ރާއްޖޭގެ ދެކުނު ސަރަހައްދުތަކަށް މިރޭ މޫސުން ގޯސްވުން އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފި އެވެ.
މިދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވަމުންދާ ދުވަސްވަރެކެވެ. އެކަމާ ގުޅިގެން މިރޭ، ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އެގޮތުން ދެކުނުގެ ސަރަހައްދުތަކަށް ވައިގަދަވެ ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި ބައެއް ސަރަހައްދުތަކަށް ގުގުރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.
ދެކުނުގެ ސަރަހައްދުތަކަށް މޫސުން ގޯސްވުން އެކަށީގެންވާ ކަމަށް ލަފާކޮށް ގއ. އަތޮޅުން އައްޑޫ ސިޓީއާ ހަމައަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.
އެ ސަރަހައްދުތަކަށް އާންމުގޮތެއްގައި ގަޑިއަކު 19 މޭލާއި 23 މޭލުގެ ބާރު މިނުގައި ވައި ޖެހޭނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
އެހެންކަމުން ދަތުރުފަތުރުކުރުމުގައި އަދި ހާއްސަކޮށް ރޭގަނޑުގެ ވަގުތުގައި ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް ވަނީ އެދިފަ އެވެ.