ފްލައިން ސްކޫލް ކުދިންނަށް ނަޝީދު އެންގެވީ މަޖިލީހަށް ސިޓީ ފޮނުވަން

އައްޑޫ ފްލައިން ސްކޫލުގައި ބޭނުންކުރާ ބޯޓުތަކެއް--ފޮޓޯ: އޭއޭއޭ

އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގާ އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސްގައި ކިޔަވާ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިފި އެވެ.

އެތަނުގައި ކިޔަވާ ދަރިވަރުންނަށް ދިމާވެފައިވާ ކަންތައްތަކަށް ހައްލު ހޯދައިދިނުމެއްނެތި ދަރިވަރުން ވަކިކުރަމުންދާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އެންގުންތަކަށް ވެސް ނުބަލާ ކުދިން ވަކިކުރާ މައްސަލައިގައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މިނިސްޓަރު އާއިޝަތު ނަހުލާ ވަނީ ދެއްވައިފަ އެވެ.

ރޭ ކުރިއަށް ދިޔަ "އާސްކް ސްޕީކާ" ޕްރޮގްރާމުގައި އެ ސްކޫލުގައި ކިޔަވާ ދަރިވަރަކު ވަނީ ސްކޫލުން އަމަލުކުރާ ގޮތުން ކުދިންނަށް ދިމާވެފައިވާ ދަތިތައް ބަޔާންކޮށް، ފޯނު މެދުވެރިކޮށް މަޖިލިސް ރައީސް އާ ސުވާލުކޮށްފަ އެވެ.

އެ ދަރިވަރު ބުނީ މިހާރު އެ މައްސަލައިގައި އެތައް ތަނަކަށް ސިޓީ ފޮނުވިއްޖެ ކަމަށާއި ނަމަވެސް ހައްލު ނުލިބޭ ކަމަށެވެ. އަދި އެ މައްސަލައިގައި މަޖިލިސް ރައީސް އެއްވެސް އެއްޗެއް ވިދާޅުނުވާ ސަބަބު ވެސް އެ ދަރިވަރު ވަނީ އަހައިފަ އެވެ.

އެ ސުވާލުގެ ޖަވާބުގައި މަޖިލިސް ރައީސް ދެއްވީ ވަރަށް ކުރު ޖަވާބެކެވެ.

އެމަނިކުފާނު ވިދާޅުވީ މިހާތަނަށް އައި އިރު އެ ސްކޫލުގެ ދަރިވަރުންނަށް ސިޓީ ފޮނުވިފައި ހުރީ މުޅިން ވެސް ސަރުކާރުގެ މުއައްސަސާތަކަށް ކަމަށެވެ.

ނަމަވެސް މަޖިލީހަކީ ވަކި މުއައްސަސާއެއްކަން ފާހަގަކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް އެ މައްސަލައިގައި ސިޓީއެއް ފޮނުވައިފި ނަމަ، އެކަން މަޖިލީހުން ބަލާނެ ކަމަށެވެ.

ފްލައިން ސްކޫލުގެ ދަރިވަރުންނާމެދު އިހުމާލުވެފައިވާތީ އެތަނާމެދު ފިޔަވާޅު އަޅަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ނިންމައިފަ އެވެ. ސިވިލް އޭވިއޭޝަން އޮތޯރިޓީއިން އެ އެކަޑަމީ އޮޑިޓްކުރުމަށްފަހު 2019 ވަނަ އަހަރުގެ އޭޕްރިލް މަހު އަދި މިއަހަރުގެ އޮކްޓޯބަރު މަހުވެސް ފާހަގަކޮށްފައިވާ ކަންކަމަކީ ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ކަންކަން ކަމަށް އެ މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

އަދި އެތަނުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް 22 އޮކްޓޯބަރުގައި 20 ދުވަހުގެ މުހުލަތެއްވެސް ވަނީ ދީފަ އެވެ. ނަމަވެސް އެކަންތައް ހައްލު ވެފައެއް ނުވެ އެވެ.

އޭއޭއެ އިން ގަބޫލުކުރާ މިންގަނޑަށް ކޯސް ފުރިހަމަ ކޮށްފައި ނުވާކަމަށް ބުނެ އެތަނުގައި ކިޔަވާ ވިއްސަކަށް ދަރިވަރުން ވަނީ ކޯހުން ވަކިކޮށްފަ އެވެ.

comment ކޮމެންޓް