ދިވެހި ޖީލެއް ވިޓަމިން ސީ މަދުވުމުގެ ބަލިމަޑުކަމާ ދިމާލަށް!

ކުޑަކުދިންތަކެއް ކުޅުމުގައި --

ހަށިގަނޑަށް ބޭނުންވާ ހުރިހާ މާއްދާތަކެއް ހިމެނޭ ކާނާ ކެއުމުގެ ތެރޭ ހިމެނުން ނުވަތަ "ބެލެންސް ޑައިޓެއް"ގެ މުހިންމު ކަމުގެ ވާހަކަ އަކީ ދައްކާ ދައްކާ ބާވެފައި އޮތް ވާހަކަ އެކެވެ. ސިއްހީ މާހިރުންގެ އަބަދުހެންމެ ދެއްވާ އިރުޝާދަކީ ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް އެކަށީގެންވާ މިންވަރަށް ކެއުމުގައި ހިމެނުމެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި މިއީ ވަކި އުމުރަކަށް، ވަކި ޖިންސަކަށް ހާއްސަވެފައިވާ ކަމެއް ނޫނެވެ.

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލްގެ ކަންބޮޑުވުމެއް އެބަ އޮތެވެ. މިފަހަކަށް އައިސް އެ އިރުޝާދުތަކުގެ މަތިން ދިވެހީން ހަނދާން ނެތުމެވެ. އެއާ އެކު ދިވެހީންގެ ޖީލު ބަލިމަޑުކަމެއްގެ ތެރެއަށް މަޑުމަޑުން ގެންދާ ކަމުގެ އިންޒާރުގެ ސިގްނަލް ޑރ. ފައިސަލް ދެއްވި އެވެ. އޭނާ ވިދާޅުވާ ގޮތުގައި ވިޓަމިން ސީ މަދުވުމުގެ ބައްޔާ ކުރިމަތިވެފައިވާ ކުޑަކުދިން ގިނަވާ ކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ.

ވިޓަމިން ސީ މަދުވުމުގެ ބަލި


ޑރ. ފައިސަލް ވިދާޅުވި ގޮތުގައި މިފަހުން ދެ ކުއްޖެއްގެ ފައިގައި ރިއްސާވަރުން ނުހިނގިގެން ރާއްޖެއިން ހެދެން ހުރި ޓެސްޓްތައް ހެދުމުންވެސް އެއްވެސް މައްސަލައެއް ފާހަގަ ނުވުމުން ރާއްޖެއިން ބޭރަށް އިތުރަށް ތަހުލީލު ކުރުމަށް އެ ކުދިން ފޮނުވަން ޖެހުނެވެ.

އެއަށްފަހު ލިބުނު ނަތީޖާއަކީ ޑރ.ފައިސަލް ހައިރާންކުރުވި ނަތީޖާއެކެވެ. ބޭރުގެ ނަތީޖާއިން ދައްކާގޮތުން އެ ކުދިންނަށް ޖެހިފައިވަނީ ހަށިގަނޑުގައި ވަކި ވަރަކަށްވުރެ ވިޓަމިން ސީ މަދުވުމުން ޖެހޭ "ސްކާވީ" ނަމަކަށް ކިޔާ ބައްޔެކެވެ.

ޑޮކްޓަރު އެ ވާހަކަތައް ސޯޝަލް މީޑިއާގައި ހާމަކުރުމުން ރާއްޖޭގެ މަޝްހޫރު ދެ ޑައިޓީޝަނުން ކަމަށްވާ އާސިޔާ އަބްދުއް ރަހީމް އާއި ނަޖުލާއަށް ލިބުނީ ބޮޑު ހައިރާންކަމެވެ. އެބޭފުޅުން ކުރެއްވި ސުވާލަކީ ދިވެހި ކުޑަކުދިންތަކެއްގެ ހަށިގަނޑުން ވިޓަމިން ސީ މަދުވާންވީ ކީއްވެ ބާވައެވެ؟ ސަބަބަކަށް ވަނީ ރާއްޖެ އަކީ ފަސޭހައިން ވިޓަމިން ސީ ހުންނަ ކާނާ ލިބެން ހުންނަ ގައުމަކަށް ވާތީ އެވެ.

