ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު ހައްޔަރުކޮށްފި

ޖިންސީ އަނިޔާއާ ދެކޮޅަށް ކުރި މުޒާހަރާއެއް -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ހުވަދު އަތޮޅުގެ ރަށެއްގައި 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނެފައިވަނީ ހުވަދު އަތޮޅުގައި ހިމެނޭ ރަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ ބުދަ ދުވަހު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު 17:33 ހާއިރު ބިދޭސީ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 36 އަހަރުގެ މީހެއް ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ބިދޭސީ މީހަކީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.

comment ކޮމެންޓް