ވަކީލުން ނެތި ރިޒާ ކުންފުނިން ބިދޭސީންނާ ބައްދަލުކުރަނީ

ބޮޑުފިނޮޅުގައި ތިބި ބިދޭސީން -- ފޮޓޯ/ ނަވާނަވައި

މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ އާރްއައިއެކްސް ކުންފުނިން މުސާރަ ނުދޭ މައްސަލައިގައި ބ. ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގި ބިދޭސީންގެ ވަކީލުންގެ ޣައިރު ހާޒިރުގައި އެ ކުންފުނިން ބިދޭސީންނާ ބައްދަލުކޮށްފިއެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީންތަކެއް އެރަށުގައި ހަމަނުޖެހުން ހިންގައި، ދިވެހީންތަކެއް ރަހީނުކުރި އެވެ. އަދި ފުލުހުންނާ ވެސް ކުރިމަތިލާފައިވެ އެވެ.

އެ ހަމަނުޖެހުމާ ގުޅިގެން، 19 ބިދޭސީއަކު ހައްޔަރުކޮށް ފަހުން ވަނީ ދޫކޮށްލައިފައެވެ. އަދި އެމީހުން މިހާރު ތިބީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ބުނީ، މިއަދު 3:30 ގައި އާރްއައިއެކްސް ކުންފުނިން އެ ބިދޭސީންނާ ބައްދަލުކުރަން ހަމަޖެހިފައިވާކަން އިމިގްރޭޝަނުން ވަކީލުންނަށް އެންގީ 3:16 ގަި ކަމަށެވެ.

އަދި އެ ކުންފުނިން ބިދޭސީންނާ ބައްދަލުކުރަނީ މުސާރައިގެ ކަންތަކުގައި ކަމަށް އިމިގްރޭޝަނުން ބުނި ކަމަށެވެ.

ނަމަވެސް ބިދޭސީންގެ ވަކީލުންނާ ނުލައި އެ ބައްދަލުވުން ކުރިއަށް ގެންދަން ވަކީލުން ދެކޮޅު ހަދައި، އަނގަބަހުންނާއި ލިޔުމުން އެކަން އެންގުމުން ވެސް އިމިގްރޭޝަނުން އެ ބައްދަލުވުން ކުރިއަށް ގެންދަން ނިންމި ކަމަށެވެ.

އެ ބައްދަލުވުމާ ގުޅިގެން ޓްރާންސްޕޭރެންސީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޓްރާންސްޕޭރެންސީން ބުނީ ވަކީލުން ނެތި އާރްއައިއެކްސް ކުންފުނިން ބިދޭސީންނާ ބައްދަލުކޮށް ބިދޭސީންނަށް ބިރުދެއްކުމުގެ ފުރުސަތު އޮތް ކަމަށެވެ.

އަދި މީގެކުރިން ވެސް އެ ކުންފުނިން ބިދޭސީން ލައްވައި ލިޔެކިޔުންތަކެއްގައި ސޮއިކުރުވާފައިވާ ކަމަށާއި، އެ ލިޔުމުގައި ވާ އެއްޗެއް ބިދޭސީންނަށް ބުނެދީފައި ނުވާކަމަށެވެ. އަދި މިއަދާ ހަމައަށް ވެސް ބިދޭސީންގެ ވަކީލުންނަށް އެ ލިޔުންތައް ލިބިފައި ނުވާކަމަށެވެ.

މީގެ އިތުރުން އެ ކުންފުނީގެ މައްޗަށް ހިއުމަން ޓްރެފިކިންގްގެ ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ ކަން ވެސް ޓްރާންސްޕޭރެންސީން ވަނީ ފާހަގަކޮށްފައެވެ.

ޓްރާންސްޕޭރެންސީގެ ވަކީލުން ބިދޭސީންނާ ބައްދަލުކުރަން އެދޭތާ ހަފްތާތަކެއް ވެގެން ދިޔައިރު ވެސް އެކަން ހަމަޖެހިފައި ނުވާއިރު، ރިޒާގެ ކުންފުނީގެ ފަރާތުން ބިދޭސީންނާ އެކި ފަހަރު މަތިން ބައްދަލުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

ޓްރާންސްޕޭރެންސީގެ ވަކީލުން އަންނަނީ އެ މައްސަލައިގައި ހައްޔަރުކުރި 19 ބިދޭސީންގެ ތެރެއިން ފަސް ބިދޭސީންނަށް ހިލޭ ސާބަހަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

comment ކޮމެންޓް