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއިއެކު ކުރިޔަށް ދާ ކަމަށާއި އަދި އެ މަސައްކަތުގެ ދަށުން ވަކި ސަރަހައްދެއްގެ ވަކި އޮޕަރޭޓަރެއް ގެނައުމަށް އިސްކަމެއް ނުދޭނެކަމަށް ޓެކްނޮލޮޖީ މިނިސްޓްރީއިން ބުނެފި އެވެ.

މިނިސްޓްރީ އޮފް ސައިންސް ކޮމިއުނިކޭޝަންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަލީ ސާލިހު 'ސަން' އަށް މިއަދު މައުލޫމާތު ދެއްވި ގޮތުގައި ރާއްޖެއަށް އާ ޓެލެކޮމް އޮޕަރޭޓަރެއް ގެނައުމުގެ މަސައްކަތަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެކެވެ. އެގޮތުން މި މަސައްކަތުގެ ދަށުން ދެފުށް ފެންނަ ގޮތަށް އާ ޓެލެކޮމް އޮޕަރޭޓަރެއް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށައި އެ މަސައްކަތް ހަލުވިކަމާއިއެކު ކުރިޔަށް ދާކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ ވަރަށް ކުރިންވެސް ދެކެވޭ ވާހަކައެއް. ބަޖެޓުގައިވެސް އެކަން ވަނީ ހިމަނާފައި، ދެން ފިނޭންސްއިންވެސް ވަނީ އެކަން އިއުލާންކުރައްވާފަ އަދި އިކޮނޮމިކް ކައުންސިލުގައިވެސް އެކަމާއި ގުޅޭ މަޝްވަރާ ދަނީ ކުރިޔަށް. މާ ލަސްތަކެއް ނުވެ އެކަމުގެ މައުލޫމާތު ހާމަ ކުރާނެ." ސްޓޭޓް މިނިސްޓަރު ސާލިހު ވިދާޅުވި އެވެ.

އެއްވެސް ކުންފުންޏެއް މި މަސައްކަތަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައިވޭތޯ ސުވާލުކުރުމުން ސްޓޭޓް މިނިސްޓަރު ސާލިހު ވިދާޅުވީ އަދި އެގޮތަށް އެއްވެސް ކުންފުންޏަކަށް ޝައުގުވެރިކަން ފާޅުކުރެވޭނީވެސް އެ ފުރުސަތު ހުޅުވާލުމުންކަމަށެވެ. އަދި އޮޕަރޭޓަރެއްގެ ގޮތުގައި ގެންނަން ވަކި ސަރަހައްދެއްގެ ވަކި ކުންފުންޏަކަށް އިސްކަމެއް ނުދޭނެކަމަށާއި އެ މަސައްކަތް ކުރިޔަށްދާނީ ދެފުށް ފެންނަ ހަމަ ހަމަ އުސޫލެއްގެ މަތިންކަމަށެވެ.

"ހަމަ ދިވެހި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ބަލާފަ ކުންފުންޏެއް ކަނޑައަޅާނީ. ރާއްޖެއަށް އެންމެ ރަނގަޅުވާނެ ގޮތަކަށް. ވަކި ގައުމަކަށް ނުބަލާނެ، ވަކި ސަރަހައްދަކަށްވެސް." ސްޓޭޓް މިނިސްޓަރު ސާލިހު ވިދާޅުވި އެވެ.

މި މަސައްކަތުގެ މައުލޫމާތު ހާމަކުރެވިގެންދާނެ ސީދާ ތާރީޙެއް އަދި ނިންމިފައި ނުވާކަމަށް ވިދާޅުވަމުން ސްޓޭޓް މިނިސްޓަރު ސާލިހު ވިދާޅުވީ އެ މަސައްކަތް ވަރަށް ހަލުވިކަމާއިއެކު ކުރިޔަށްދާކަމަށާއި އަދި ހާމަކުރަންޖެހޭ މައުލޫމާތެއް ވަގުތުން ވަގުތަށް ހާމަކުރައްވަމުން ގެންދަވާނެކަމަށެވެ.

ފާއިތުވި ނޮވެމްބަރު މަސް ތެރޭ ސަރުކާރުން 2021 ވަނަ އަހަރަށް ލަފާކޮށް ހުަށަހެޅުއްވި ބަޖެޓުގައި މިނިސްޓަރު އަމީރު ވަނީ އާ ޓެލެކޮމް އޮޕަރޭޓަރަކަށް ލައިސަންސް ދިނުމަށް ހުޅުވާލުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް އިއުލާންކުރައްވާފަ އެވެ.

އަންނަ އަހަރު މުޅިން އަލަށް އާމްދަނީ ހޯދުމަށްޓަކައި ބަޖެޓުގައިވާ ހިމަނާފައިވާ ކަންތައްތަކުގެ ތެރެއިން ޓެލެކޮމް ލައިސަންސް ފީއަށް ގެންނަ ބަދަލާއި ފްރިކުއަންސީ ސްޕެކްޓްރަމް ޗާޖެއް އަންނަ އަހަރު އަލަށް 300 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ހޯދޭނެކަމަށް ވަނީ ލަފާކޮށްފަ އެވެ.

މިހާރު ރާއްޖޭގައި ޓެލެކޮމް ހިދުމަތް ދެނީ، ދިރާގާއި އުރީދޫ އެވެ. އަދި މި ދެ ކުންފުނީގެ އިތުރުން އާރުއޯއެލްއިންވެސް ދަނީ އިންތަނެޓުގެރ ޙިދުމަތް ފޯރުކޮށްދެމުންނެވެ. އެހެންނަމަވެސް ރާއްޖޭގައި ކަނެކްޝަން މައްސަލަތަކާއި، އިންޓަނެޓުގެ އަގުބޮޑުވުމުގެ މައްސަލައަކީ ތާއަބަދުމެހެން އާންމުންގެ ފަރާތުން އިވެމުންދާ ޝަކުވާއެކެވެ. އާ ޓެލެކޮމް އޮޕަރޭޓަރަކާއިއެކު އިންޓަނެޓުގެ އަގުތަކަށްވެސް ހެޔޮ ބަދަލެއް އަންނާނެކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ލަފާކޮށްފަ އެވެ.

comment ކޮމެންޓް