"ސްކާވީ" އަކީ 15 ވަނަ ގަރުނުގެ ފަހުކޮޅު، ދުރު ހިސާބުތަކަށް ކަނޑު ދަތުރުކުރާ މީހުން ހާލުގައި ޖެހިގެން، ކާނެ އެއްޗެއް ނެތި ގިނަދުވަސްވުމުން ހަށިގަނޑުން ވިޓަމިން ސީ މަދުވެގެން ޖެހެންފެށި ބައްޔެކެވެ.

މި ބަލިޖެހުމުގެ ސަބަބުން ގައިގެ އެކި ދިމާތަކުގައި ރިއްސާ، ބޮލުން އިސްތަށި ފައިބާ ނުުވަަތަ އިސްތަށި ބަލިކަށިވެ، ތުންފަތް ހިކުން ފަދަ ކަންކަން ދިމާވެ އެވެ.

ރާއްޖޭން ފެންނާނެ ކަމަށް އުންމީދު ކުރި ބައްޔެއް ނޫން

މިއީ ރާއްޖޭގައި ފެނުން އެންމެ އުންމީދު ނުކުރާފަދަ ބަލިތަކުގެ ތެރެއިން ބައްޔެއް ކަމުގައި ވިދާޅުވެ ޑައިޓީޝަން އާސިޔާ ވަނީ އޭނާގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރައްވައިފަ އެވެ.

"ކުރިންނަމަ އެއްވެސް ވަރަކަށް ހިޔެއް ނުކުރަން ވިޓަމިން ޑީ އަކީވެސް ދިވެހިންގެ މެދުގައި ޑެފިޝަންޓް އެއްޗަކަށް ވެދާނެ ކަމަކަށް. އެކަމަކު ވަރަށް ގިނަ މީހުންގެ މި މާއްދާވެސް މަދު. އެވަރުންވެސް ވިޓަމިން ސީ މަދުވެދާނެއޭ ހިތަކަށް ނާރާ. އެހެން މިބުނަނީ ވިޓަމިން ޑީ އަކީ ފެޓް ސޮލިއުބަލް އެއްޗެއް. އެކަމަކު ވިޓަމިން ސީ އަކީ ވޯޓާ ސޮލިއުބަލް އެއްޗެއް. އޭގެ މާނައަކީ ކޮންމެ ދުވަހަކުވެސް ހަށިގަނޑުން ރެޕްލެނިޝް ވާ އެއްޗަކަށް ވެފައި، ދިވެހިންނަށް އެބަހުރި ވިޓަމިން ސީ ލިބޭނެ ބައިވަރު ގޮތްގޮތް" އާސިޔާ ވިދާޅުވި އެވެ.


އާސިޔާ ވިދާޅުވި ގޮތުގައި ވިޓަމިން ސީ އިން މުއްސަނދި ބައެއް ކާނާ އަކީ ހުތް މޭވާ ތަކާއި ޓޮމާޓޯ، މެލަން، މުރަނގަ ފަތް، ރޯ ކެބެޖު، ސްޓްރޯބެރީ، ބިލިމަގު، ލުނބޯ، އަލަނާސި އަދި ކިވީ ހިމެނެ އެވެ.

އާސިޔާ ވިދާޅުވީ އެކި ބާވަތްތަކުގެ ފަތްތަކަކީ ސިއްހަތަށް ކިތަންމެ ފައިދާހުރި އެއްޗެއް ކަމުގައިވިޔަސް ކޮންމެ ކުއްޖަކީ ކެއުމުގެ ތެރޭގައި ފަތުގެ ބާވަތްތައް ކާނެ ކުއްޖެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެން ވެއްޖެ ނަމަ އެންމެ ކުޑަމިނުން ލުނބޯ ފަދަ ބާވަތްތަކަކީ ކޮންމެ ކުއްޖަކަށްވެސް ދެވިދާނެ އަދި ވިޓަމިން ސީ އިން މުއްސަނދި ތަކެތި ކަމަށް އޭނާ ވިދާޅުވި އެވެ.

