ވޯލްޑް އެކްސްޕޯ 2020ގައި ބައިވެރިވާން އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ބިއުރޯ އޮފް އިންޓަނޭޝަނަލް އެކްސްޕޮޒިޝަން (ބީއައިއީ)އިން ބާއްވާ ވޯލްޑް އެކްސްޕޯ 2020ގައި ބައިވެރިވާން އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ވޯލްޑް އެކްސްޕޯއަކީ ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބާއްވާ އެކްސްޕޯއެކެވެ. މި އަހަރުގެ އޮކްޓޫބަރު މަހު މި އެކްސްޕޯ ބާއްވަން ކުރިން ރާވާފައި އޮތް ނަމަވެސް، ކޮވިޑް19 ޕެންޑެމިކްއާ ގުޅިގެން އަންނަ އަހަރުގެ އޮކްޓޫބަރު މަހަށް މި އެކްސްޕޯ ވަނީ ފަސްކޮށްފަ އެވެ.

އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 2022 ވަނަ އަހަރުގެ މާޗު މަހާ ހަމައަށް ދުބާއީގައި ބާއްވާ މި އެކްސްޕޯގައި ބައިވެރިވާން ރާއްޖެއިން ވާންޖެހޭ ތައްޔާރީތަކުގައި އިސްކޮށް ހަރަކާތްތެރި ވަނީ އިކޮނޮމިކް މިނިސްޓްރީއިންނެވެ. އަދި މި މަސައްކަތުގައި އެ މިނިސްޓްރީއާ އެކު ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ އިން ވެސް ބައިވެރިވާނެ އެވެ.

އެކްސްޕޯގައި ބައިވެރިވުމާއި ސްޕޮންސާ ކުރުމުގެ ފުރުސަތު ހުޅުވާލުމަށް ޒޫމް މެދުވެރިކޮށް ބޭއްވި އިވެންޓުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ކޮވިޑް19އަށް ފަހު ސަރުކާރުން ރާއްޖޭގެ އިގްތިސާދު ފުޅާކުރަން މަސައްކަތްކުރަމުންދާއިރު، މިފަދަ ފުރުސަތެއް ލިބުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

މިއީ ރާއްޖޭގެ ޓޫރިޒަމް، އެގްރިކަލްޗާ އަދި އައިޓީސީ ފަދަ ދާއިރާތަކުގެ އުފެއްދުންތައް ދުނިޔެއަށް ދައްކާލަން ލިބޭ ފުރުސަތެއް ކަމަށާއި މިފުރުސަތުގެ ބޭނުން ހިފުމަށް ރާއްޖޭގެ ހުރިހާ ވިޔަފާރިތަކަށް މިނިސްޓަރު ވަނީ ގޮވާލައްވާފަ އެވެ.

އެ އިވެންޓުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ މި އެކްސްޕޯއިން ފަތުރުވެރިކަމަށް އިތުރު އިންވެސްޓްމަންޓް ހޯދުމުގެ އިތުރުން، މިހާރު ހުރި އިންވެސްޓްމަންޓްތައް ފުޅާކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށެވެ.

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި އުޅޭ ފަރާތްތަކަށް މި އެކްސްޕޯ ވަރަށް މުހިންމުވާނެ ކަމަށެވެ.

އެގޮތުން މަސްވެރިކަމުގެ ދާއިރާގައި މިހާރު ދިމާވާ މައިގަނޑު އެއް މައްސަލައަކީ މަހުގެ އުފެއްދުންތައް މާކެޓު ކުރުމުގެ މައްސަލަ ކަމަށާއި މި އެކްސްޕޯގައި މާކެޓު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މި އެކްސްޕޯގައި އެމްއެމްޕީއާރުސީއިން ވެސް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ރާވައިފަ އެވެ. އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތައްޔިބު މުހައްމަދު ވިދާޅުވީ ރާއްޖޭގެ ޕެވީލިއަންގެ އިތުރުން އެކްސްޕޯގެ ސައިޓުގައި ވެސް ހަރަކާތްތައް ކުރިއަށްގެންދިއުމަށް ރާވަމުންދާ ކަމަށެވެ.

މިއީ ވޯލްޑް އެކްސްޕޯގައި ރާއްޖެ ބައިވެރިވާ ހަތަރު ވަނަ ފަހަރެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މިފަހަރުގެ އެކްސްޕޯގައި ރީޓެއިލް ކޮމްޕޯނެންޓެއް ހިމެނޭ ކަމަށާއި އެހެންކަމުން ރީޓެއިލް އައުޓްލެޓެއް މެދުވެރިކޮށް ދިވެހި އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށެވެ. އެ އައުޓްލެޓް މެނޭޖުކުރާނީ ބިޒްނަސް ސެންޓާ ކޯޕަރޭޝަންގެ ދިވެހި އުފެއްދުންތަކަށް ހާއްސަ ފިހާރަ، އޮތެންޓިކް މޯލްޑިވްސްއިންނެވެ.

މި އެކްސްޕޯއާ ގުޅޭ އިތުރު މައުލޫމާތު، އެކްސްޕޯގެ ވެބްސައިޓް އަދި އިކޮނޮމިކް މިނިސްޓްރީއިން ލިބޭނެ އެވެ.

comment ކޮމެންޓް