ޕޮގްބާ އެނބުރި ޔުވެންޓަސްއަށް ދަނީ؟

ޕޮގްބާ ޔުވެންޓަސްގެ ޖޯޒީގައި ކުޅެނީ --- ފޮޓޯ/ ސްކައިސްޕޮޓްސް

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ހުނަރުވެރި މިޑްފީލްޑަރު ޕޯލް ޕޮގްބާ އެކުލަބުގައި ހުރީ ހިތްހަމަޖެހިގެން ނޫން ކަމަށާއި، އެނބުރި ކުރީގެ ކުލަބް ޔުވެންޓަސްއަށް ދިއުމުގެ ވިސްނުން އެބަހުރި ކަމަށް އޭނާގެ އެޖެންޓް މައިނޯ ރަޔޯލާ ބުނެފި އެވެ.

ފަހަކަށް އައިސް މެންޗެސްޓާ ޔުނައިޓެޑްގެ ފުރަތަމަ އެގާރައިން މެޗު ފެށުމުގެ ފުރުސަތު މަދުވެ، ކުޅެން ލިބޭ ވަގުތުގައި ވެސް އެންމެ އެދެވޭ ކުޅުމެއް ޕޮގްބާގެ ފަރާތުން ފެނިފައެއް ނުވެ އެވެ. އެއާ އެކު ސަޕޯޓަރުންގެ ފާޑުކިޔުން އަމާޒުވެ، ކުޅުމުގެ މޯޓިވޭޝަނަށް އަސަރުކުރުމުގެ ސަބަބުން ގައުމީ ޓީމުގައި ކުޅޭ މެޗުތަކުގައި ވެސް އެކަން އިންތިހާއަށް ފާހަގަވާ ކަމަށް ފްރާންސްގެ ކޯޗު ޑިޑިއާ ޑިޝޭމްޕްސް ވަނީ ބުނެފަ އެވެ.

އަދި ޕޮގްބާގެ ކުޅުމަށް އައި ބަދަލުގެ ޒިންމާ ނަގަން ޖެހޭނީ ޔުނައިޓެޑުން ކަމަށާއި، ޕޮގްބާއަށް ފުރުސަތު އިތުރު ކޮށްގެން ވިޔަސް އޭނާ ފޯމު އަލުން ހޯދުމަށް އެހީތެރިވާން ޖެހޭ ކަމަށް ޑިޝޭމްޕްސް ވަނީ ބުނެފަ އެވެ. ޑިޝޭމްޕްސްގެ ވާހަކަތައް ގަބޫލު ކުރާ ކަމަށް ބުނެ ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޮލްޝެއާ ވެސް ވަނީ ޕޮގްބާ މިވަގުތު ހުރީ އެންމެ ރަނގަޅު ހާލަތުގައި ނޫންކަން ހާމަކޮށްފަ އެވެ.

ސޮލްޝެއާ ބުނީ، ޕޮގްބާ މިވަގުތު ކޮންމެ ހާލަތެއްގައި ހުއްޓަސް އޭނާއަކީ ޓީމަށް މުހިއްމު ކުޅުންތެރިއެއް ކަމަށާއި، އަލުން ކުރީގައި ހުރި ފޯމަށް އޭނާ ގެންދިއުމަށް ތައްޔާރަށް ހުރި ކަމަށެވެ. އަދި ޕޮގްބާ އަކީ މަސައްކަތުން ކުރިއަށްދާ ކުޅުންތެރިއަށް ކަމަށާއި، އޭނާ ކުޅުން ރަނގަޅު ކުރުމަށް މިހާރު ޑަބަލް މަސައްކަތް ކުރަން ޖެހޭކަން ސޮލްޝެއާ ވަނީ ފާހަގަ ކޮށްފަ އެވެ.

ޔުނައިޓެޑުގައި ޕޮގްބާ މިވަގުތު ހުރި ހާލަތު ދިރާސާ ކުރުމަށް ޔޫރޮޕުގެ ބޮޑެތި ބައެއް ކުލަބުތަކުން ވަނީ މަސައްކަތް ފަށައިފަ އެވެ. އޭގެ ތެރޭގައި ސްޕެއިނުގެ ރެއާލް މެޑްރިޑާއި ކުރީގެ ކުލަބް ޔުވެންޓަސް ހިމެނޭ އިރު، އަލުން އަނބުރާ ޔުވެންޓަސްއަށް ޕޮގްބާ ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާގެ އެޖެންޓް ރަޔޯލާ ވަނީ ބުނެފަ އެވެ.

"ޕޮގްބާ ޔުނައިޓެޑުގައި ހުރީ އުފަލުން ނޫންކަން އެންމެންނަށް ވެސް އެނގޭ. ޕޮގްބާ ޓީމް ބަދަލުކޮށް އައު މާހައުލެއްގެ ތަޖުރިބާ ބޭނުންވޭ. މިވަގުތު އޭނާ ހުރީ 18 މަސް ދުވަހުގެ އެއްބަސްވުމަކާ އެކު. އެ އެއްބަސްވުން ހަމަވާނީ 2022 ގައި،" ރަޔޯލާ ބުންޏެވެ.

ރަޔޯލާ ބުނީ، ޕޮގްބާ ބޭނުންވީ ގޮތަށް ޔުނައިޓެޑުގައި ކުރިއަށް ދެވޭނެ ކަމުގެ އުންމީދު ގެއްލިފައިވާ ކަމަށެވެ. އެހެން ކަމުން ކެރިއަރުގެ ބާކީ އޮތްބައި އެކުލަބުގައި ހޭދަކުރުމަށް ޕޮގްބާ ނުވިސްނާކަމަށް ރަޔޯލާ ބުންޏެވެ.

"އެއީ ތެދެއް. ޔުވެންޓަސްއަށް ދިއުމަކީ ވެސް ވެދާނެ ކަމެއް." ރަޔޯލާ ބުންޏެވެ.

comment ކޮމެންޓް