ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން ޗައިނާގައި ދެ ކެމްޕެއިން

ރައްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ޗައިނާގައި މާކެޓިން ދެ ކެމްޕެއިން ފަށައިފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން އިން ބުނީ މޯލްޑިވްސް އޮންލައިން ރޯޑް ޝޯގެ ނަމުގައި ކުރިއަށްގެންދާ މާކެޓިން ކެމްޕެއިނެއްގެ އިތުރުން ވީޗެޓު މެދުވެރިކޮށް ޗައިނާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކެމްޕެއިނެއް ފަށާފައިވާ ކަމަށެވެ.

އޮންލައިން ރޯޑް ޝޯ ކުރިއަސް ގެންދަނީ ތިން ބަޔަކަށް ކަމަށާއި އެގޮތުން އެ ހަރަކާތުގައި ވެބިނާއެއްގެ އިތުރުން އޮންލައިން އެގްޒިބިޝަނަކާއި ވަން އޮން ވަން ބައްދަލުވުންތައް ކުރިއަށް ގެންދާނެ ކަމަށް އެމްއެމްޕީއާރުސީ އިން ބުންޏެވެ.

ވެބިނާގައި ރާއްޖެއަކީ ފަތުުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ޓޫރިސްޓުންނަށާއި ޓުއަ އޮޕަރޭޓަރުންނަށް އިޝްތިހާރު ކުރާނެ ކަމަށާއި ރޯޑް ޝޯގެ ތެރެއިން ކުރިއަށް ގެންދާ އޮންލައިން އެގްޒިބިޝަން އަންނަ ފެބްރުއަރީ މަހުގެ ނިޔަލަށް ކުރިއަށްގެންދާނެ ކަމަށް އެމްއެމްޕީއާރުސީ އިން ބުންޏެވެ.

އެމްއެމްޕީއާރުސީ އިން ވަނީ ވީޗެޓުގައި ޗައިނާ ޓްރެވަލް ޓްރޭޑް އިންފޮމޭޝަން ޕޯޓަލް އެއް ލޯންޗުކޮށްފައެވެ. ޗައިނާގެ 1.2 ބިލިއަން މީހުން ބޭނުންކުރާ މި ޕްލެޓްފޯމުގައި ލޯންޗު ކުރި ޕޯޓަލް އިން ރާއްޖޭގެ ފަތުރވެރިކަމާ ގުޅޭ ފަހުގެ ހަބަރުތައް ހިއްސާކޮށް ރާއްޖެ އަށް ދަތުރުކުރުމާ ގުޅޭ މައުލޫމާތު ހިއްސާ ކުރާނެއެވެ.

ޗައިނަ އަކީ ފާއިތުވި 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގައި އެންމެ މުހިއްމު އެއް މަންޒިލެވެ. މިދިޔަ 2019 ވަނަ އަހަރު ޗައިނާ އިން 284,029 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އަދި ކޮވިޑް19 ގެ ބަކިމަޑުކަމާ ގުޅިގެން މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޗައިނާ ފަތުރުވެރިން އައުން ހުއްޓާލުމާ ހަމައަށް އެ ގައުމުން 31,744 ފަތުރުވެރިން ރާއްޖެ އައިސްފައެވެ.

comment ކޮމެންޓް