އަރި އަތޮޅު ދެކުނު ބުރީގެ ރަންގަލީ ފަރުގެ ހުޅަނގު އުތުރުކަނުން ފެށިގެން ދިގުރަށުގެ ފަރުގެ އުތުރުކަނާ ދޭތެރޭގައިވާ ރަށްތަކުގެ ފަރުން ފެށިގެން އެއް ކިލޯ މީޓަރުގެ ސަރަހައްދަކީ "ސައުތު އަރި މެރިން ޕްރޮޓެކްޝަން އޭރިއާ" ނުވަތަ ހިމާޔަތް ކޮށްފައިވާ ސަރަހައްދެކެވެ. ދެހާސް ނުވަ ވަނަ އަހަރު އެތަން ހިމާޔަތް ކުރި މައިގަނޑު ސަބަބަކީ އެތަނަކީ މުޅި އަހަރު ތެރޭވެސް ބިޔަ، ރީތި، ވޭލް ޝާކް ނުވަތަ ފެހުރިހިތައް އައިސް އުޅޭ ތަނަކަށް ވުމެވެ. މިއީ ރާއްޖޭގައި އޮތް މިފަދަ ހަމައެކަނި ތަނެވެ.
ފެހުރިހި ބަލަން ސައުތު އަރި މެރިން ޕްރޮޓެކްޝަން އޭރިއާއަށް ވަރަަށް ގިނަ ޓޫރިސްޓުން ދެ އެވެ. ދެހާސްސާދަ ވަނަ އަހަރު، ސައިންސުވެރިންތަކެއް ކަމަށްވާ އެޖާ ފެނާންޑޯ ކަގުއާ، ނީލް ކޮލިންސް، ޖޭމްސް ހެންކޮ، އަދި ރިޗާޑް ރީސް ތައްޔާރު ކުރި ދިރާސާ "ވޭލް ޝާކް އިކޮނޮމިކްސް: އަ ވެލުއޭޝަން އޮފް ވައިލްޑްލައިފް ޓޫރިޒަމް އިން ސައުތު އަރި އެޓޯލް، މޯލްޑިވްސް"ގައިވާ ގޮތުން އޭރު އެ ސަރަހައްދުން ރާއްޖޭގެ އިގުތިސާދަށް 9.4 މިލިއަން ޑޮލަރު ވަދެ އެވެ.
ނަމަވެސް ޓޫރިޒަމްގެ ނޭދެވޭ އަސަރު 1995ގައި ހިމާޔަތްކުރި ފެހުރިއްސަށް ކުރަން ފަށައިފި އެވެ. އިންސާނުންގެ ފަރާތުން ލިބެމުން ދާ ގޯނާތައް ވަނީ ބޮޑުވާން ފަށައިފަ އެވެ. އެއާ އެކު އެތަކެތީގެ ދިރިހުރުމަށް ވަނީ ނުރައްކާވެފަ އެވެ.
މޯލްޑިވްސް ވޭލް ޝާކް ރިސާޗް ޕްރޮގްރާމް (އެމްޑަބްލިއުއެސްއާރްޕީ)އިން ތައްޔާރުކޮށް މޯލްޑިވްސް މެރިން ސައިންސް ސިމްޕޯޒިއަމްގައި ހުށަހެޅި ދިރާސާއިން އެކަން ވަރަށް ރަނގަޅަށް ހާމަވެ އެވެ. އެ ދިރާސާއިން ބުނެދިނީ ފެހުރިއްސަށް ކުރިމަތިވެފައި ހުރި ބޮޑެތި ނުރައްކާތަކެވެ. އެތަކެތީގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިފައިވާ މިންވަރެވެ.
ބުރަފަތީގެ ނުރައްކާ ބޮޑު
ހޮނިހިރު ދުވަހުން ފެށިގެން ދެ ދުވަހަށް ކުރިއަށް ގެންދިޔަ ތިން ވަނަ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯޒިއަމްގައި ދިރާސާގެ ހޯދުންތައް ހިއްސާ ކުރައްވަމުން އެކަމުގައި އިސްކޮށް އުޅުއްވި ސައިންސުވެރިން ކަމަށްވާ އިރުތިޝާމް ޒަރީރު އަދި ޖެސިކާ ހާވީ-ކެރޮލް ކަންބޮޑުވުން ފާޅުކުރެއްވީ ފެހުރިއްސަށް އަނިޔާވުމާއި އޭގެ އާބާދީއަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ މެދު އެވެ.
އިރުތިޝާމް ވިދާޅުވީ އެ ދިރާސާގެ ސާވޭ ހެދ،ީ ދޯންޏެއްގައި ގޮސް ހިމާޔަތްކޮށްފައިވާ ސަރަހައްދުން ފެހުރިއްސެއް ފެނުމުން މޫދަށް ފައިބައި އޭގެ މައުލޫމާތު ރެކޯޑުކޮށްގެން ކަމަށެވެ. އޭނާގެ ޓީމުން ވަނީ ފެންނަ ފެހުރިހީގެ ފޮޓޯ ނަގައި، އޭގެ ޖިންސާއީ، ދިގުމިނާއި، ލިބިފައި ހުރި އަނިޔާ ފަދަ މައުލޫމާތުތައް ސާވޭގެ މުއްދަތުގައި ރިކޯޑުކޮށްފަ އެވެ.