ސިއްހީ މައްސަލަތަކުގެ ނުރައްކާތެރި ސިގްނަލެއް

މި ނޫނަސް ކުޑަކުދިންނަށް ދިމާވާ ސިއްހީ އެތަށް މައްސަލައެއް އާންމުންގެ ހޭލުންތެރިކަމަށް ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރައްވާ ޑރ. ފައިސަލް ވިދާޅުވިގޮތުގައި މި ފަހުން ޓެސްޓްތައް ހެދި ދެ ކުދިން ޑޮކްޓަރަށް ދައްކާފައިވާކަމަށް ލަފާކުރެވެނީ މިއަހަރުގެ ކުރީ ކޮޅާއި އަދި މިދިޔަ އަހަރުގެ ފަހުކޮޅެވެ.

އެހެންނަމަވެސް ކުޑަކުދިންގެ ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ނުލިބޭކަމަށް ބުނެ ޔުނިސެފުން ވަނީ އެކަމާއި ގުޅޭ ހާއްސަ ރިޕޯޓެއް 2016 ވަނަ އަހަރު ނެރެފަ އެވެ.

މި ރިޕޯޓުން ހާމަވި ގޮތުގައި އުމުރުން ފަސް އަހަރުން ދަށުގެ ދިވެހި ކުދިންގެ މެދުގައި "މެލްނިއުޓްރިޝަން" ނުވަތަ ހަށިގަނޑަށް ކޮންމެހެން ބޭނުންވާ ކާނާގެ ބާވަތްތައް ލިބެންޖެހޭ މިންވަރު މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމަކާ އަޅާބަލާއިރު ރާއްޖޭގައި އިތުރެވެ. މި ރިޕޯޓުގައިވާގޮތުން ކޮންމެ ފަސް ކުއްޖަކުން އެއް ކުއްޖަކީ ހުންނަންޖެހޭ އިސްކޮޅަށްވުރެ ކުރު ކުދިންނެވެ.

މިއީ ޅައުމުރުގައި ކުއްޖާއަށް ލިބެންވާ ދުޅަހެޔޮ ކާނާ ރަނގަޅަށް ނުލިބުމުގެ ސަބަބުން މުޅި އުމުރަށްވެސް އޭގެ ނޭދެވޭ އަސަރު އެކިގޮތްގޮތުން ކުރާނެ ކަމެއްގެ ގޮތުގައި މި ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި ރާއްޖޭގެ ބައެއް ހިސާބުތަކުގައި މި ނިސްބަތް ކޮންމެ ހަތަރު ކުއްޖަކުން އެކަކަށް ބަދަލުވާ ކަމަށްވެސް ވެ އެވެ.

ހަމައެޔާއެކު 17.3 ޕަސެންޓް ކުދިންނަކީ އުމުރާއި އެއްވަރަށް ހުންނަންޖެހޭ ބަރުދަނަށްވުރެ ލުއި ކުދިންނަށްވާއިރު، މިނިސްޓްރީ އޮފް ހެލްތް އިން ހެދި ދިރާސާއެއްގައި ދައްކާގޮތުން ގްރޭޑް އެކަކަށް ވަންނަ ކުދިންގެ ތެރެއިން 22 ޕަސެންޓް ކުދިންނަކީ ހުންނަންޖެހޭ ވަރަށްވުރެ ފަލަ ނުވަތަ "އޮބީސް" ކުދީން ކަމަށް މި ރިޕޯޓުގައިވެ އެވެ.

މެލްނިއުޓްރިޝަން ރާއްޖޭގައި މިހާބޮޑަށް އާންމުވެފައިވާ ސަބަބެއް ކަމުގައި ރިޕޯޓުގައި ބުނެފައިވަނީ، ބަންދުކޮށްފައި ހުންނަ ކާނާ ޕެކޭޖްޑް ކާނާ އަދި ސިއްހަތަށް ފައިދާ ލިއްބައިނުދޭ ތަކެތި މާ ގިނައިން ބޭނުން ކުރުމެވެ. ހާއްސަކޮށް އަތޮޅުތަކުގައި ތާޒާ މޭވާއާއި ތަރުކާރީ ފަދަ ބާވަތްތައް ލިބުމުގައި ބޮޑެތި ދަތިތަކެއް ހުރިކަން އެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ދުޅަހެޔޮކޮށް ކެއުން ބަހައްޓާ މީހުންގެ ނިސްބަތް ހުރީ އާބާދީގެ އެންމެ 6.5 ޕަސެންޓްގަ އެވެ. މިއީ އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނާއި ދަރިމައިވާ އުމުރުގެ އަންހެނުންގެ މެދުގައި މައިކްރޯ ނިއުޓްރިއަންޓް ޑެފިޝެންސީގެ މައްސަލަ ދިމާވެދާނެ ކަމެއްގެ ގޮތުގައި ރިޕޯޓުގައިވަނީ ފާހަގަކޮށްފަ އެވެ.

