32 ދައުވާއަށް އިއުތިރާފުވުމުން ޒިޔަތަށް 11 އަހަރުގެ ޖަލު ހުކުމެއް

އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ----

އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ދައުލަތުން އުފުލި 32 ދައުވާއަށް އޭނާ މިއަދު ކްރިމިނަލް ކޯޓުގައި އިއުތިރާފުވެއްޖެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އެއްބާރުލުންދީ ކުށްތަކަށް އިއުތިރާފުވުމަށް ޒިޔަތު ވަނީ އެއްބަސްވުމެއް ހަދައިފައެވެ. އަދި ކޯޓުގައި މިއަދު ދައުވާތަކަށް އިއުތިރާފުވެފައި ވަނީ އެ އެއްބަސްވުމުގެ ދަށުންނެވެ.

ޒިޔަތުގެ މައްޗަށް ހިޔާނާތުގެ ދައުވާކޮށްފައި ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ވިއްކައިގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ އެމްއެމްޕީއާރްސީގެ އެކައުންޓަށް ޖަމާކުރުމުގެ ބަދަލުގައި އެސްއޯއެފް ކިޔާ އަމިއްލަ ކުންފުންޏަކަށް ޖަމާކުރިކަމުގެ ތުހުމަތުގައެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ކޮންމެ ދައުވާއަކަށް ވަކިވަކިން އޭނާ ވަނީ މިއަދު އިއުތިރާފުވެފައެވެ.

އަދި ދައުވާތަކަށް އިއުތިރާފު ވަނީ އެއްވެސް މަޖުބޫރު ކަމެއް ނެތި އަމިއްލަ އިހްތިޔާރުގައި ކަމަށް ވެސް ޒިޔަތު ވިދާޅުވިއެވެ.

ޒިޔަތު ވިދާޅުވީ ހިޔާނާތުގެ ފައިސާގެ ޗެކްތަކާއި ހަވާލުވީ އަމިއްލައަށް ކަމަށާއި ނަމަވެސް އެއްވެސް ޗެކަކުން ލިބުނު ފައިސާއެއް އޭނާއަށް ލިބިފައި ނުވާކަމަށެވެ.

އަދި އެ ޗެކުތައް ހަވާލުކުރީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވީ ފަރާތްތަކާ ކަމަށާއި އެގޮތަށް ކަންތައް ކުރީ، ސަރުކާރުގެ ކަންކަމަށް އެ ފައިސާ ހަރަދުކުރާ ކަމަށް އަދީބު ވިދާޅުވުމުން ކަމަށެވެ.

ދައުވާތަކަށް ޒިޔަތު އިއުތިރާފުވުމުން، އޭނާގެ މައްޗަށް އުފުލާފައިވާ 32 ދައުވާވެސް ސާބިތުވާކަމަށް މިއަދު ވަނީ ކަނޑައަޅައިފައެވެ.

އިއުތިރާފު އެއްބަސްވުމުގެ ދަށުން ދައުލަތުން އެދުނީ ޒިޔަތަށް ޖުމްލަ އަދަބެއްގެ ގޮތުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ.

ގާނޫނުލްއުގޫބާތުގައި ބުނަނީ ކުށްވެރިޔާގެ މައްޗަށް އެއް ކުށަށްވުރެ ގިނަ ކުށް ސާބިތުވާ ހާލަތްތަކުގައި އޭނާގެ މައްޗަށް ސާބިތުވާ ކޮންމެ ކުށަކަށް އަދަބު ކަނޑައަޅާނީ އެ ކުށަކަށް ވަކިން، އެ ކުށެއްގެ ދަރަޖައާއި، އަދަބު ކަނޑައެޅުމުގައި ބަލަންޖެހޭ އެންމެހާ ކަންކަން ބެލުމަށްފަހު، އެއީ އޭނާގެ މައްޗަށް ސާބިތުވި ހަމައެކަނި ކުށް ކަމަށް ބަލައިގެން ކަމަށެވެ.

އެންމެ ބޮޑު ކުށަށް، ނުވަތަ އަދަބުގެ މުއްދަތު އެންމެ ދިގު ކުށަށް ކަނޑައަޅާނީ އެ ކުށަށް ކަނޑައެޅެން އޮތް އަދަބުގެ އެންމެ ދިގު މުއްދަތެވެ. ނަމަވެސް އެއަށްފަހު މުއްދަތު އަންނާނީ ކުރުވަމުންނެވެ.

އެގޮތުން އެންމެ ބޮޑު ކުށަށް އަދަބުގެ އެންމެ ދިގު މުއްދަތު ކަނޑައެޅުމަށް ފަހު ދެން ހުރި ކުށްތަކުގައި ވަކި ތަރުތީބަކުން އަދަބުގެ މިންވަރު ދަށް ކުރުމުން ޒިޔަތުގެ މައްޗަށް އުފުލާފައިވާ 12 ވަނަ ދައުވާގެ އަދަބަކީ އެއް ދުވަހުގެ ޖަލު ހުކުމެކެވެ.

އެއް ދުވަހުގެ ޖަލު ހުކުމަކީ އަދަބުގެ އެންމެ ކުޑަ މިންވަރު ކަމަށްވާތީ އޭގެ ފަހުން އޮތް 20 ދައުވާގައި އޭނާއަށް އެއްވެސް އަދަބެއް ނާދެއެވެ.

ނަމަވެސް ހިޔާނާތުގެ ސަބަބުން ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުމުގެ ދައުވާތައް ވަކިން ކުރިއަށް ގެންދާނެ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

މިއަދުގެ އަޑުއެހުން ނިންމާލީ، އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާކަން ގާޒީ އިއުލާނުކުރެއްވުމަށްފަހުއެވެ. އެހެންކަމުން އެ މައްސަލައިގައި ދެން އޮންނާނީ ހުކުމް ކުރުމެވެ. ހުކުމް ކުރުމުގެ މަޖިލިސް އޮންނާނީ އަންނަ އާދީއްތަ ދުވަހުއެވެ.

ޅ. މާބިންހުރާގެ ދޫކޮށްގެން ދައުލަތަށް ލިބުނު ފައިސާއަށް ހިޔާނާތްތެރިވި މައްސަލަ އޭނާގެ މައްޗަށް ސާބިތުވެ، ކްރިމިނަލް ކޯޓުން ވަނީ އަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

އެ ހުކުމް އޭނާ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ހުކުމް ހައިކޯޓުން ވަނީ ދަމަހައްޓައިފަ އެވެ. އޭގެ ފަހުން އޭނާ ވަނީ ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

ނަމަވެސް ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައި އޭނާ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އިސްތިއުނާފު މައްސަލަ ވަނީ އަނބުރާ ގެންދަވައިފައެވެ.

comment ކޮމެންޓް