ވީއައިއޭ އަކީ ހިލޭ އެޅެން އޮތްތަނެއް: ނަޝީދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ މަސައްކަތްތައް ކުރުމަށް ނަގާފައިވާ ގިނަ ލޯނުތަކެއް އަންނަ އަހަރު އަނބުރާ ދައްކަން ޖެހޭއިރު، އެ އެއާޕޯޓަކީ ހިލޭ އެޅެން އޮތްތަނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ވަނީ ރާއްޖެއިން ޗައިނާ އިން ނަގާފައިވާ ލޯނުތަކަށް އަންނަ އަހަރު ބޮޑު އަަދަދެއް ދައްކަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ނަޝީދު ވަނީ އަންނަ އަހަރު ރާއްޖެއިން ޗައިނާ އަށް ދައްކަންޖެހޭ ލޯނުތަކުގެ ބޮޑު ލިސްޓެއްވެސް ވިދާޅުވެފައެވެ. އޭގެ ތެރޭގައި ހުޅުމާލޭގައ އަޅާ ހައުސިންގް ޔުނިޓުތަކުގެ މަސައްކަތަށް ނަގާފައިވާ ލޯނާއި ބްރިޖު މަޝްރޫއަށް ނަގާފައިވާ ލޯނުގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއަށް ނަގާފައިވާ ލޯނުތައްވެސް ހިމެނެއެވެ.

އަންނަ އަހަރު ދައްކަން ޖެހޭ ލޯނުތަކާ ގުޅޭ ގޮތުން މަޖިލިސް ރައީސް ނަޝީދު ހިއްސާ ކުރެއްވި ތަފްސީލު

  • ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަގު ހެދުމުގެ މަޝްރޫއަށް ނަގާފައިވާ 3.4 މިލިއަން ޑޮލަރު
  • ސްޓެލްކޯ ފިފްތްޕަވާ ޕްރޮޖެކްޓަށް ނަގާފައިވާ 6.2 މިލިއަން ޑޮލަރު
  • 7،000 ހައުސިން ޔުނިޓަށް ނަގާފައިވާ 21.7 މިލިއަން ޑޮލަރު
  • ހުޅުމާލޭގައި އަޅާ 1،530 ހައުސިން ޔުނިޓަށް ނަގާފައިވާ 15.29 މިލިއަން ޑޮލަރު
  • އިރުފެން އައިލެންޑް ރިސޯޓު ތަރައްގީކުރަން އެ ކުންފުނިން ނަގާފައިވާ 12.75 މިލިއަން ޑޮލަރު
  • 7،000 ހައުސިން ޔުނިޓަށް ނަގާފައިވާ އިތުުރު 28.3 މިލިއަން ޑޮލަރު
  • ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިލެކްޓްރިސިޓީ ނެޓްވޯކް ޕްރޮޖެކްޓަށް ދައްކަން ޖެހޭ 6.3 މިލިއަން ޑޮލަރު
  • ވީއައިއޭގެ އާ ސީޕްލޭން ޓާމިނަލް ޕްރޮޖެކްޓަށް ދައްކަން ޖެހޭ 4.5 މިލިއަން ޑޮލަރު
  • 2،500 ހައުސިން ޔުނިޓަށް ދައްކަން ޖެހޭ 6.6 މިލިއަން ޑޮލަރު
  • ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގަ ޕްރޮޖެކްޓަށް 4.2 މިލިއަން ޑޮލަރު
  • ޑިވެލޮޕްމަންޓް އޮފް ހުޅުމާލެ އައިލެންޑްގެ ނަމުގައި ނަގާފައިވާ ލޯނަށް 15 މިލިއަން ޑޮލަރު
  • ވީއައިއޭގެ ތަރައްގީގެ މަޝްރޫއަށް ނަގާފައިވާ ލޯނަކަށް ދައްކަންޖެހޭ 24.9 މިލިއަން ޑޮލަރު
  • ސިނަމާލެ ބްރިޖަށް ދައްކަން ޖެހޭ 30.3 މިލިއަން ޑޮލަރު
  • ވީއައިއޭ ޑިވެލޮޕްމެންޓް ޕްރޮޖެކްޓަށް ނަގާފައިވާ ލޯނަކަށް ދައްކަން ޖެހޭ 3.5 މިލިއަން ޑޮލަރު
  • ވީއައިއޭ ތަރައްގީކުރާ މަޝްރޫއުއަށް އިތުރު 15.3 މިލިއަން ޑޮލަރު

"އިއްޒަތްތެރި މެންބަރުންނަށް އެނގިވަޑައިގަންނަވާނެ އެއީ ހިލޭ އެޅެން އޮތް ތަނެއްކަން. ވެލާނާއޭ ކިޔާ އިންޓަނޭޝަނަލް އެއާޕޯޓު. 25 އަހަރު ދުވަހުގެ މުއްދަތަށް ބަޔަކު މީހުން އަޅާފައި، ހިންގާފައި އަޅާފައި އަޅުގަނޑުމެންނަށް ދީފައި މިހާރު ދާހާ ދުވަސް މިވީ،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ ޖީއެމްއާރަށް 25 އަހަރަށް ވަނީ ކުއްޔަށް ދީފައެވެ. ނަމަވެސް އެއާޕޯޓު ޖީއެމްއާރަށް ދިން އެއްބަސްވުން ކުރީގެ ރައީސް ވަހީދުގެ ސަރުކާރުގަި ވަނީ ބާތިލް ކޮށްފައެވެ. އެއާޕޯޓު އެއްބަސްވުން އުވާލުމާ ގުޅިގެން ޖީއެމްއާރަށް ބަދަލުގެ ގޮތުގައި 271 މިލއިަން ޑޮލަރު ދިވެހި ސަރުކާރުން ދައްކައި ނިންމީ 2016 ވަނަ އަހަރު އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް އެއް ބިލިއަން ޑޮލަރުގެ މަޝްރޫއެއް ވަނީ ފަށައިފައެވެ.

comment ކޮމެންޓް