ލޯކަލް މާރުކޭޓް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ކެއިންބުއިމާއި މެދު އިންތިހާ އަށް ސަމާލުވާން އެބަޖެހޭ!

ޑައިޓީޝަން އާސިޔާ ވިދާޅުވިގޮތުގައި ޔުނިސެފްގެ ރިޕޯޓުގައިވެސް ބުނާފަދައިން މިފަދަ ޑެފިޝެންސީއަކީ އެންމެ ކުޑަ އާމްދަނީ ލިބޭ ފަދަ ގައުމުތަކުގައި ދިމާވެދާނެ މައްސަލައެކެވެ. އެހެންނަމަވެސް ރާއްޖެފަދަ ގައުމެއްގައި، އަގަކާއި ނުލައިވެސް ނުވަތަ ވަރަށް ހެޔޮއަގުގައިވެސް ވިޓަމިން ސީ ލިބޭނެ ފަދަ ބާވަތްތައް ލިބެން އެބަހުއްޓެވެ.

"ކޮންމެ މަންމައަކުވެސް ވަރަށް ބޮޑަށް އެބަބަލާ ކުދިންނަށް ރަނގަޅު އެއްޗެހި ކާންދެވޭތޯ. ދެން ފައިސާ މައްސަލައަކަށްވެގެން ކާން ނުދެވޭނެ އެއްޗިއްސެއްވެސް ނޫން ކަންނޭނގެ މި ދެންނެވި އެއްޗިއްސަކީ. މިސާލަކަށް ރަށެއްގައި ނަމަ މުރަނގަފަތް ކަހަލަ އެއްޗެހިވެސް އެބަހުރި، އަނެއްކާ ވަރަށް ޅައުމުރުން ފަށައިން ކުޅިކޮށްވެސް އެބަ ކާންދެވޭ. އޭގެ މާނައަކީ މިރުސްވެސް އެބަދެވޭ. ދެން ލުނބޯހުތް ފިތާފައި ބަތް އެއްޗެހިވެސް ދެވޭނެ." އާސިޔާ ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް ތަފްސީލީ ފުޑް ސާވޭއެއް ހެދިފައި ނުވުމަކީ މިފަދަ މައްސަލައަަކަށް އެޑްރެސް ކުރުމުގައި އުނދަގޫތަކެއް ހުރި ކަމެއްކަން ފާހަގަކުރައްވާ އާސިޔާ އިތުރަށް ވިދާޅުވީ، އޭނާގެ އަމިއްލަ ނަޒަރުގައި މިފަދައިން ވިޓަމިން ސީ މަދުވުމުގައި ޕެކްކޮށްފައި ހުންނަ ޖޫސްފަދަ ބާވަތްތަކުގެ އަސަރު ވަރަށް ބޮޑު ކަމަށް ބެލެވެ އެވެ.

"މިއީ ޑެފިނިޓް ޖަވާބެއް ނޫން. އެކަމަކު އަޅުގަނޑުގެ ތަޖުރިބާގައި އަޅުގަނޑުމެންގެ ތެރޭގައި އެކިވައްތަރުގެ ޖޫސް މިއީ ވަރަށް އާންމު އެއްޗެއް. ޕެކެޓުގައި މިހުންނަ ރައިބީނާގައިވެސް ވިޓަމިން ސީ ޖަހާފައި ހުއްޓަސް، އޭގައި ހަށިގަނޑަށް ބޭނުންވާ މިންވަރަކަށް އެބައި ނުހިމެނޭ. ދެން އާޓިފިޝަން ބައެއް ޖޫސް، ސަންކުއިކް، ޓޭންގް ފަދަ އެއްޗެހިީގައިވެސް އެ މާއްދާތަކެއް ނުހިމެނޭ. ދެން އެ ޖޫސްބޮއެެގެން ކުދިން މިތިބެނީ ބަނޑުފުރިފައި. އަސްލު ކާންޖެހޭ އެއްޗެހިވެސް ނުކެވޭ. އޭގެ ބަދަލުގައި ގަރުދިޔައާއި ބަތާއި މޮޑެފައި ލުނބޯ ހުތްކޮޅެއް ޖަހާލީމަވެސް މާގިނައިން އެ ބައިތަށް ލިބިދޭ،" އާސިޔާ ވިދާޅުވި އެވެ.

