ޝަރުތު ހަމަވާ މީހުން މަދުކަމުން ޓޫރިޒަމް އަށް ޕީއެސްއަކު ހޯދަން އަލުން އިއުލާނު ކޮށްފި

ޓޫރިޒަމް މިނިސްޓްރީ އަށް ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އެއް ހޯދަން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ މީހުން މަދުކަމަށްވާތީ، އަލުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީ އަށް ޕީއެސް އަކު ހޯދަން އިއުލާނު ކޮށްފައިވަނީ އެ މަގާމުގައި ހުންނެވި އައިޝަތު ސޫޒަން ހަނީފް ސަސްޕެންޑުކޮށްފައި ހުއްޓައި މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ސިވިލް ސާވިސް ކޮމިޝަނުން އެންމެ ފުރަތަމަ ސޫޒަން ސަސްޕެންޑުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 17ގަ އެވެ.

ސޫޒަންގެ ސަސްޕެންޝަނާއި ގުޅޭގޮތުން ސީއެސްސީ އިން ބުނީ ޕީއެސް ސަސްޕެންޑު ކުރީ އެ މިނިސްޓްރީގެ މުވައްޒަފުންގެ ފަރާތުން ޕީއެސްއާ ގުޅިގެން ހުށަހެޅިފައިވާ ޝަކުވާތަކާ ގުޅިގެން ކަމަށެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނީ ޓޫރިޒަމް އަށް ޕީއެސް އެއް ހޯދަން އަލުން އިއުލާނު ކުރާ ކަމަށާއި ކުރިން ކުރި އިއުލާނާ ގުޅިގެން މަގާމަށް ކުރިމަތިލީ ފަރާތްތަކުން އަލުން މަގާމަށް ކުރިމަތިލާން އެދޭނަމަ އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ކުރީގެ އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ ލިޔުންތައް އަލުން ހުށަހަޅަން ނުޖެހޭނެކަމާއި، އިތުރު ލިޔުމެއް ހުށަހަޅަން ބޭނުންވެއްޖެ ނަމަ، އެ ލިޔުމެއް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ޕާމަނަންޓް ސެކްރެޓަރީންނަށް އައްޔަނު ކުރާ މީހުންގެ ހުންނަންޖެހޭ އަސާސީ ޝަރުތު ތަކަކީ ދިވެހި ގައުމީ ސަނަދުތަކުގެ އޮނިގަނޑގެ ލެވެލް ހަތެއްގެ ސެޓްފިކެޓެއް އޮތުމާއި ސަރުކާރުގައި، ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން ހަ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، ލެވެލް ނުވަޔެއްގެ ސަނަދެއް ހާސިލް ކުރުމާއެކު ހިންގުމުގެ ދާއިރާ އިން ހަތަރު އަހަރުގެ ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.

ޕާމަނަންޓް ސެކްރެޓަރީގެ މުސާރައަށް މަހަކު 20،500 ރުފިޔާ އަދި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާ ލިބޭނެ އެވެ.

މަގާމަށް ކުރިމަތި ލުމުގެ ސުންގަޑިއަކީ މި ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 2:00ގަ އެވެ.

comment ކޮމެންޓް