އޭގެ އިތުރުން، އެމްޑަބްލިއުއެސްއާރްޕީއިން ތަމްރީނުކުރާ ސިޓިޒަން ސައިޓިސްޓުން ހިމެނޭ އޮންލައިން ޕްލެޓްފޯމެއް ކަމަށްވާ "ބިގް ފިޝް ނެޓްވޯކް"އަށް ހުށަހަޅާފައި ހުރި ފެހުރިހީގެ މައުލޫމާތު ވެސް ބޭނުން ކުރި އެވެ. އަދި އިންސާނުންގެ އިނގިލީގެ ނިޝާން ބޭނުންކުރާހެން، ފެހުރިހީގެ ހަށިގަނޑުގައި ހުންނަ ނިޝާންތައް ވަކިވަކި ފެހުރިހި ދެނެގަންނަން ބޭނުންކުރި އެވެ.
ދިރާސާއިން ދެއްކި ގޮތުގައި، 2014 އިން ފެށިގެން 2019އާ ހަމައަށް ބަލާއިރު، ކޮންމެ އަހަރަކު ސައުތު އަރި ސަރަހައްދުން ފެހުރިހި ފެންނަ އަދަދު ދަނީ ދައްވަމުންނެވެ. އެއީ އެ ސައިންސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.
ފެންނަ ފެހުރިހީގެ ތެރެއިން ބޮޑެތި އަނިޔާތައް ލިބިފައިވާ ފެހުރިހީގެ އަދަދު ވަރަށް މަތި ކަމަށް ޖެސިކާ ހާވީ-ކެރޮލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ސަރަހައްދުން ފެންނަ ފެހުރިހީގެ ތެރެއިން ގިނައީވެސް ބޮޑެތި އަނިޔާވެފައިވާ ފެހުރިއްސެވެ.
އެއްވެސް އަނިޔާއެއް ނުލިބޭ ފެހުރިހި ފެންނަ މިންވަރު 2014އިން ފެށިގެން ދަނީ ހައްތަހާ ދަށަށެވެ.
ކޮންމެ ފެހުރިއްސަކުން އެވަރެޖުކޮށް ފެންނަ އަނިޔާގެ މިންވަރުވެސް 2006 އިން ފެށިގެން ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށް ދިރާސާއިން ދައްކަ އެވެ.
އިރުތިޝާމް ވިދާޅުވި ގޮތުގައި، ބޮޑެތި އަނިޔާތައް ލިބިފައި ހުރީ މައިގަނޑުގޮތެއްގައި ކަނޑު އުޅަނދުފަހަރުގެ ބުރަފަތިން ޖެހިގެންނެވެ. ފޮޓޯތަކުން ފެނުނު ގޮތުގައި ބައެއް ފެހުރިހީގެ އުރަހަ އެއްކޮށްހެން އޮތީ ބުރިވެފަ އެވެ. ބައެއް މިޔަރުތަކުގެ ހަށިގަނޑުގެ އެހެން ބައިތަކަށްވެސް އެކި ވަރުވަރުގެ ގެއްލުން ލިބިފައި ހުއްޓެވެ.
އެ ސަރަހައްދުގައި ދުއްވުމުގެ ހުއްދަ އޮންނަނީ ހަމައެކަނި އީޕީއޭގައި ރަޖިސްޓްރީ ކުރާ އުޅަނދުތަކަށެވެ. އެއީ މުޅިންހެން ޓޫރިޒަމަށް ބޭނުންކުރާ އުޅަނދެވެ.
އަނިޔާވުމުން އާބާދީއަށް ކުރާ އަސަރު
ފެހުރިއްސަކީ އޭގެ ހަޔާތުގައި ވަރަށް ދުރަށް ދަތުރު ކުރާ އެއްޗެކެވެ. މަދު މަސްކޮޅެއްގެ ތެރޭގައި އެތައް ހާސް ކިލޯމީޓަރަކަށް ދަތުރުކުރާނެ އެވެ. ދަތުރުކުރުމުގެ ތެރޭގައި އެހެން ފެހުރިހިތަކާ ދިމާވެ އާބާދީ އާލާ ކުރަން ފުރުސަތު އެ މިޔަރުތަކަށް ލިބެ އެވެ.
ފެހުރިއްސަކަށް އަނިޔާވުމުން އޭތި އަނބުރާ ސައުތު އަރިއަށް އާދޭތޯ ދިރާސާގައި ބެލި އެވެ. ދިރާސާގައި ބަލާފައި ވަނީ ސައުތު އަރި ސަރަހައްދުން އެ މިޔަރެއް ދިޔުމަށް ފަހު އަނބުރާ އާދޭތޯ އެވެ. އަނބުރާ އައިސްފި ނަމަ އޭތި "ސަވައިވް"ވީ ކަމަށް ބެލި އެވެ.