ސްކާވީ ފަދަ ބަލިތައް ޖެހެނީ ވަރަށް ބޮޑުވަރުވީމަ

ޑައިޓީޝަނުން ވިދާޅުވާގޮތުގައި ދުވާލަކަށް އެންމެ ލުނބޯއެއް ބޭނުންކޮށްގެންވެސް ސްކާވީ ފަދަ ބައްޔަކުން ދުރުހެލިކޮށްދޭނެ އެވެ. އެހެންނަމަވެސް އެ މިންވަރުވެސް ނުލިބި މިފަދަ ބައްޔެއްގެ ޝިކާރައަކަށް ހަށިގަނޑު ވަނީ ވަރަށް ގިނަ ދުވަސްވުމުންނެވެ.

އެއާއިއެކު އާސިޔާވަނީ ވިޓަމިން ސީ ކެއުމުގައި އިތުރުކުރެވިދާނެ ފަސޭހަ ގޮތްތަކެއް ވެސް ކިޔައިދެއްވާފަ އެވެ. އޭގެ ތެރޭގައި؛

  • އެކި ވައްތަރުތަކުގެ ޕެކޭޖްޑް އަދި ޕައުޑާޑް ޖޫސް ބޭނުންކުރުން ހުއްޓާލުން
  • މޭވާ އިން ވެސް އެކި ވައްތަރުތަކުގެ ފަންޏާއި ޖޫސް ހެދުމުގެ ބަދަލުގައި ކެއުން އިސްކުރުން
  • މުރަނގަފަތް ފަދަ ފަތްޕިލާވެލި ބޭނުން ކުރުން އިތުރުކުރުމަށް ސަމާލުކަން ދިނުން
  • ރޯ ފަތުގެ ބަދަލުގައި ތެލުލިފަތް ބޭނުން ނުކުރުން
  • ވީހާވެސް ފެހި އަދި ރީދޫ ކުލައިގެ މޭވާ އާއި ތަރުކާރީ ގިނައިން ބޭނުން ކުރުން

ވަކިން ހާއްސަކޮށް ފަހުގެ ދިރާސާތައް ދައްކާގޮތުން މާބަނޑުއިރު މައިމީހާ ކައިއުޅޭ ކާއެއްޗިއްސަކީ ދަރިފުޅު ދުނިޔެއަށް އުފަންވުމަށްފަހު ކާނޭ ބާވަތްތަކެއްކަމުގައި ދިރާސާތަކުން ދައްކާއިރު، މާބަނޑު ދުވަސްވަރު މޭވާ އާއި ތަރުކާރީ ކެއުން އިތުރު ކުރަން ޖެހޭކަން އާސިޔާ ފާހަގަކުރެއްވި އެވެ.

"އިތުރު ކުރަންޖެހެއޭ މި ދެންނެވީ އާންމުކޮށް ކާންމިޖެހެނީ ދުވާލަކަށް 2-3 މޭވާ. އެއީ މިސާލަަކަށް އެއް އޮރެންޖު، އެއް އާފަލު އެގޮތަށް. ދެން ވަރަށް ބޮޑަށް ބަލިވެގެން މިސާލަކަށް ރޯގާއެއް ޖެހިގެން އިތުރު ކުރަންޖެހިދާނެ. އެނޫނީ ހަމަ ހުރިހާ ފަރާތްތަކުންވެސް މި މިންވަރުތައް ގެންގުޅުން ވަރަށް މުހިންމު" އާސިޔާ ވިދާޅުވި އެވެ.

comment ކޮމެންޓް