ސޯޝަލް މީޑިއާގައި ކުރި ޕޯސްޓާ ގުޅިގެން ކަވާނީ މައާފަށް އެދެފި

މެންޗެސްޓާ ޔުނައިޓަޑްގެ މައްޝޫރު ފޯވާޑް އެޑިންސަން ކަވާނީ: ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަށް އޭނާ ވަނީ މައާފަށް އެދިފައި

އާދިއްތަ ދުވަހުގެ ޕްރިމިއާ ލީގް މެޗަށް ފަހު މެންޗެސްޓާ ޔުނައިޓަޑްގެ މައްޝޫރު ފޯވާޑް އެޑިންސަން ކަވާނީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓާ ގުޅިގެން އޭނާ މައާފަށް އެދެފިއެވެ.

އެ މެޗުގައި ޔުނައިޓަޑަށް ދެ ލަނޑު ކާމިޔާބު ކޮށްދިނުމަށްފަހު މެޗު ނިންމައި އޭނާގެ ސަޕޯޓަރެއް ކުރި މެސެޖަކަށް ޖަވާބު ދެމުން އޭނާ ވަނީ "ގްރާސިއަސް ނެގްރީޓޯ" އޭ ބުނެ ޕޯސްޓެއް ކޮށްފައެވެ.

ދެކުނު އެމެރިކާގެ ގައުމުތަކުގައި މި ލަފުޒަކީ މީހުންނާ މެދު ގާތްކަން އަންގުވައިދޭ ލަފުޒަކަށް ވި ނަމަވެސް، ދުނިޔޭގެ ގިނަ ހިސާބުތަކުގައި މި ލަފުޒަކީ ނޭދެވޭ މާނައެއް ދޭހަވާ ލަފުޒެކެވެ. އާދިއްތަ ދުވަހުގެ މެޗުގައި ކަވާނީ ވަނީ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރާ ޔުނައިޓަޑަށް ދެ ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަދި އެ މެޗުގައި ޔުނައިޓަޑުން ޖެހި ތިންވަނަ ލަނޑަށްވެސް އޭނާ ވަނީ އެސިސްޓްވެފައެވެ.

އެކަމަށް މައާފަށް އެދެމުން މެންޗެސްޓާ ޔުނައިޓަޑްގެ ވެބްސައިޓުގައި ޝާއިއު ކޮށްފައިވާ މެސެޖެއްގައި އޭނާ ބުނެފައި ވަނީ އެ ޕޯސްޓަކީ އޭނާގެ ރަހުމަތްތެރިއެއް އޭނާއަށް މަރުހަބާ ކިޔުމުން ޖަވާބުދާރީ ވުމުގެ ގޮތުން ކުރި ޕޯސްޓެއް ކަމަށެވެ. އަދި އެއީ އޭނާ އެއްވެސް ފަރާތަކަށް ބަދުބަސް ބުނުމުގެ ގޮތުން ބުނި އެއްޗެއް ނޫން ކަމަށާއި، އެ މެސެޖުން ނުބައި މާނައެއް ނެގިދާނެކަން އޭނާއަށް އެނގުނު ހިސާބުން އެ މެސެޖު ޑިލީޓް ކޮށްލި ކަމަށްވެސް އޭނާ ބުންޏެވެ. އަދި ނަސްލީ ތަފާތު ކުރުމާއި އޭނާ މުޅިން ދެކޮޅު ކަމަށާއި، އެކަމަށް އޭނާ މައާފަށް އެދޭ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

އެ ހާދިސާއާ ގުޅިގެން މެންޗެސްޓާ ޔުނައިޓަޑުން ނެރުނު ބަޔާނުގައި އެ ކްލަބުން ބުނެފައި ވަނީ ކަވާނީ އެ މެސެޖު ޕޯސްޓު ކުރީ ނޭދެވޭ ގޮތަކަށް ނޫން ކަމަށް އެ ކްލަބަށް ދޭހަވާ ކަމަށާއި، އެ މެސެޖުން ނުބައި މާނައެއް ނެގިދާނެކަން އެނގުމުން ކަވާނީ އެ މެސެޖް ޑިލީޓް ކޮށްފައި ވާކަމަށެވެ. އަދި އެ ހާދިސާއަށް އޭނާ މައާފަށް އެދިފައި ވާކަމަށާއި، އެ ކްލަބަކީ ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ކުރާ މަސައްކަތަށް ފުރިހަމައަށް ތާއީދު ކުރާ ކްލަބެއް ކަމަށް ބުނެފައި ވެއެވެ.

ކަވާނީ އެ ޕޯސްޓަށް މައާފަށް އެދުމުގެ ކުރިން އިނގިރޭސި ވިލާތުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ އެކަން އެ އެސޯސިއޭޝަނަށް އެނގިފަ އި ވާކަމަށާއި، އެ ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައެވެ. އެ އެސޯސިއޭޝަންގެ އާ ގަވާއިދިތައް ބުނާ ގޮތުން، ނަސްލީ ތަފާތުކުރުން ފަދަ އަމަލެއް ކޮށްފި ކޮންމެ ކުޅުންތެރިއަކު ހަ މެޗަށް ސަސްޕެންޑް ކުރެވޭނެއެވެ. ނަމަވެސް އެފަދަ ހާދިސާއެއް ހިނގީ ގަސްދަކާ ނުލާ ކަމަށް ވާނަމަ، އެ އަދަދު ތިން މެޗަށް ދަށް ކުރުމުގެ އިހުތިޔާރު އެ އެސޯސިއޭޝަނަށް އޮވެއެވެ.

comment ކޮމެންޓް