ޖެސިކާ ކިޔައިދެއްވި ގޮތުގައި، ސައުތު އަރި ސަރަހައްދުން ބޮޑެތި އަނިޔާ ލިބޭ ގިނަ ފެހުރިހި އެ ސަރަހައްދަށް އަނބުރާ އާދެ އެވެ. އަދި އެހެން ތަނަކުން އަނިޔާ ލިބިގެން ސައުތު އަރި ސަރަހައްދަށް އަންނަ ފެހުރިހިވެސް ޖެހިގެން އަންނަ އަހަރު އެ ސަރަހައްދަަށް އަނބުރާ އަންނަ ވަރު އިތުރުކަން ފާހަގަ ކުރެވުނު ކަމަށް ޖެސިކާ ވިދާޅުވި އެވެ.
ކޮންމެ ފެހުރިއްސެއްވެސް އެންމެ ފުރަތަމަ ފަހަރު ސައުތު އަރިގައި މަޑު ކުރަނީ އެވަރެޖުކޮށް 58 ދުވަހަށް ކަމަށް ދިރާސާގައި ވެ އެވެ. އެ މުއްދަތުގެ ތެރޭގައިވެސް ބޮޑެތި އަނިޔާ ލިބޭ އިރު، އޭގެ މުއްދަތުން ބޭރުގައިވެސް އެ މިޔަރުތަކަށް ބޮޑެތި އަނިޔާ ލިބެ އެވެ.
އަނިޔާވާ މިޔަރުތައް އެނބުރި އައުމުގެ ފުރުސަތު ނުވަތަ ސަވައިވަލް ރޭޓު 60 ޕަސެންޓު އިތުރެވެ. އެހެންކަމުން، ފެހުރިއްސަށް އަނިޔާވުމާ އޭތި ސައުތު އަރި ސަރަހައްދަށް އަނބުރާ އައުމާ ގުޅިފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ނަމަވެސް، ސައުތު އަރި ސަރަހައްދު ދޫނުކޮށް ފެހުރިހި މަޑުކުރާ ނަމަ އެކަމުން ފެހުރިހީގެ އާބާދީއަށް ކުރިއަށް އޮތްތަނުގައި އަސަރު ކޮށްފާނެ ކަމަށް ޖެސިކާ ވިދާޅުވި އެވެ. ސަބަބަކީ، އެހެން ފެހުރިހިތަކާ ދިމާނުވުމުން އާބާދީ އާލާ ކުރަށް ލިބޭ ފުރުސަތު ކުޑަވުމެވެ.
"މިއީ ދުނިޔޭގެ ފެހުރިހީގެ އާބާދީއަށް ވަރަށް ބޮޑަށް އަސަރު ކުރާނެ ކަމެއް،" ޖެސިކާ ވިދާޅުވި އެވެ.
ދުނިޔޭގައި ފެހުރިހީގެ އާބާދީ ދަށްވަމުންދާތީ ފެހުރިހި މިހާރު ވަނީ "އިންޓަނޭޝަނަލް ޔުނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާ"، އައިޔޫސީއެންގެ ރެޑް ލިސްޓުގައި "އެންޑޭންޖާޑް"، ނުވަތަ މަރުވެ ހުސްވާން ގާތްވެފައިވާ ސްޕީޝީޒްއެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.
ޖެސިކާ ވިދާޅުވީ ވީހާ ވެސް އަވަހަކަށް ކުރަންވި ކަމަކީ ފެހުރިއްސަށް އަނިޔާވާ މިންވަރު ކުޑަ ކުރުމަށް މަސައްކަތްތަކެއް ފެށުމެވެ. ސައުތު އަރި ސަރަަހައްދަށް އެއްފަހަރާ އުޅަނދުތައް ވަންނަ މިންވަރާއި، މިޔަރުތަކާ ކައިރި ކުރާ ވަރާއި، ދުއްވާ ސްޕީޑު ކޮންޓްރޯލު ކުރުމަށް ގަވައިދު ހަދައި ތަންފީޒު ކުރުން ވަރަށް މުހިންމު ކަމަށް ޖެސިކާ ވިދާޅުވި އެވެ.
ސައުތު އަރިގެ މުހިންމު ސަރަހައްދުތައް ޒޯންތަކުގެ ގޮތުގައި ކަނޑައަޅައިގެން އުޅަނދުތައް އެއްފަހަރާ ވަނުން މަދު ކުރުމާއި، ގައިޑުންނާއި ޓޫރިސްޓު އޮޕަރޭޓަރުންނަށް ޓްރެއިނިން ޕްރޮގްރާމުތައް ހިންގުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފެހުރިއްސަށް އަނިޔާވާ ވަރާއި ފެހުރިހި ޒިޔާރަތް ކުރާ މިންވަރު މޮނިޓާ ކުރަމުން ގެންދިޔުން މުހިންމު ކަމަށް ވެސް ދިރާސާގައި ސައިންސްވެރިން ފާހަގަކުރި އެވެ. މި ނޫން ގޮތަކަށް ފެހުރިހީގެ އާބާދީ ހިމާޔަތް ކުރެވޭނެ ގޮތެއް ނެތެވެ.