މޯލްޑިވްސް މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އެވޯޑު 2019ގައި ސަން އޮންލައިންގެ ދެ ނޫސްވެރިން ކަމަށްވާ މުޒައްޔިން ނާޒިމް އާއި ޝަފްނާ ހުސެއިން ފަހުރުވެރި އެވޯޑުތަކެއް ހޯދައިފި އެވެ.
އެގޮތުން މުޒައްޔިންއަށް ވަނީ އަހަރުގެ އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑާއި ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާއިން އެވޯޑް ހާސިލްކޮށްފަ އެވެ. އަދި ޝަފްނާ އެވޯޑް ހާސިލްކޮށްފައި ވަނީ އިޖުތިމާއީ ދާއިރާއިންނެވެ.
ސިޔާސީ ދާއިރާގެ ލިޔުންތަކުގެ ބައިން އެވޯޑް ހާސިލްކޮށްފައި ވަނީ އަވަސް އޮންލައިންގެ މުހައްމަދު ވިޝާމް އެވެ. ޝަރުއީ ދާއިރާގެ ބައިން އެވޯޑް ހާސިލްކޮށްފައި ވަނީ މިހާރު އޮންލައިންގެ މުއިއްޒު އިބްރާހިމް އެވެ. ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާއިން އެވޯޑް ހާސިލް ކުރީ އަވަސް އޮންލައިންގެ އީމާން އަންވަރު އެވެ. ކުޅިވަރު ދާއިރާ އާއި ފީޗާގެ ދާއިރާއިން އެވޯޑް ހާސިލް ކުރީ މުހައްމަދު ހަމްދޫން އެވެ. ވިޔަފާރި އާއި އިގްތިސާދުގެ ދާއިރާގެ ލިޔުންތަކުގެ ބައިން މިފަހަރުވެސް އެވޯޑް ހާސިލް ކުރީ އަވަސްގެ މުހައްމަދު އަފްރާހު އެވެ. ވިޔަފާރި އާއި އިގްތިސާދުގެ ދާއިރާއިން ބްރޮޑްކާސްޓިން ކެޓަގަރީން އެވޯޑް ހާސިލްކުރީ ރާއްޖެ ޓީވީގެ ސިމާހާ ނަސީމް އެވެ. އަދި ވީޓީވީގެ ޝުރުފާ ނަސީމްއަށް ބްރޮޑްކާސްޓިން ދާއިރާގެ ފީޗާގެ ރިޕޯޓް ކެޓަގަރީން އެވޯޑް ލިބުނު އިރު، ވީޑިއޯ ޖާނަލިޒަމްގެ އެވޯޑް ވެސް ހޯދާފައި ވަނީ އޭނާ އެވެ. ފޮޓޯ ޖާނަލިޒަމްގެ ދާއިރާއިން އެވޯޑް ހޯދީ މިހާރު ނޫހުގެ ނިޝާން އަލީ އެވެ.
މިރޭގެ ހަފްލާގައި ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާންގެ ހިތްވަރާއި އޭނާގެ މަސައްކަތް ފާހަގަ ކުރުމުގެ ގޮތުން ހާއްސަ ހަދާނީ ފިލައެއް އޭނާގެ އާއިލާއަށް މީޑިއާ ކައުންސިލުން ހަދިޔާކުރި އެވެ.