ވޮޝިންޓަން (ނޮވެމްބަރު 14) : އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރައީސް ޑޮނަލް ޓްރަމްޕް ބަލިވި މައްސަލައާ ދެކޮޅަށް ޓްރަމްޕްގެ ސަޕޯޓަރުން ވޮޝިންޓަންގެ މަގުތަކަށް ނުކުމެ ހިންގި އިހްތިޖާޖްތަކުގައި 8 މީހުން ޒަޚަމްވެފައިވާއިރު 23 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނަސްފިއެވެ.
ވޮޝިންޓަން ސިޓީގެ އެންބިއުލަންސާއި އިމާޖެންސީ ޚިދުމަތްތަކާބެހޭ ޔުނިޓްތަކުން ބުނިގޮތުގައި އިހްތިޖާޖްތަކުގައި ޒަޚަމްވި 8 މީހުންގެ ތެރެއިން 4 މީހުންނަކީ މުޒާހަރާތެރޭގައި ވަޅިޖެހުމުގެ ސަބަބުން ޒަޚަމްވި މީހުންނެވެ. އަނެއް ދެމީހުން ޒަޚަމްވީ ފުލުހުންނާ ދެކޮޅަށް ހިންގި ކުރިމަތިލުންތަކުގައެވެ.
ޓްރަމްޕަށް ތާއީދުކުރާ ފަރާތްތަކުން ފެށި މި މުޒާހަރާތަކުގައި އިސްކޮށް އުޅުނީ އޭނާގެ ސިޔާސަތުތަކަށް ތާއީދުކުރާ "ޕްރަވްޑް ބޯއީސް" ޖަމާއަތެވެ. މިއީ ނަސްލި އިމްތިޔާޒަށް ހިއްވަރުދޭ ދޮންމީހުންގެ ތެރެއިން އުފެދިފައިވާ ޒުވާނުން ހިމެނޭ ކަނާތު ފިޔައިގެ ހަރުކަށި ޖަމާއަތެކެވެ. މިއީ ޓްރަމްޕްގެ ސަޕޯޓަރުންވެސް މެއެވެ. މިޖަމާއަތާ ކުރިމަތިލުމަށް ނަސްލީ އިމްތިޔާޒާ ދެކޮޅަށް މަސައްކަތްކުރާ "އެންޓިފާ" ޖަމާއަތަށް ނިސްބަތްވާ މީހުންވެސްވަނީ ވޮޝިންޓަންގެ މަގުތަކަށް ނުކުމެ ޓްރަމްޕާ ދެކޮޅަށް އަޑުއުފުލާފައެވެ.
މި މުޒާހަރާތައް ކުރިޔަށްދިޔައީ ވޮޝިންޓަންގައި ހުންނަ އެމެރިކާގެ ސްޕްރީމްކޯޓުގެ ކުރިމަތީގައާއި ފްރީޑަމް ސްކެއާ ގައެވެ. މި އިޙްތިޖާޖްތަކުގައި ޓްރަމްޕްގެ ސަޕޯޓަރުން ގޮވަމުންދިޔައީ އެންމެފަހުން ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާތިލް ކުރުމަށެވެ. އިހްތިޖާޖްތައް ރޫޅިގެން ދިޔައީ ފުލުހުން ބާރުގެ ބޭނުންކޮށް ބައެއް މީހުން ހައްޔަރު ކުރުމުން ކަމަށް ވޮޝިންޓަންގެ މޭޔަރުގެ އޮފީހުން ބުނެފައިވެއެވެ.
ބާރުގެ ބޭނުން ކުރުމުގެ ގޮތުން ފުލުހުންވަނީ އިހްތިޖާޖްކުރި މީހުންގެ ގަޔަށް ޕެޕާ ސްޕްރޭވެސް ޖަހާފައެވެ. މި މުޒާހަރާތަކުގައި ޓްރަމްޕަށް ތާއީދުކުރާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 3 ހާހަކަށް މީހުން ބައިވެރިވި ކަމަށް ރިޕޯޓްތައް ބުނެއެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ބޮޑު ބައްޔަކުން ޓްރަމްޕް ބަލިވިނަމަވެސް އޭނާ އަދިވެސް ގެންދަނީ ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރުމަށް ދެކޮޅު ހައްދަވަމުންނެވެ. ނަމަވެސް މިއަދު ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރާނެއެވެ. (އެމެރިކާގެ މިޑިއާ)