މެސީގެ ސެލަބްރޭޝަނާ ހެދި ބާސެލޯނާއަށް ޖޫރިމަނާއެއް

ބާސާ އާއި އޮސަސޫނާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބާސާ މޮޅުވީ 4-0 ން --- ފޮޓޯ//ބާސެލޯނާ

ސްޕެނިޝް ލީގުގައި އޮސަސޫނާ އަތުން ބާސެލޯނާ މޮޅުވި މެޗުގައި އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ މެޗުގައި ޖެހި ގޯލަށްފަހު މިދިޔަ ހަފުތާ މަރުވި ފުޓުބޯޅައިގެ ރަމްޒުދާރު ޑިއޭގޯ މަރަޑޯނާގެ ޝަރަފުގައި ކުރި ސެލަބްރޭޝަންގެ ސަބަބުން ކުލަބް ޖޫރިމަނާ ކޮށްފި އެވެ.

މެސީ ގޯލު ޖެހުމަށްފަހު އޭނާގެ ބާސެލޯނާ ޖާޒީ ބޭލުމަށްފަހު އޭނާ އެތެރެއިން ލައިގެން ހުރި އާޖެންޓީނާގެ ނިއުވެލް ބޯއީސްގެ ޖާޒީ ވަނީ ކެމެރާއަށް ދައްްކާލައިފަ އެވެ. އެ ޖާޒީ އަކީ މީގެ އެތައް އަހަރެއް ކުރިން މަރަޑޯނާ ކުޅުނު އިރު އޭނާ ލައިފައިވާ ޖާޒީ އެކެވެ. ލެޖެންޑަރީ 10 ނަންބަރު ޖަހާފައިވާ އެ ޖާޒީ މަރަޑޯނާ މެސީއަށް ހަދިޔާކޮށްފައިވާ އިރު، މެސީ އެންމެ ފުރަތަމަ ފުޓުބޯޅަ ކުޅެން ފެށީ މަރަޑޯނާގެ އެ ޖާޒީ ނިސްބަތްވާ ނިއުވެލް ބޯއީސް ޓީމަށެވެ.

އެއާއެކު މެސީ އެހެން ލީގެއްގެ ޖާޒީއެއް ޕްރޮމޯޓް ކުރި ކަމަށް ބަލައި، ސްޕެނިޝް ލީގުން ބާސެލޯނާއަށް ވަނީ 3000 ޔޫރޯގެ ޖޫރިމަނާއެއް ކޮށްފަ އެވެ. މެސީއަށް އެ މެޗުގައި ވެސް ޖާޒީ ބޭލުމުން ރީންދޫ ކާޑެއް ރެފްރީ ދެއްކި އިރު، ސްޕެނިޝް ލީގުގެ ގަވާއިދު ބުނާގޮތުން އެއްވެސް ހާލަތެއްގައި އެހެން ލީގެއްގެ ޓީމެއް ނުވަތަ ޖާޒީއެއް ވެސް ދަނޑުމަތީގައި ޕްރޮމޯޓްވާ ފަދަ އަމަލެއް ހިންގުމަކީ ކުށެކެވެ.

މަރަޑޯނާގެ ޝަރަފުގައި ފަހަކަށް އައިސް ގިނަ ކުލަބުތަކަކުން އަންނަނީ ގޯލު ޖެހުމާއި، މެޗުގެ ކުރިން ހާއްސަ ޓްރިބިއުޓްތަކެއް ދެމުންނެވެ.

އުމުރުން 60 އަހަރުގައި މަރަޑޯނާ މަރުވީ މިދިޔަ ބުދަ ދުވަހު ޖެހުނު ހާޓްއެޓޭކެއްގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ކުރިން މި މަހުގެ ކުރީކޮޅު އޭނާގެ ސިކުނޑީގައި ލޭ ކޮޅެއް ގަނޑުވެފައި ހުރުމުގެ ސަަބަބުން ވަނީ ކުއްލި އޮޕަރޭޝަނެއްވެސް ކޮށްފައެވެ. މަރަޑޯނާ މަރުވީ އެ އޮޕަރޭޝަނަށްފަހު ހޮސްޕިޓަލުން ދޫކޮށްލިތާ ދެ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

comment ކޮމެންޓް